އަތޮޅުތެރޭގެ ގޮފިތަކަށް ސޫދާން މުދައްރިސުން ހަމަޖެއްސެވުން


އަތޮޅުތެރޭގައި ހިންގަމުންދާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ބައެއް ގޮފިތަކުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށާއި ޤާރީ ކުލާސްތައް ހިންގުމަށާއި ޢަރަބިބަސް އުނގަންނައިދިނުމަށް، އެގޮފިތައް ހިންގަމުންދާ ރަށްރަށަށް ސޫދާންގެ މުދައްރިސުން ފޮނުއްވާގޮތަށް ހަމަޖެހިއްޖެއެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ބުރުގައި ރާއްޖެ ގެނައުމަށް ހަމަޖެހުނު 6 މުދައްރިސުން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަރުކަޒުގެ ގޮފިތަކަށް ބޭނުންވާ އިތުރު މުދައްރިސުން ރާއްޖެއިން ބޭރުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ބުރުގައި ރާއްޖެ ވަޑައިގެންނެވި ސޫދާނުގެ 6 މުދައްރިސުންގެ ތެރެއިން 5 މުދައްރިސަކު ފޮނުއްވާނެ ރަށްތައް މިހާރު ވަނީ ކަނޑައެޅިފައެވެ. އެގޮތުން، އެބޭފުޅުން ފޮނުއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ތ.ގުރައިދޫ، ރ.އުގޫފާރު، ލ.ފޮނަދޫ، ގދ.ތިނަދޫ އަދި ގއ. ކޮލަމާފުއްޓެވެ. ކަނޑައެޅިފައިވާ ރަށްތަކަށް މުދައްރިސުން ފޮނުއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މިބޭފުޅުން ތިއްބަވާ ރަށްރަށުގައި ކުރިއަށް އޮތް ރަމަޟާން މަހުގެ ތަރާވީޙް ނަމާދު އިމާމުވެ ޚަތިމްކޮށް ކުރައްވާނީ ވެސް މިބޭފުޅުންނެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އަތޮޅުތެރޭގައި ހިންގަވާ ބައެއް ގޮފިތަކަށް ފުރަތަމަ ފަހަރަށް ޢަރަބި އިސްލާމީ ޤައުމެއްގެ މުދައްރިސުން ފޮނުއްވާގޮތަށް ހަމަޖެހިގެން ދިޔައިރު، މިއީ، ދިވެހި ސަރުކާރުން ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށާއި، ހެޔޮކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށާއި ޢަރަބިބަސް އުނގަންނައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މީގެއިތުރުން، ސޫދާނުން ރާއްޖެއަށް މުދައްރިސުން ފޮނުއްވާގޮތަށް ހަމަޖެހިގެން ދިޔައިރު، ދާދި ފަހުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވަނީ ސޫދާނަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، އެދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ރާއްޖެއަށް ތަޢްލީމީ އަދި ފަންނީ ގިނަ ފުރުޞަތުތަކެއް އެދަތުރުފުޅުގެ ތެރެއިން ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

18 މޭ 2017