ރާއްޖޭގެ އިމާމުން ސަޢުދީގައި


ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުންގެ ހުނަރާއި ޤާބިލިއްޔަތުކަން އިތުރުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން، ސަޢުދީ ޢަރަބިއްޔާއަށް ފޮނުވި އިމާމުންގެ ފުރަތަމަ ބެޗް މިހާރު ދަނީ ސަޢުދީގައި ކުރިއަށްދާ ވޯކްޝޮޕްގެ ތަފާތު ސެޝަންތަކުގައި ބައިވެރިވެ ތަމްރީނާއި ތަޖްރިބާ ޙާޞިލުކުރަމުންނެވެ. ފުރަތަމަ ބެޗްގައި ހިމެނުނު 12 އިމާމުންގެ ތެރެއިން 7 އިމާމުން މައްކާއަށް ގޮސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަނެއް 5 އިމާމުން މައްކާއަށް ގޮސްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

މި ވޯކްޝޮޕަކީ، ސަޢުދީ ޢަރަބިއްޔާގެ މަކްތަބުއްދަޢުވާ ވަލްއިރުޝާދުން އިންތިޒާމުކޮށްގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ބައިވެރިން ކިޔެވުމަށް ހަމަޖެހިފައިވަނީ މައްކާގައި ހުންނަ އުއްމުލްޤުރާ ޔުނިވަރސިޓީގައެވެ. މި މި ވޯކްޝޮޕުގައި ކުރިއަށް ގެންދެވޭ ބައިތަކުގެ ތެރޭގައި، ޤުރްއާނާއި ފިޤްހުގެ އިތުރުން، ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމާއި އިމާމުންގެ ގޮތުގައި މަސައްކަތްކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާ ގޮންޖެހުންތައް ޙައްލު ކުރާނެގޮތާއި އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ.

މި ޕްރޮގްރާމަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު، ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އިޢްލާން ކުރެއްވި ޕްރޮގްރާމެކެވެ. “އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުން” ގެ ނަމުގައި މިނިސްޓްރީން ފެއްޓެވި ސިލްސިލާ ބައްދަލުވުންތައް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖެއިން ބޭރުން ފުރުޞަތު ހޯއްދަވައިގެން އިމާމުންނަށް ތަމްރީން ދެވޭނެ މަގު ފަހިކޮށްދެއްވުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ޑރ. ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި އިމާމުންގެ ފުރަތަމަ ބެޗް ސަޢުދީއަށް ފޮނުވިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިމާމުންގެ އިތުރު ބެޗްތަކެއް ސަޢުދީ އަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ވެސް ދިވެހި އިމާމުންނަށް ތަމްރީން ޕްރޮގްރާމުތަކާއި ވޯކްޝޮޕް ގެ ފުރުޞަތުތައް އިންތިޒާމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ސަޢުދީ ޢަރަބިއްޔާއަށް ދިޔަ އިމާމުންގެ ފުރަތަމަ ބެޗް ވޯކްޝޮޕް ނިންމާލުމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

19 އޭޕްރިލް 2017