ކީރިތި ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިރޭ ފަށައިފި


ކީރިތި ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިރޭ ފަށައިފިއެވެ. މި މުބާރާތް ފެށީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި މުބާރާތަކީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

 ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް މެދުނުކެނޑި ބާއްވަމުން އަންނަތާ 31 އަހަރު ވެފައިވާއިރު، މިދިޔަ އަހަރުން ފެށިގެން މި މުބާރާތަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވުމަށް ވަކި ޢުމުރުފުރައެއް ކަނޑައަޅާފައި ނުވުމާއި، މުބާރާތުގެ އަންހެން ބައިވެރިންނާ ފިރިހެން ބައިވެރިން ވަކިން އިންޞާފު ކުރަން ހަމަޖެހިފައި އޮތްކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގެ ކިޔެވުމުގެ ބައި މައިގަނޑު ދެ ބައަކަށް ބަހާލާފައި ވާއިރު، ހިތުން ކިޔެވުމުގެ ބައިގައި 66 ފަރާތަކުން ވާދަ ކުރާނެއެވެ. އަދި ފޮތުން ކިޔެވުމުގެ ބައި ނުވަތަ ބަލައިގެން ކިޔެވުމުގެ ބައިގައި 189 ބައިވެރިން ވާދަ ކުރާނެއެވެ. މުބާރާތުގައި ޖުމްލަ 255 ބައިވެރިން ވާދަ ކުރާނެއެވެ.

ހެނދުނާ ހަވީރާ ރޭގަނޑު ގެ ދަންފަޅިތަކަށް ބަހާލައިގެން މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، ރެއިން ފެށިގެން މި މަހުގެ 29 ވާ ހުކުރު ދުވަހާ ހަމައަށް މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ މުޅިމުބާރާތުން 1 ވަނަ، 2 ވަނަ، 3 ވަނަ އަތޮޅަށާއި، ސިޓީ އަށާއި ޖަމްޢިއްޔާއަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ދެ ބައިގެ ކޮންމެ ގޮތްޕެއްގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަންހެން ބައިވެރިޔާއާއި ފިރިހެން ބައިވެރިޔާއަށް  އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެނޫން ބައެއް ވަނަތައް ފާހަގަކޮށް އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ދިނުމަށް ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާ އޮންނާނެ ތާރީޚެއް ފަހުން އިޢްލާން ކުރައްވާނެކަމަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން މަޢުލޫމާތު ދެއްވައެވެ.

25 ސެޕްޓެމްބަރ 2017