ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށްގެން އިސްލާމީ ދަޢުވަތާބެހޭ ފޯރަމެއް ބާއްވައިފި


 

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކޮށްގެން “ފިޤުހުއްދަޢުވާ ފިލްއިސްލާމް” މި ނަމުގައި ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމަކީ ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ބޭއްވި ފޯރަމެކެވެ. މި ފޯރަމް އޮތީ ބުދަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައެވެ.

މި ފޯރަމްގައި ބައިވެރިވި ޢިލްމުވެރިންނަށް މަޢުލޫމާތު ދެއްވީ  ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގެ ލެކްޗަރަރ ޕްރޮފެސަރ ޑޮކްޓަރ ޢަބްދުޙަމީދު ޣާނިމެވެ.

ފޯރަމްގެ ބައިވެރިންނާ މުޚާޠަބު ކުރައްވާ ޕްރޮފެސަރ ދެއްކެވި ވާހަކަފުޅުގައި  އިސްލާމްދީނުގައި ދަޢުވަތު ދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކެއް އެބަހުރި ކަމަށާއި، އެހަމަތައް ދެނެގަތުމުގެ މުހިންމުކަމާއި، ދީނުގެ ޝަރުޢީ ޙުކުމްތައް ދެނެގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެބައެއްގެ  މުޖުތަމަޢުގައި ކަންކަން ހިނގާގޮތާއި ކަންކަން ހުރިގޮތާއި މީހުންގެ ވިސްނުމާއި މީހުންގެ ފިކުރު އަދި ދަޢުވަތުގެ ކަންކަމާ މެދު މީހުންގެ ހޭލުންތެރިކަމާ ޝައުޤުވެރިކަން ހުރި މިންވަރު ދީނީ ޢިލްމުވެރިން ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

ޕްރޮފެސަރ ޑޮކްޓަރ ޢަބްދުޙަމީދު ޣާނިމްގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ދީނީ ކަންކަމާމެދު ޚިޔާލުތަފާތުވާން މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، ޚިޔާލުތަފާތުންތަކާއެކުވެސް، ދީނީ ދަޢުވަތު ކުރިއަށް ގެންދިއުމަކީ ހުރިހާ ކަމަކަށްވުރެވެސް މުހިންމު އަދި ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށެވެ.

11 މޭ 2017