LOADING CLOSE

ބްރައިލް ވާކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ފާހަގަކޮށްފި

 

ބްރައިލް ވާކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންގޮސްފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެއްޓުމުގެ ގޮތުން ވާކްޝޮޕްގެ ދަރިވަރެއްކަމުގައިވާ ހަސަން އިބްތިހާލް ވަނީ ބްރައިލް ބޭނުންކޮށްގެން ކިޔަވާފައެވެ. ފެނުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ދަސްކޮށްދިނުމަށް ހިންގުނު މި ވާކްޝޮޕްގައި ކިޔަވައިދެއްވީ އަލް ޤާރީ ޢަބްދުލް ރަޝީދު ޢަބްދުލް ޤާދިރުއެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަހްމަދު ރަޝީދު  ވިދާޅުވިގޮތުގައި މީގެ ކުރިން ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޤުރުއާން އުނގަންނައިދިނުމަކީ ދަތި އަދި ބުރަ މަސައްކަތެކެވެ. އެކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ޢާއްމުގޮތެއްގައި ކަންކުރަމުން އަންނަ އުސޫލަކީ މުދައްރިސް ކައިރީގައި ހުރެގެން ކިޔަވާ އަޑު އަހައިގެންނާއި، ކިޔަވާފައިވާ އޯޑިއޯއެއް އަޑުއަހައިގެން ނުވަތަ މައިންބަފައިން ކިޔާދިނުމުން އަޑުއަހައިގެންކަމަށް އަހްމަދު ރަޝީދުގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން ބްރައިލް ދަސްކުރުމުގެ މުހިއްމުކަމަށް އިޝާރާތްކުރައްވަމުން، މި ކަމަކީ ހަމައެކަނި ލޯފަންކުދިން ދަސްކުރަން އޮތް ޢިލްމެއް ނޫންކަމާއި، މިފަދަ ދަރިވަރުން ތަމްރީނުކުރުމަށް މުދައްރިސުންނަށްވެސް މިއީ އެހާމެ މުހިއްމުކަމެއް ކަމަށް ވިދާޅުވިއެވެ. ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ރާއްޖޭގައި މިގޮތަށް ކިޔަވައިދިން ފުރަތަމަ ފަހަރުކަމަށްވެފައި، މިކަމަށް ދެއްވި ޚާއްޞަ އިސްކަމާއި އެހީތެރިކަމަށް ، ޖަލްސާގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް އިސްލާމިކް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއަށް ވަރަށް ޚާއްޞަ ޝުކުރެއްދެންނެވިއެވެ. އަދި މި ވާކްޝޮޕްގައި ބައެއް ދަރިވަރުންގެ ޢާއިލާގެ މެންބަރުން ބައިވެރިވިކަމަށްޓަކައި އެބޭފުޅުންނަށްވެސް ހިތްވަރުދެއްވިއެވެ.

ހަމައެހެންމެ މިނިސްޓަރ އޮފް އިސްލާމިކް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިމާއި ކިޔެވުމުގެ ހުނަރަކީ ދިރުވާ އާލާ ކުރަންޖެހޭ ފަންނެއްކަމަށް ހާމަކުރެއްވިއެވެ. ނިމިގެން މިދިޔަ ވާކްޝޮޕަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިފަދަ ވާކްޝޮޕެއް އަލަށް ބޭއްވުނުފަހަރުކަމާއި، ބްރައިލް އަކުރުން ލިޔެފައިވާ ސެޓްފިކެޓެއް މިހާތަނަށް ދެވުނު ފުރަތަމަ ފަހަރުކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޚާއްސަ އެހީއަށް ބޭނުންވާކުދިންނަށް އެހެން ކުދިންނެކޭވެސް އެއްގޮތަށް އެއްވެސް ތަފާތެއްނެތި ޢަމަލުކުރައްވަމުން ގެންދަވާކަމަށާއި މި ވާކްޝޮޕަކީވެސް އެގޮތުން ހިންގުނު ވާކްޝޮޕެއްކަން ޖަލްސާގެ ހާޒިރީންނާއި މުޚާތަބްކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އިތުރަށް މިފަދަ މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ ލޯފަންކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްތަކެއްވެސް ކުރަމުން އަންނަކަމަށާއި އެގޮތުން ލޯފަންކުދިން މުދިމުން ގޮތުގައި މަސައްކަތްކުރައްވާކަންވެސް މިނިސްޓަރ ފާހަގަކުރެވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މުޖުތަމައުގެ ހުރިހައި ފަރާތްތަކަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން މިފަދަ ކަންކަމަށް ބޭރުގެ ބައެއް ޤައުމުތަކުން އެހީތެރިކަން ހޯދުމުގެ މަސައްކަތްތަށް ކުރިއަށްދާކަމަށާއި އަދި އެކަން މިހާރު ފަހިވެފައިވާކަންވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ބެލެނިވެރިންނަށްވަނީ ވަރަށް ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިހުމާލުނުވުމަށާއި،  ވަރަށް ބޮޑަށް އެކުދިންނަށް ސަމާލުކަން ދިނުމަށާއި، ފަރުވާތެރިވުމަށް ހަނދުމަފުޅުކޮށްދެއްވިއެވެ. ހަމައެހެންމެ މި ވާކްޝޮޕްގެ ބައިވެރިންނަށާއި، ބެލެނިވެރިންނަށާއި، މިކަން އިންތިޒާމް ކުރެއްވި ހުރިހައި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދެންނެވިއެވެ. ޚާއްޞަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި ނައިބް ރައީސް ފައިޞަލް ނަސީމަށް ބްރައިލް ވާކްޝޮޕް ކުރިއަށް ގެންދިއުމަށް ދެއްވި އިރުޝާދަށާއި ބެހެއްޓެވި ގާތްކަމަށް ވަރަށް ޚާއްސަ ޝުކުރެއްދެންނެވިއެވެ.

މި ވާކްޝޮޕް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓުގެ އިތުރުން ބައިވެރީންގެ ތެރެއިން ލޯފަން ދަރިވަރުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ބްރައިލް ޚަތިމް ސެޓެއްވެސްވަނީ ހަދިޔާ ކުރައްވާފައެވެ. މި ތަކެތި ދަރިވަރުންނަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް  އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.

ބްރައިލް ވާކްޝޮޕަކީ ލޯފަންކުދިންނަށް ކީރިތިޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ކީރިތިޤުރުއާނާބެހޭ ޤައުމީ މަރުކަޒުން 27 އޮކްޓޯބަރ 2019 އަހަރު ފަށާފައިވާ ޕްރޮގްރާމެކެވެ. ޢަރަބި އަކުރުތަކުން ފެށިގެން ޤުރުއާނުގެ ސޫރަތްތައް ކިޔަވާނެގޮތް ވަނީ މި ވާކްޝޮޕުގެ ދަރިވަރުންނަށް އުނގަންނައިދީފައެވެ. ވާކްޝޮޕް ނިމިފައިވަނީ 28 ނޮވެމްބަރ 2019 ވަނަ އަހަރުއެވެ. ޖުމްލަ 9 ދަރިވަރުން ވާކްޝޮޕް ފުރިހަމަ ކޮށްފައިވާއިރު ލޯފަން 6 ކުއްޖަކާއި، މި ދަރިވަރުންގެ އާއިލާގެ ތެރެއިން 2 މެމްބަރަކާއި، ޓީޗަރެއް މީގެ ތެރޭގައި ހިމެނެއެވެ.

 

Leave a Reply