އިސްލާމިކް މިނިސްޓްރީ އަބަދުވެސް ވާނީ ޢިލްމްވެރިންނާއެކު


އިސްލާމިކް މިނިސްޓްރީ އަބަދުވެސް ވާނީ ޢިލްމްވެރިންނާއެކުގައި ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޢިލްމްވެރިންނާއެކު މިނިސްޓްރީގައި ބައްދަލުކުރައްވައެވެ.

އިސްލާމީ މަރުކަޒު ހޯލްގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީގެ ޕާރމަންނަންޓް ސެކްރެޓަރީ އަލްފާޟިލް މުޞްޢަބު ޢަބްދުﷲގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖެގައި މިވަގުތު ތިއްބެވި ގިނަ އަދަދެއްގެ ޢިލްމުވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.  މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށްވާނީ ދީނީ ޢިލްމުވެރިންގެ ލަފާއާ އިރުޝާދާއެކު ދިވެހިރާއްޖޭގެ ދީނީ ކަންކަން ރަގަޅުކުރުމެވެ. އަދި އިސްލާމިކް މިނިސްޓްރީ އަބަދުވެސް ވާނީ ޢިލްމްވެރިންނާއެކުގައި ކަމަށާއި ޢިލްމްވެރިންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން އެހީތެރިވެދޭނެ ކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވަނީ ޢިލްމްވެރިންގެ ހިޔާލުފާޅު ކުރައްވާފައެވެ.

މިއީ އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. އަޙްމަދު ޒާހިރު ޢަލީ  ޢިލްމްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިސްލާމިކް މިނިސްޓަރކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީވަނީ މިނިސްޓްރީ އާއި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ މުއައްސަސާތަކުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ.

24 ނޮވެންބަރު 2018