ކުންފުނިތަކާ ގުޅިގެން މާލޭގެ މިސްކިތްތައް ސާފުކުރަނީ


1439 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ޚާއްޞަކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ދަށުން، މި މިނިސްޓްރީއާ ސަރުކާރާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި، ބައެއް އަމިއްލަ ކުންފުނިތައް ގުޅިގެން މާލޭގެ ބައެއް މިސްކިތްތައް ސާފުކުރުމުގެ ޙަރާކާތެއް މިއަދު ހެނދުނު 08:45 ން ފެށިގެން މާލޭގެ މިސްކިތްތަކުގައި ފަށާފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު މާލެ ސިޓީ  ބަންޑާރަ މިސްކިތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒިޔާދުއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިންނަކީ ޒަމާނުއްސުރެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތައް ސާފުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށާއި މިފަދަ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާލާކޮށް ދިރުވުމަށް ބާރު އަޅުއްވާ ކަމަށާއި މިފަދަ ޙަރަކާތެއް ހިންގުމުގެ މަޤްޞަދަކީ ތަރިކަ މަޝްރޫޢުގެ ދަށުން ކާބައިފައިން ޒަމާނުއްސުރެއް ކުރަމުން އަންނަ މިފަދަ ކަންކަން ހިމާޔާތްކުރުމާއި ސަވާބާއި ދަރުމަ ލިބިގަތުން ކަމަށެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އިބްރާހީމް ރައްޒާޤު ޢަބްދުލް ޙަލީމް ވާހަކަފުޅު ދައްކަވަމުންވަނީ ހުރިހާ ދިވެހިންނަށް ރަމަޟާންމަހުގެ ތަހުނިޔާ އާއި މަރުޙަބާ ދަންނަވާފައެވެ. މިކަމުގައި ޢަމަލީގޮތުން ބައިވެރިވާ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ. މި ޙަރަކާތުގެ ދަށުން މާލޭގެ ގިނަ މިސްކިތްތަކެއްވަނީ ސާފުކޮށްފައެވެ.

މިއަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މިސްކިތްތައް ސާފުކުރުމުގެ މިޕްރޮގްރާމުގައި ޢަމަލީގޮތުން ބައިވެރިވާ ކުންފުނިތަކަކީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ފެނަކައާއި، އެމްޓީސީސީއާއި، އެމްޑަބްލިއުއެސްސީއާއި، ސްޓެލްކޯއާއި، ޙައްޖު ކޯޕަރޭޝަނާއި، އެސްޓީއޯއާއި، ވެމްކޯ ގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

ކުންފުނިތަކުން މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވާގޮތުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީނާއި، މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީނައި، މާފަންނު އާމިސްކިތް ސާފުކުރާނެއެވެ. ފެނަކައިން މާފަންނު ވަގުތީ މިސްކިތާއި، ޢީދު މިސްކިތާއި، ދަރުމަވަންތަ މިސްކިތް ސާފުކުރާނެއެވެ. އެމްޓީސީސީން ސާފުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއްނޫރާއި، މަސްޖިދުއްޝަހީދު ޢަލީ އާއި، މަސްޖިދު އިބްރާހީމެވެ. އެމްޑަބްލިއުއެސްސީން މަސްޖިދު ޖަލާލުއްދީނާއި، މަސްޖިދުއްތަޢާވުނާއި، މަސްޖިދު ޔޫސުފް ބަރުބަރީ ސާފުކުރާއިރު، ސްޓެލްކޯއިން ސާފުކުރާނީ، މަސްޖިދުލްފުރުޤާނާއި، މަސްޖިދުއްސުލްޠާން ޢާދިލާއި، މަސްޖިދު ޞަލާޙުއްދީނެވެ. މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލާއި، މަސްޖިދު ޢަފީފުއްދީން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޙައްޖު ކޯޕަރޭޝަނުންނެވެ. އަދި އެސްޓީއޯއިން މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން ސާފުކުރާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކުން ހުކުރު މިސްކިތް ސާފުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ކުންފުނިތަކުން މިސްކިތްތައް ސާފުކުރާއިރު ހުރިހާ މިސްކިތެއްގެ ކުނި އުކާލުމުގެ ބައި ކުރިއަށް ގެންދާނީ ވެމްކޯއިންނެވެ.

މި އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި މިނިސްޓްރީން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމާއި، ކުންފުނި، ކޮލެޖް، ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމާއި، އައުޓްރީޗް ޕްރޮގްރާމްތަކާއި، މިސްކިތްތަކުގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމްތަކާއި، ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް މުޞްޙަފް މާލްދީފް ބެހުމާއި އަދި ސޯޝަލް މީޑީއާގައި ކައުންޓް ޑައުން ކުރިއަށް ގެންދިއުމެވެ. އަދި މީގެ އިތުރުން މިއަހަރު އަލަށް ޢާންމުނަށް ހުޅުވާލައިގެން ރަމަޟާންމަހުގެ ފަހު 15 ދީނީ ސުވާލު މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

12 މޭ 2018