އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް ރަސްމީކޮށް މުޞްޙަފް މާލްދީފް ހަވާލުކުރުން


 

“ކޮންމެ ދިވެއްސަކަށް މުޞްޙަފެއް”  މި ޝިޢާރަށް ބިނާކޮށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް ރަސްމީކޮށް “މުޞްޙަފް މާލްދީފް” ހަވާލުކޮށްފިއެވެ.

މި މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޭދަފުށީ ދާއިރާގެ ރައްޔިތުންގެ ފަރާތުން މުޞްޙަފް މާލްދީފްއާ ހަވާލުވެ ވަޑައިގެންނެވީ އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަލްފާޟިލް އަޙްމަދު ސަލީމްއެވެ. އެގޮތުން މިއަދު އޭދަފުށީ ދާއިރާގެ ތިން ރަށް ކަމަށްވާ އޭދަފުށި، ހިތާދޫ އަދި މާޅޮހަށް ތިން ފައްސަތޭކަ ތިރީސް ހަތަރު މުޞްޙަފް ހަވާލުކުރެވުނުއެވެ.

 

 

“މުޞްޙަފް މާލްދީފް” ގެ ފުރަތަމަ ކޮޕީ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ. އަދި މީގެ އިތުރުން މުޞްޙަފް ބެހުމުގެ މަޝްރޫއުވެސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެވެ.

“މުޞްޙަފް މާލްދީފް” މަޝްރޫޢު ގެ ދަށުން ފުރަތަމަ ގެނެވުނު އެއްލައްކަ މުޞްޙަފް ބެހުމަށް ހަމަޖެހިފައިވަނީ ޢުމުރުން 15 އަހަރާ 39 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް މުޞްޙަފެކެވެ.

މިހާތަނަށް މުޞްޙަފް މާލްދީފްގެ 58200 މުޞްޙަފް ދިވެހި ރައްޔިތުންނަށް ބެހިފައިވާ އިރު، ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ ދަށުން ކޮންމެ ދިވެއްސަކަށް މުޞްޙަފެއް ފޯރުކޮށްދިނުމެވެ.