މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒިޔާދު ކ. އަތޮޅުގެ ބައެއް ރަށްތަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި


މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒިޔާދު ކ. އަތޮޅުގެ ބައެއް ރަށްތަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. މިއަދު ކުރެއްވި މިދަތުރުފުޅުގައި ވަޑައިގެންނެވީ ކ. އަތޮޅު ދިއްފުށި، ތުލުސްދޫ، ހިންމަފުށި އަދި
ހުރަ އަށެވެ.

މި ދަތުރުފުޅުގައި މި ރަށްތަކުގައި ވަޒީފާ އަދާ ކުރައްވާ މިނިސްޓްރީގެ މުއައްޒަފުންނާ ބައްދަލުކުރައްވާ މިސްކިތްތަކަށް ޒިޔާރަތްކުރައްވާ މިސްކިތްތައް ބައްލަވާލެއްވިއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވާ މިސްކިތްތަކުގައި ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވިއެވެ. މިހާރު ދިމާވެފައިވާ ދަތިތައް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން މި ރަށްރަށުގެ ރައްޔިތުންނަށް މުޞްޙަފް މާލްދީފް ރަމްޒީކޮށްޙަވާލުކޮށް ދެއްވިއެވެ. އަދި ރަށްރަށުގެ ސްކޫލްތަކުގެ ލައިބްރަރީތަކަށް މިނިސްޓްރީން ޗާޕްކޮށްފައިވާ ފޮތްތައް ހަދިޔާ ކުރެއްވިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ މިނިސްޓަރުގެ ޙާއްޞަ އިސްނެންގެވުމުގެ ދަށުން މިސްކިތްތަކާއި މިސްކިތްތަކުގެ ވަޒީފާ އަދާކުރައްވާ މުއައްޒަފުންގެ ހާލު ބެއްލުވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

30 އޮގަސްޓު 2017