މިސްކިތްތަކުގެ މުއައްޒަފުންގެ ހާޒިރީ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ދިރާގާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިވެހިރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ މުއައްޒަފުންގެ ހާޒިރީ ބެލުމަށްޓަކައި އިލެކްޓްރޯނިކް ސިސްޓަމަކުން ގުޅާކުމުގެ މަސައްކަތް ކުރުމަށްޓަކައި ދިރާގާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދިރާގުގައި މިއަދު ބޭއްވި ބައްދަލުކުރުމުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ހަސަން ރަޝީދު އަދި ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް މުޞްއަބު އަބްދުﷲއެވެ. އަދި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އަލްފާޟިލް އިސްމާއިލް ރަޝީދު އަދި ޑިރެކްޓަރ އޮފް ކަސްޓަމަރ ސަވިސަސް އެންޑް ސޭލްސް އަލްފާޟިލް އަލީ ރިޔާޒްއެވެ.

މި އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ 700 އަށްވުރެ ގިނަ މިސްކިތެއްގެ މުއައްޒަފުންގެ ހާޒިރީ ބެލުމުގެ ނިޒާމެއް ގާއިމް ކުރެވޭނެއެވެ. މި ކަމުގެ ސަބަބުން މުއައްޒަފުންގެ މުސާރަ ދިނުމާއި އެލަވަންސް ދިނުމުގައި އިތުރަށް ފަސޭހަވެގެންދާނެއެވެ. އަދި މިސްކިތްތަކުގެ މުއައްޒަފުން ޒިންމާދާރު ކުރުވުމަށް ފަސޭހަވެގެންދާނެއެވެ.

ރާއްޖޭ މިސްކިތްތަކުގެ މުއައްޒަފުންގެ ހާޒިރީ ހަރުދަނާގޮތެއްގައި ބެލެހެއްޓުމަށްޓަކައި މިނިސްޓްރީގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

12 މާރިޗު 2018