“ފީމާ” ގެ ވަފުދު ގެ ދަތުރުފުޅު ނިންމަވާލައްވައިފި


ފެޑެރޭޝަން އޮފް އިސްލާމިކް މެޑިކަލް އެސޯސިއޭޝަން (ފީމާ) ގެ ވަފުދެއް މި މަހުގެ 14 އިން 18 އަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގެންފިއެވެ. 3 ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދުގެ މި ދަތުރުފުޅަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ވަފުދުގައި ހިމެނިވަޑައިގެންނެވި 3 ބޭފުޅުންނަކީ، ޑރ. ޢަބްދުލްޙާމިދު އަލް ޤުޟާތު އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޑރ. މުޙައްމަދު އަޙްމަދު ރުޝްދީ އަލްޚޫލީ އާއި ޑރ. ރިފްޢަތު ރާޖީ އަލްމޫސާ އަލްޒަޣޫލެވެ.

ފީމާ ގެ ވަފުދުގެ މި ދަތުރުފުޅަކީ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ތަފާތު ދާއިރާތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ރާއްޖެއިން ބޭރުގެ ފަންނީ މާހިރުން މެދުވެރިކޮށް މުޖްތަމަޢުގެ ތަފާތު ފަންތިތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ވޯކްޝޮޕްތަކެއް ހިންގުމަށްޓަކައި މިނިސްޓްރީ ގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ޑރ. ޢަބްދުލްޙާމިދު އަލް ޤުޟާތު އާއި އެމަނިކުފާނުގެ ޓީމުން ވަނީ އިސްލާމްދީނުގައި ޞިއްޙަތަށް ދެއްވާފައިވާ އަހައްމިއްޔަތާ ގުޅޭގޮތުން ތަފާތު ފަންތިތަކަށް އަމާޒުކޮށް ވޯކްޝޮޕްތައް ހިންގަވާފައެވެ. މީގެތެރޭގައި، އިމާމުންނާއި ޚަޠީބުންނަށް އަމާޒު ކުރެވުނު ވޯކްޝޮޕަކާއި، ރާއްޖޭގެ ޢިލްމުވެރިންނާ ޢަރަބި މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ވޯކްޝޮޕަކާއި، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންނަށް އަމާޒު ކުރެވުނު ވޯކްޝޮޕެއް ހިމެނެއެވެ.

މުޖުތަމަޢުގެ ތަފާތު ފަންތިތަކަށް އަމާޒުކޮށްގެން ވަކިވަކިން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްތަކުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ، މި ޒަމާނުގެ މުސްލިމު ޒުވާނުންނަށް ޞިއްޙީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށެވެ. އަދި އެފަދަ ގޮންޖެހުންތައް އިތުރުވެ ފުޅާވަމުންދާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މީގެއިތުރުން އެފަދަ ގޮންޖެހުންތަކާމެދު ހޭލުންތެރިވާނެ ގޮތްތަކާ، އެފަދަ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދެއްވާފައިވެއެވެ.

ފެޑެރޭޝަން އޮފް އިސްލާމިކް މެޑިކަލް އެސޯސިއޭޝަން ގެ ވަފުދު މި އަހަރު ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅުގައި ވަނީ، މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ނާޒިމް އިބްރާހީމާ ބައްދަލު ކުރައްވައި، ރާއްޖޭގެ ޞިއްޙީ ނިޒާމާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް ގެ އިސްވެރިންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

ފީމާ ނުވަތަ ފެޑެރޭޝަން އޮފް އިސްލާމިކް މެޑިކަލް އެސޯސިއޭޝަން އަކީ، މުސްލިމު ޤައުމުތަކުގައި، ޚާއްޞަކޮށް މުސްލިމް ޒުވާނުންގެ މެދުގައި ޞިއްޙީ ގޮތުން އުފެދޭ މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ އެސޯސިއޭޝަނެކެވެ. ނޮން-ޕްރޮފިޓް، ނޮން-ޕޮލިޓިކަލް އެން.ޖީއޯ އެއްގެ ގޮތުގައި ހިންގާ މި އެސޯސިއޭޝަންގެ މަންދޫބުންގެ ގޮތުގައި ޞިއްޙީ ތަފާތު ދާއިރާތަކުގެ ފަސްސާސް ހާހަށްވުރެ ގިނަ ޕްރޮފެޝަނަލްސް ޙަރަކާތްތެރިވަމުންދެއެވެ.

18 ޖުލައި 2017