“ހުކުރު އުފާ” ފެސްޓިވަލް ހުޅުވައިފި


ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ މަޢުލޫމާތު ފެތުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން “ހުކުރު އުފާ”ގެ ނަމުގައި އިސްލާމިކް ފެސްޓިވަލެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު އިސްލާމީ މަރުކަޒު މައިދާން ސަރަޙައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި ފެސްޓިވަލް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދުއެވެ.

މި ފެސްޓިވަލްގެ މަޤްޞަދަކީ އިސްލާމީ ވެއްޓެއްގައި ޢާއިލީ ގުޅުން ބަދަހިކުރުމާއި އިސްލާމީ ރޫޙު އާލާކޮށް އިސްލާމީ ވެއްޓެއްގައި ކުޑަކުދިންގެ ހިތް އުފާކޮށްދީ ދޭދޭ ފަރުދުންގެ މެދުގައި ހިޔާލު ބަދަލުކުރެވޭ މާހައުލެއް ޤާއިމުކޮށް މުޖުތަމަޢުގައި ދީނީ ގޮތުން އުފެދޭ ސުވާލުތަކާއި، އޮޅުންއަރާ ކަންކަން މަޝްވަރާކޮށް އޮޅުންފިލުވުމެވެ. މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިލްސިލާކޮށް ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ހަވީރު 16:00 އިން 18:00 އަށް ކުޑަކުދިންނަށް ޚާއްޞަކޮށްގެން ދީނީ ގޭމް ސްޓޯލްތަކާއި ހަދިޔާ ދިނުމާއި މުޞްޙަފް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ރޭގަނޑު 20:30 އިން 22:00 އަށް ދީނީ އެކި މަޢުޟޫތަކަށް ދީނީ ޢިލްމުވެރިން ވާހަކަފުޅުދެއްކެވުމާއި ދީނީ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވެއެވެ.

ފުރަތަމަ “ހުކުރު އުފާ” ފެސްޓިވަލްގައި “ފުރާނައަށް ދިރުން ދޭށެވެ” މި މަޢުޟޫއަށް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ.

04 އޮގަސްޓު 2017