އިމާމުންގެ ފުރަތަމަ ބެޗް ސަޢުދީއަށް ފުރައިފި


ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުންގެ ހުނަރާއި ޤާބިލިއްޔަތުކަން އިތުރުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން، ސަޢުދީ ޢަރަބިއްޔާއަށް ފޮނުވުމަށް ހަމަޖެހިފައިވާ އިމާމުންގެ ފުރަތަމަ ގްރޫޕް ރޭ މައްކާއަށް ފުރައިފިއެވެ. ރޭ މައްކާއަށް ފުރާފައިވަނީ، ފުރަތަމަ ބެޗް ގައި ދިއުމަށް ހަމަޖެހިފައިވާ 12 އިމާމުންގެ ތެރެއިން 7 އިމާމުންނެވެ. އަނެއް 5 އިމާމުން މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުދަ ދުވަހުއެވެ.

މި ވޯކްޝޮޕަކީ، ސަޢުދީ ޢަރަބިއްޔާގެ މަކްތަބުއްދަޢުވާ ވަލްއިރުޝާދުން އިންތިޒާމުކޮށްގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ބައިވެރިން ކިޔެވުމަށް ހަމަޖެހިފައިވަނީ މައްކާގައި ހުންނަ އުއްމުލްޤުރާ ޔުނިވަރސިޓީގައެވެ. މި މި ވޯކްޝޮޕުގައި ކުރިއަށް ގެންދެވޭ ބައިތަކުގެ ތެރޭގައި، ޤުރްއާނާއި ފިޤްހުގެ އިތުރުން، އިމާމުންގެ ގޮތުގައި މަސައްކަތްކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާ ގޮންޖެހުންތައް ޙައްލު ކުރާނެގޮތާއި އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ.

މި ޕްރޮގްރާމަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު، ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އިޢްލާން ކުރެއްވި ޕްރޮގްރާމެކެވެ. “އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުން” ގެ ނަމުގައި މިނިސްޓްރީން ފެއްޓެވި ސިލްސިލާ ބައްދަލުވުންތައް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖެއިން ބޭރުން ފުރުޞަތު ހޯއްދަވައިގެން އިމާމުންނަށް ތަމްރީން ދެވޭނެ މަގު ފަހިކޮށްދެއްވުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ޑރ. ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި އިމާމުންގެ ފުރަތަމަ ބެޗް ސަޢުދީއަށް ފޮނުވިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިމާމުންގެ އިތުރު ބެޗްތަކެއް ސަޢުދީ އަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ވެސް ދިވެހި އިމާމުންނަށް ތަމްރީން ޕްރޮގްރާމުތަކާއި ވޯކްޝޮޕް ގެ ފުރުޞަތުތައް އިންތިޒާމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.