“ރަޙްމަތައްލިލްޢާލަމީން” ގެ ދަށުން ކުރިއަށް ގެންދާ “ރަޙްމަތް ކޭމްޕް” ގެ 4 ވަނަ ބުރު ފަށައިފި.


 

ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލައި، އަމާން، އެކުވެރި އަދި އެއްބައިވަންތަ މުޖްތަމަޢެއް ބިނާ ކުރުމަށް، ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ “ރަޙްމަތައްލިލްޢާލަމީން” ޤައުމީ ކެމްޕެއިންގެ ދަށުން އަތޮޅުތެރެއަށް އަމާޒުކުރާ “ރަޙްމަތް ކޭމްޕް” ގެ 4 ވަނަ ބުރު ފަށައިފިއެވެ.

މުޅި ހއ އަތޮޅަށް އަމާޒުކޮށް ހިންގާ މި ކޭމްޕް ގެ 4 ވަނަ ބުރު މިއަދު ފަށާފައިވަނީ ހއ. ދިއްދޫގައެވެ. މިއަދުން ފެށިގެން މި މަހުގެ 12 ގެ ނިޔަލަށް މި ކޭމްޕް ގެ ޙަރަކާތްތައް ކުރިއަށް ދާއިރު، ސެމިނަރތަކާ ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހއ. ކެލާ، ހއ. އިހަވަންދޫ އަދި ހއ. ހޯރަފުށީގައެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިންނާ މަންދޫބުން ކަނޑައެޅިފައި ހުރި ތާރީޚުތަކުގައި މި ރަށްރަށަށް ގޮސް ކޭމްޕްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

“ރަޙްމަތައްލިލްޢާލަމީން” ޤައުމީ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ މި ކޭމްޕްގައި ކުރިއަށް ގެންދާނެ މައިގަނޑު ޙަރަކާތަކީ، މުޖްތަމަޢުގެ ތަފާތު ގިންތިތަކަށް އަމާޒުކޮށް ސެމިނަރތަކާއި ވޯކްޝޮޕްތައް ބޭއްވުމެވެ. އޭގެ ތެރޭގައި ރަށްރަށުގެ ރަށު ކައުންސިލަރުންނާ، ސްކޫލްތަކުގެ މުދައްރިސުންނާ ދަރިވަރުން އަދި ރަށްރަށުގައި ހުރި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާ މުވައްޒަފުންނަށް އަމާޒުކުރެވޭ ސެމިނަރތަކާއި ވޯކްޝޮޕްތައް ހިމެނެއެވެ. މީގެ އިތުރުން ކައުންސިލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސިލިންގ ދިނުމާ، މިސްކިތްތަކުގައި ޚާއްޞަ ދީނީ ދަރުސްތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ގައި ވަނީ މިފަދަ 3 ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.

“ރަޙްމަތައްލިލްޢާލަމީން” ކެންޕެއިނަކީ ދީނީ ގޮތުން ރައްޔިތުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުމާއި ޙަސަދައާއި ރުޅިވެރިކަން ނައްތާލައި، އެއްބަނޑު އެއްބަފާ މުސްލިމް ޖަމާޢަތަކަށް ދިވެހި މުޖުތަމަޢު ހެދުމުގެ މަޤްޞަދުގައި ދިވެހި ސަރުކާރުން އިސްނަގައިގެން މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެންޕެއިނެކެވެ. މި ކެމްޕެއިން ލޯންޗް ކޮށްފައިވަނީ 9 ފެބްރުއަރީ 2017 ވަނަ ދުވަހުއެވެ. މިކެންޕެއިންގެ މީޑީއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް، އެވެ. ޕީއެސްއެމްގެ “މުންނާރު” ޗެނަލާއި “ދީނުގެ އަޑު” މެދުވެރިކޮށް މި ކެންޕެއިންގެ ޕްރޮގްރާމްތައް ދުރަށް ފޮނުވުމަށް ވަނީ ރޭވިފައެވެ.

01 އޮކްޓޯބަރ 2017