އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިދާރާ ރަސްމީކޮށް އިފްތިތާޙު ކުރައްވައިފި


ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް މިދިޔަ އަހަރު ގެނައި އިޞްލާޙެއްގެ ދަށުން، ފިޤުހު އެކެޑެމީ އުވާލުމަށްފަހު އުފެއްދި އިސްލާމީ ފަތުވަދޭ އެންމެ މަތީ މަޖިލީހުގެ އިދާރާ މިއަދު ރަސްމީކޮށް އިފްތިތާޙުކުރައްވައިފިއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެ އިދާރާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ އިދާރާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ އޮނަރަބަލް ޑރ. އަޙްމަދު ޒިޔާދެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުނާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، ފަތުވާ މަޖިލިސް އުފެދިގެން މިހާތަނަށް އައިއިރު ހަތަރު ފަތުވާ އަކާއި ދެ އިރުޝާދު އިސްލާމީ ފަތުވަދޭ އެންމެ މަތީ މަޖިލީހުން ނެރުއްވާފައިވާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ފަތުވާ މަޖިލީހުގެ މެމްބަރުންނަށް އިތުރު ތަމްރީނާއި ޕްރޮގްރާމުތައް ހިންގުމުގެ ގޮތުން އެ އިދާރާގެ މެމްބަރުން މިޞްރުގެ ފަތުވާ މަޖިލީހުގެ މެމްބަރުންނާއެކު ކޯހެއް ފުރިހަމަކުރައްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ސޫދާނުގެ ފަތުވާ މަޖިލީހުގެ ރައީސާއި މެމްބަރުން ރާއްޖެ ވަޑައިގެން ރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރުންނަށް އިރުޝާދު ދެއްވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިއަދު ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިދާރާ އިފްތިތާޙު ވެގެންދިއުމުގެ ސަބަބުން ބޭރުގެ ފަތުވާ ދޭ މަޖިލީސްތަކާ އިތުރު ގުޅުންތަކެއް ބަދަހިވެގެން ދާނެ ކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިފަހުން މިވީ އަހަރުތަކުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް ޤާއިމުކުރެއްވީ މިސަރުކާރުންކަން ފާހަގަކުރަންޖެހޭކަމަށެވެ.

މިފަދަ މުއައްސަސާއެއްގެ މުހިންމުކަން ރާއްޖޭގައި ބޮޑުވެފައިވާއިރު، މިފަދަ މުއައްސަސާއެއް އަދުގެ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނުއްވައިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން އުފެއްދެވިކަމީ، ފާހަގަކުރުން ޙައްޤުކަމެއް. މިއީ ޢުމްރާނީގޮތުން ރާއްޖެއިން  ހޯދަމުން އަންނަ ކުރިއެރުންތަކާއެކު، އިސްލާމީ ދައުލަތެއްގެ މައުނަވީ  ރުކުންތައް ފުރިހަމަކުރުމުގައި ރައީސް ޔާމީން އެޅުއްވި ހަރުދަނާ ފިޔަވަޅެއް” ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވިއެވެ.

އިސްލާމްދީން ރާއްޖޭގައި ކުރިއެރުވުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި މުހިންމުކަންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެކަމަށާއި، އިސްލާމީ އުޞޫލުތައް ރާއްޖޭގައި ދަމަހައްޓަވާނެކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަކީ، އިސްލާމް ދީން ޙިމާޔަތްކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އުފެއްދެވީ 2016 ވަނަ އަހަރުގެ މޭމަހު އެވެ. އަދި އެމަޖިލީހަށް މެމްބަރުން ޢައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މަޖިލީހުގެ ރައީސް ކަމުގެ ފަތްކޮޅު ޝައިޚު ރަޝީދަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ އަތްޕުޅުން އެރުއްވީ މިދިޔަ ޖެނުއަރީމަހު އެވެ.

މީގެ އިތުރުން އެ މަޖިލީހުގެ ނާއިބު ރައީސްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ އައްޝައިޚް އިބްރާހިމް އަޙްމަދެވެ. އޭގެ އިތުރުން އެ އިދާރާގައި ތިއްބަވާ މެމްބަރުންނަކީ، އައްޝައިޚް މޫސާ އަންވަރު ޙަސަން، އައްޝައިޚް ޙަސަން ތައުފީޤް އަދި އައްޝައިޚް އިސްޙާޤް މުޙައްމަދު މޫސާފުޅެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ޤާނޫނީ ޒިންމާއަކީ ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަންކަމުގައި ގޮތް ނިންމުމެވެ.

21 ސެޕްޓެމްބަރ 2017