ކީރިތި ޤުރުއާނުގެ ފަންނު ކުރިއެރުވުމަށް ސޫދާނުގެ ޔުނިވަރސިޓީތަކާ އެކު މަޝްވަރާ ކުރައްވަނީ


 

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ މިހާރު ސޫދާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި ޤުރުއާނުގެ ފަންނު ކުރިއެރުވުމާބެހޭ މުހިންމު މަޝްވަރާތައް ކުރައްވަމުން އެބަގެންދަވައެވެ.

މިމަހުގެ 23 ވަނަ ދުވަހު ސޫދާނުގެ ޔުނިވަރސިޓީ އޮފް ހޯލީ ޤުރްއާން އެންޑް އިސްލާމިކް ސައެންސާ އެކު ކުރިއަށް ގެންދެވި މަޝްވަރާ ތަކުގައި، ރާއްޖޭގައި ޙާފިޒުން އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކަށް އެ ޔުނިވަރސިޓީން ވަނީ ތަޢުރީފް ކުރައްވާފައެވެ. އަދި މިމަސައްކަތުގައި އެ ޔުނިވަރސިޓީ ގެ ފުރިހަމަ އެހީ އާއި އެއްބާލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ. މި މަޝްވަރާ ބައްދަލުވުންތަކުގައި ޔުނިވަރސިޓީ އޮފް ހޯލީ ޤުރުއާން އެންޑް އިސްލާމިކް ސައެންސްގެ ވައިސް ޗާންސެލަރ ޕްރޮފެސަރ މުޢާވިޔަތު އަޙްމަދު ސައްޔިދާއި ޔުނިވަރސިޓީގެ ތަފާތު ފެކަލްޓީތަކުގެ މަސްއޫލުވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގެ ތެރޭގައި އެ ޔުނިވަރސިޓީއާއި ޤުރުއާނާބެހޭ މަރުކަޒާއެކު ގުޅުން ޤާއިމުކުރުމާއި، ޤުރުއާން މުދައްރިސުން ތަމްރީނުކުރުމާއި، ދެފަރާތް ގުޅިގެން ޤުރުއާނާބެހޭ ދިރާސާތައް ކުރުމާބެހޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޤުރުއާނާބެހޭ މަރުކަޒަށް ބޭނުންވާ ފަންނީ އެހީއާއި އެކަޑެމިކް ލަފާ ދިނުމާބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވަނީ ސޫދާނުގެ ޚުރްޠޫމް ޔުނިވަރސިޓީގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ ގެ އިސްބޭފުޅުންނާއެކު، ޤާނޫނީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

6 ދުވަހުގެ މުއްދަތަށް ސޫދާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި އަންނަ ބުރާސްފަތި ދުވަހުއެވެ.

25 އޭޕްރިލް 2017