މިނިސްޓްރީގެ މުއައްޒަފުންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމްތަކެއް ފަށައިފި


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހިންގުން ހަރުދަނާކޮށް މުއައްޒަފުން އިތުރަށް މަސައްކަތުގެ މައިދާނަށް އަހުލުވެރިކުރުމަށްޓަކައި އިދާރީ އަދި މެނޭޖްމަންޓް ލެވެލްގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީން  ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ފެށުމުގެ ގޮތުން މުއައްޒަފުންނާ މުޙާތަބު ކުރައްވާ މިނިސްޓަރ ވިދާޅުވެފައިވަނީ މުއައްސަސާއެއްގެ އެންމެ އަގު ބޮޑު ރައުސްމާލަކީ އެ މުއައްސަސާއެއްގެ މުއައްޒަފުން ކަމަށާއި މުއައްޒަފުންގެ އިލްމީ ގާބިލްކަން ނެތިއްޖެނަމަ އެ މުއައްސަސާއެއް ނެތި ހިނގައިދާނެ ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ކްލިކް ކޮލެޖާއި މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ކްލިކް ކޮލެޖްގެ ފެސިލިޓޭޓަރުން ކިިޔަވައިދޭ މި ޕްރޮގްރާމްގައި އިންޓަރޕާސަނަލް ސްކިލްސް، ޓީމް ބިލްޑިންގ ލީޑަރޝިޕްގެ ބައިތައް އަލިއަޅުވާލުމަށް ހަމަޖެހިފައިވެއެވެ.

މި ޓްރޭނިންގެ ޕްރޮގްރާމްގެ މަގްސަދަކީ މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު އިތުރަށް ހަރުދަނާ ކުރުމާއި މަސައްކަތުގެ މާހައުލުގައި ޒަމާނީ ވަސީލަތްތަކަށް މުއައްޒަފުން އަހުލުވެރި ކުރުވުމެވެ.
ދެ ދަންފަޅިއަކަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި މިނިސްޓްރީގެ 66 މުއައްޒަފަކު ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

21 ނޮވެންބަރު 2017