ރަސްމީ ދަތުރުފުޅެއްގައި ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާހިމް އަޙްމަދު މޮރޮކޯއަށް ފުރާވަޑައިގެންފި


ކޮންމެ ރަމަޟާންމަހަކު މޮރޮކޯގެ ރަސްގެފާނު މުޙައްމަދު (ހަވަނަ) ބައިވެރިވެވަޑައިގަންނަވާ ދީނީ ދަރުސް ޕްރޮގްރާމް، އައްދުރޫސް އަލްޙަސަނިއްޔާގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް މި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަޙްމަދާއި މި މިނިސްޓްރީގެ ވާޢިޡް އައްޝައިޚް އަޙްމަދު މައުމޫން މިރޭ މޮރޮކޯގެ ކަސަބްލަންކާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މޮރޮކޯގެ ކުރީގެ ރަސްގެފާނު އަލްމަރްޙޫމް ޙަސަން (ދެވަނަ) ގެ އިސްނެންގެވުމުގެ ދަށުން 1963 އިން ފެށިގެން ކޮންމެ ރަމަޟާންމަހަކު ބާއްވަމުން އަންނަ މިދަރުސްތަކުގައި މުސްލިމް އުއްމަތުގެ އެކި މަޒްހަބުތަކާއި އެކި ފިކުރުތަކުގެ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާއިރު، މޮރޮކޯގެ ޝާހީ ޢާއިލާއާއި، އިސް ޢިލްމުވެރިންނާއި، ދައުލަތުގެ އިސްވެރިންނާއި، ޚާރިޖީ މިޝަންތަކުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރަމަޟާންމަހުގެ 14 އިން ފެށިގެން 30 އަށް ކުރިއަށްގެންދާ މިދަރުސްތަކުގައި އިސްލާމްދީނުގެ އަޞްލުތަކާ މެދު މަޝްވަރާކޮށް، ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި ޒަމާނީ މައްސަލަތަކަށް ތަފާތު ނަޒަރިއްޔާތަކުން ޖަވާބު ހޯދުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ދީނީ ޢިލްމުވެރިން މަސައްކަތް ކުރައްވާނެއެވެ. ހަމައެހެންމެ، ދީނީގޮތުން ހައްދުފަހަނައަޅާދިއުން ހުއްޓުވައި، ދުނިޔޭގައި އެއްބައިވަންތަކަމާއި ހަމަޖެހުމާއި ސުލްޙަވެރިކަން ކުރިއަރުވައި، ޙަޟާރަތްތައް ބިނާކުރުމުގެ މައްޗަށް އަލިއަޅުވާލައި މިދަރުސްތަކުގައި ޢިލްމުވެރިން ތަޤްރީރުކުރައްވާނެއެވެ.  ރާއްޖޭގެ ފަރާތުންވެސް މިބައްދަލުވުންތަކުގައި ކަރުދާސް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިއްމު މައްސަލަތައް ޒަމާނީ ފިޤްހާއި އިސްލާމީ ޝަރީޢަތާއި ސައިންސްގެ އަލީގައި ޙައްލުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މިދަރުސްތަކުން ސިޔާސީ އަދި ފަރުދީ ބަދަލުތަކެއް ގެނެސްދިނުމަކީ މިދަރުސްތަކުގެ އެންމެ ބޮޑު އެއް އަމާޒެވެ.

މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހިމް އަޙްމަދާއި އައްޝައިޚް އަޙްމަދު މައުމޫން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 13 ވަނަ ދުވަހުގައެވެ.

31 މެއި 2018