“ރަޙްމަތް ކޭމްޕް” ގެ އާ ބުރެއް ފަށައިފި


މޯލްޑިވްސް ޕޮލިސް ސަރވިސްއާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށް ގެންދާ “ރަޙްމަތް ކޭމްޕް” ގެ ޙަރަކާތްތައް މިއަދު ރ އަތޮޅުގައި ފަށައިފިއެވެ. މި ކޭމްޕްތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދެމެދު ސޮއިކުރެވިފައިވާ އެމް.އޯ.ޔޫ ގެ ދަށުން ޤައުމީ ފެންވަރެއްގައި ކުރިއަށް ގެންދާ “ރަޙްމަތައްލިލްޢާލަމީން” ކެމްޕެއިންގެ މައިގަނޑު އެއް ޙަރަކާތެވެ.

“ރަޙްމަތައްލިލްޢާލަމީން” ކެންޕެއިނަކީ ދީނީ ގޮތުން ރައްޔިތުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުމާއި ޙަސަދައާއި ރުޅިވެރިކަން ނައްތާލައި، އެއްބަނޑު އެއްބަފާ މުސްލިމް ޖަމާޢަތަކަށް ދިވެހި މުޖުތަމަޢު ހެދުމުގެ މަޤްޞަދުގައި ދިވެހި ސަރުކާރުން އިސްނަގައިގެން މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެންޕެއިނެކެވެ. މި ކެމްޕެއިން ލޯންޗް ކޮށްފައިވަނީ 9 ފެބްރުއަރީ 2017 ވަނަ ދުވަހުއެވެ.

“ރަޙްމަތް ކޭމްޕް” ގެ އާ ބުރެއް ރ އަތޮޅުގައި ފަށައިގެން ކުރިއަށް ގެންދާއިރު މީގެ ކުރިން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ހއ އަތޮޅުގައި މި ކޭމްޕް ގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދު މި ފެށުނު “ރަޙްމަތް ކޭމްޕް” ގެ ޙަރަކާތްތައް މި މަހުގެ 22 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރ މަޑުއްވަރި، ރ ދުވާފަރު، ރ އުނގޫފާރު އަދި ރ އަލިފުށީގައި މި ކޭމްޕް ގެ ޙަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މި ކޭމްޕް ތަކުގައި ކުރިއަށް ގެންދާނެ މައިގަނޑު ޙަރަކާތްތަކަކީ، މުޖްތަމަޢުގެ ތަފާތު ގިންތިތަކަށް އަމާޒުކޮށް ސެމިނަރތަކާއި ވޯކްޝޮޕްތައް ބޭއްވުމެވެ. އޭގެ ތެރޭގައި ރަށްރަށުގެ ރަށު ކައުންސިލަރުންނާއި ސްކޫލްތަކުގެ މުދައްރިސުންނާއި ދަރިވަރުންނަށް އަދި ރަށްރަށުގައި ހުރި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަށް އަމާޒުކުރެވޭ ސެމިނަރތަކާއި ވޯކްޝޮޕްތައް ހިމެނެއެވެ. މީގެ އިތުރުން ކައުންސިލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސިލިންގ ދިނުމާއި މިސްކިތްތަކުގައި ޚާއްޞަ ދީނީ ދަރުސްތައް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

11 މާރިޗު 2018