އިސްލާމިކް މިނިސްޓްރީގެ އައު ޕާމަނަންޓް ސެކްރެޓަރީއަށް މަރުޙަބާ


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް 25 ޖުލައި 2017 އިން ފެށިގެން އަލްފާޟިލް މުޞްޢަބު ޢަބްދުﷲ ހަމަޖައްސަވައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިކަމަށްޓަކައި ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮނަރަބަލް ޑރ. އަޙްމަދު ޒިޔާދާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމްގެ އިތުރުން، އެކޮމިޝަންގެ އިތުރު ބައެއްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވަނީ އިސްލާމިކް މިނިސްޓްރީއަށް ޕާމަނަންޓް ސެކެޓްރީއެއް ޢައްޔަން ކުރިކަމުގެ ލިޔުން މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުގެ އަތްޕުޅަށް އަރުވާފައެވެ. އަދި ލިޔުން ޙަވާލުކުރެއްވުމަށްފަހު، ކޮމިޝަންގެ ރައީސް ވަނީ އަލަށް ޢައްޔަން ކުރެވުނު ޕާމަންނަންޓް ސެކެޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ އަލްފާޟިލް އިބްރާހިމް ސަމީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ޕާމަނަންޓް ސެކެޓްރީގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު ފުރިހަމަ ކުރުމުގެ ތައުފީޤް މިންވަރުކޮށްދެއްވުންއެދި ދުޢާ ދަންނަވާކަމަށް ވިދާޅުވެފައެވެ. ޕާމަނަންޓް ސެކެޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރ ވެސް ވަނީ ވާހަކަފުޅު ދައްކަވައި ޚިޔާލުތައް ޙިއްސާ ކުރައްވާފައެވެ.

އަލްފާޟިލް މުޞްޢަބު ޢަބްދުﷲ  އަކީ ސަރުކާރުގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.  މުޞްޢަބު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ރިސާޗް އޮފިސަރެއްގެ މަޤާމުންނެވެ. އެއަށްފަހު 2009 ވަނަ އަހަރު ހަމަ އެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމު ލިބިވަޑައިގެންނެވިއެވެ. އަދި  ޕްރައިވަޓައިޒޭޝަން ކޮމެޓީގެ ސެކެޓްރިއޭޓްކަންވެސް ކުރެއްވިއެވެ.

އޭގެ ފަހުން 2010 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިވަޑައިގެން ޕޮލިސް ސަރޖަންޓެއްގެ މަޤާމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގައި މަސައްކަތްކުރެއްވިއެވެ. އޭގެފަހުން 2012 ވަނަ އަހަރު އެކުވެރި ޢަރަބި ޢިމާރާތުގައި ރާއްޖޭގެ އެމްބަސީއެއް އުފެއްދެވުމާއެކު އެ އެމްބަސީގެ ފަސްޓް ސެކްރެޓަރީކަމުގެ މަޤާމާއި  ޑެޕިއުޓީ ހެޑް އޮފް މިޝަން ގެ މަޤާމު ފުރުއްވިއެވެ. 2012 ވަނަ އަހަރު އެމްބަސީގެ ކައުންސެލަރގެ މަޤާމާ ޙަވާލުވެވަޑައިގެން އެމްބަސީ ހިންގެވުމުގެ ހުރިހާ ކަމެއް ކުރައްވަމުން ގެންދެވީވެސް މުޞްޢަބެވެ.

އަލްފާޟިލް މުޞްޢަބު ޢަބްދުﷲ  ތަޢުލީމު ޙާޞިލުކުރައްވާފައިވަނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

25 ޖުލައި 2017