އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ 5 ވަނަ ބުރު ނިމިއްޖެ


އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގެ 5 ވަނަ ބުރު މިއަދު ނިމިއްޖެއެވެ. މި މަސައްކަތު ބައްދަލުވުމުގެ 5 ވަނަ ބުރު ކުރިއަށް ގެންގޮސްފައިވަނީ ހދ އަތޮޅުގެ އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށްގެން ހދ އަތޮޅުގައެވެ. މީގެ ކުރިން މި މިނިސްޓްރީން ވަނީ މާލޭ ސިޓީ ސަރަޙައްދުގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް މާލޭގައި، އަދި އައްޑޫ ސިޓީ ގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް އައްޑޫ ސިޓީގައި، އަދި ފުވައްމުލަކު ސިޓީ ގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް ފުވައްމުލަކު ސިޓީގައި އަދި ލ އަތޮޅުގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް ލ.އަތޮޅުގައި މިފަދަ މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި މަހު 21ން 23 އަށް ހދ. ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހދ.ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސަލާމްއެވެ. މިފަހަރުގެ ވޯކްޝޮޕްގައި
ހދ. އަތޮޅުގެ އެކި ރަށްރަށުން 32 ފަރާތަކުންވަނީ ބައިވެރިވެފައެވެ.

އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ، އިމާމުންނާއި ޚަޠީބުންނަކީ މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އިމާމުންނާއި ޚަޠީބުންގެ މަސައްކަތަށް ޒަމާނާ ގުޅިގެން އަންނަންޖެހޭ ބަދަލުތައް އޮޅުންފިލުވައިދީ ހޭލުންތެރި ކުރުވުމެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ވޯކްޝޮޕްތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

23 އޮކްޓޫބަރު 2017