“މުޞްޙަފް މާލްދީފް” މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް “މުޞްޙަފް މާލްދީފް” ރަސްމީކޮށް ބައްސަވަން ފައްޓަވައިފި


“މުޞްޙަފް މާލްދީފް” މަޝްރޫޢުގެ ދަށުން ޗާޕްކޮށްގެން ގެނެވުނު މުޞްޙަފްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން، މާލޭގެ ރައްޔިތުންނަށް “މުޞްޙަފް މާލްދީފް” ރަސްމީކޮށް ބައްސަވަން ފައްޓަވައިފިއެވެ. މިކަމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިއަދު ހެނދުނު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިރަސްމިއްޔާތުގައި މާލޭގެ ރައްޔިތުންގެ ފަރާތުން ރަސްމީކޮށް ފުރަތަމަ މުޞްޙަފާ ހަވާލުވެލެއްވީ އަލްފާޟިލް އަޙްމަދު ސަޢީދު، މ.ހެޕީޑޯން އެވެ. މިނިސްޓްރީގެ ފަރާތުން އަޙްމަދު ސަޢީދާ މުޞްޙަފް ޙަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަލީ ވަޙީދެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޢަބްދުﷲ ރިފާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

“މުޞްޙަފް މާލްދީފް” ގެ ފުރަތަމަ ކޮޕީ 27 ސެޕްޓެންބަރު 2016 ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަތްޕުޅަށް އަރުވާފައިވާއިރު، ރައީސް ޔާމީން ވަނީ 29 ޑިސެންބަރު 2016 ގައި މުޞްޙަފްތައް ބެހުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވާފައެވެ.

“މުޞްޙަފް މާލްދީފް” މަޝްރޫޢު ގެ ދަށުން ފުރަތަމަ ގެނެވުނު އެއްލައްކަ މުޞްޙަފް ބެހުމަށް ހަމަޖެހިފައިވަނީ ޢުމުރުން 15 އަހަރާ 39 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް މުޞްޙަފެއް ފޯރުކޮށްދެވޭ ގޮތަށެވެ. އަދި މާލޭ ސަރަޙައްދާއި އަތޮޅުތެރޭގައި ދިރިއުޅުއްވާ އެ ޢުމުރުފުރާގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުޞޫލުތަކުގެ ދަށުން މުޞްޙަފް ފޯރުކޮށްދެވޭނެއެވެ.

“މުޞްޙަފް މާލްދީފް” މަޝްރޫޢަކީ، ކޮންމެ ދިވެއްސަކަށް މުޞްޙަފެއް މި ޝިޢާރުގެ ދަށުން ދިވެހިންނަށް ޚާއްޞަ މުޞްޙަފެއް ޗާޕުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ، 2018 ވަނަ އަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ ދަށުން ކޮންމެ ދިވެއްސަކަށް މުޞްޙަފެއް ފޯރުކޮށްދިނުމެވެ.

                                09 އޮކްޓޯބަރ 2017