ކުންފުނިތަކާ ކޮލެޖު، ޔުނިވަރސިޓީތަކަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ފަށައިފި


ރާއްޖޭގެ ކުންފުނިތަކަށާ ޔުނިވަރސިޓީތަކަށާއި ކޮލެޖުތަކަށް އަމާޒުކޮށްގެން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ ފުރަތަމަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތަކީ ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދަށް ޤުރުއާން ކިޔެވުމުގެ ފަންނު އާލާ ކުރުމާއި ކުންފުނިތަކާއި ޔުނިވަރސިޓީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. ކުންފުނިތަކުގެ މުވައްޒަފުންނަށާއި، ޔުނިވަރސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ހަތް ކުންފުންޏަކުން ބައިވެރިވެފައިވާއިރު، ދެ ޔުނިވަރސިޓީއަކާއި އެއް ކޮލެޖުން     ބައިވެރިވެފައިވެއެވެ.

ބަލައިގެން ކިޔެވުމުގެ މި މުބާރާތުގައި ދިހަ މުއައްސަސާއަކުން ޖުމްލަ ސާޅީސް ފަރާތެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އެވިޑް ކޮލެޖާއި، މޯލްޑިވްސް ޙައްޖު ކޮޕަރޭޝަނާއި، އެމް.ޓީ.ސީ.ސީއާއި، ފެނަކަ ކޯޕަރޭޝަންފަދަ ކުންފުނިތައްވެސް ހިމެނެއެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މިފަދަ މުބާރާތްތަކަކީ ޤުރުއާނަށް ލޯބި ޖެއްސުމާއި އަދި އުނގެނުމަށް އޮތް މުހިންމު ފުރުޞަތެއްކަމަށެވެ. އަދި، މުޅިން އަލަށް މިފަދަ މުބާރާތެއް ފެށިގެންދާ ދިއުމަކީ މިއަދުގެ ސަރުކާރުން ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު މޫސާގެ ވާހަކަފުޅުގައި ކީރިތި ރަސޫލާގެ ހަދީޘް ތަކުން މިސާލު ނަންގަވައި ޤުރުއާނުގެ މުހިންމުކަމާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

މި މުބާރާތުން އެއް ވަނައަށް އަންނަ ފަރާތަކަށް ދިހަ ހާސްރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނައަށް އަންނަ ފަރާތަކަށް ހަތް ހާސް ފަސްސަތޭކަ އަދި ތިންވަނައަށް އަންނަ ފަރާތަކަށް ފަސްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބަރާތް ކުރިއަށް އޮތް އަހަރުތަކުގައިވެސް ބޭއްވެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

03 ޖޫން 2017