މިއަހަރުގެ ރޯދަ މަހުގެ ބައެއް ޕްރޮގްރާމްތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވުން


1438 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ބައެއް ޕްރޮގްރާމްތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު މެންދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާ އަމިއްލަ ބައެއް ކުންފުނިތަކާ އަމިއްލަ ބައެއް ޖަމްޢިއްޔާ ތަކުގެ ފަރާތްޕުޅުންނެވެ  .

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިގެން ދިޔައީ ރަމަޟާން މަހު ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާ ދީނީ އެކިއެކި ޙަރަކާތްތަކުގައި ކުންފުނިތަކާ ޖަމްޢިއްޔާތަކުން ޙިއްޞާ ވެވޭނެ ގޮތްތަކާ އަދި ޙިއްޞާ ވެވޭނެ މިންވަރާ ބެހޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙަސަން ރަޝީދު ވަނީ، ފާއިތުވި އަހަރުގެ ރަމަޟާން މަހު މިނިސްޓްރީން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގައި ކުންފުނިތަކުންނާއި ޖަމްޢިއްޔާތަކުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވާފައިވާކަމަށް ވިދާޅުވެ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކަށްވެސް މިދިޔަ އަހަރެކޭ އެއްފަދައިން ވަރަށް ބޮޑު ތަރުޙީބެއް ދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

1438 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިއަހަރު ގެ ޙަރަކާތްތަކުގެ ތެރޭގައި ކުންފުނިތަކަށް ހުޅުވާލައިގެން ރަމަޟާންމަހާ ގުޅޭ ވޯކްޝޮޕެއްގެ އިތުރުން ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ ގެ ޕީ.އެސް އަލްފާޟިލް އިބްރާހީމް ސަމީރު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަރުވެސް އެކިއެކި އޮފީސްތަކާއި ކުންފުނިތަކުން ކުރިއަށް ގެންދަވާ މާހެފުންތަކަށް މިނިސްޓްރީ ގެ ފަރާތުން ދެއްވެން އޮތް އެއްބާރުލުމެއް ދެއްވާނެކަމަށެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އެކިއެކި ފަރާތްތަކުން ކުރިއަށް ގެންދިޔަ މާހެފުންތަކަށް މިނިސްޓްރީ ގެ ފަރާތުން ދީނީ ނަޞޭޙަތް ދެއްވާނެ ބޭފުޅުން ފޮނުއްވާފައިވާނެ ކަމަށާއި މިއަރުވެސް އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކުރިއަށް ގެންދަވާނެކަމަށްވެސް ވިދާޅުވިއެވެ.

1438 ވަނަ އަހަރުގެ ރަމަޟާން މަސް ފެށެން ކައިރިވަމުންދާއިރު މިނިސްޓްރީން ދަނީ ރަމަޟާން މަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ތަފާތު ގިނަ ޙަރަކާތްތަކެއް ރާވަމުންނެވެ.

19 އޭޕްރިލް 2017