މިނިސްޓްރީގެ އިސްލާމިކް ލައިބްރަރީން، ލައިބްރަރީ ދުވަސް ފާހަގަ ކުރުން


އިސްލާމިކް ލައިބްރަރީ އަކީ، ރާއްޖޭގައި ހުރި ތިން ވަނައަށް އެންމެ ބޮޑު ކުތުބުޚާނާއެވެ. އަދި ރާއްޖޭގައި ހުރި ޢަރަބި އިސްލާމީ އެންމެ ބޮޑު އަރުޝީފެވެ. ދީނީ ތަފާތު މަޢުޟޫޢުތަކަށް ލިޔެފައިވާ ދިވެހި ބަހުގެ ތަފާތު ފޮތްތަކުގެ އިތުރުން، ޢަރަބި ބަހުގެ ގިނަ ފޮތްތަކެއް އިސްލާމިކް ލައިބްރަރީގައި އެބަހުއްޓެވެ. އަދި އިސްލާމް ދީނާ ގުޅޭގޮތުން ހުރި އިނގިރޭސި ފޮތްތައްވެސް އިސްލާމިކް ލައިބްރަރީ ގައި އެބަހުއްޓެވެ.

ކުތުބުޚާނާ ދުވަހުގެ މުނާސަބަތުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނެވެ.

ޢަބްދުއްރަޝީދު ވަނީ ރާއްޖޭގައި ކުތުބުޚާނާތައް ފެށިގެން އައިގޮތަށް ބައްލަވާލައްވާފައެވެ. އަދި އިސްލާމިކް ކުތުބުޚާނާއެއް އުފެދުނު ގޮތުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.

ރާއްޖޭގެ ކިޔަވާ ކުދިންގެ މެދުގައި އިސްލާމިކް ލައިބްރަރީގެ މަޤްބޫލުކަން އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ، ޢަރަބި އިސްލާމީ ތަޢުލީމާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާތަކުން ދިރާސާތައް ކުރެއްވުމަށް އިސްލާމިކް ލައިބްރަރީގެ ބޭނުން އެތައް ގޮތަކުން ކުރެވިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމިކް ލައިބްރަރީގެ ފަރާތުން ވަނީ ޝަރަފުވެރި މެހެމާނު، ޢަބްދުއްރަޝީދު ޙުސައިންއަށް ދުވަހުގެ މުނާސަބަތުގައި ބައެއް ފޮތް ހަދިޔާކޮށްފައެވެ.

12 ޖުލައި 2017