ދޫނިދޫގައި ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފި


ދޫނިދޫގައި އަލަށް ޢިމާރާތްކުރަން ފަށާ މިސްކިތުގެ ބިންގާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު މިއަދު އަޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދުގެ އިތުރުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކށްދެއްވައި މިނިސްޓަރ އަޙްމަދު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ ފުލުހުންގެ ތާރީޚުގައި އާ ޞަފްޙާއެއް ހުޅުވިގެންދާ ދުވަހެއްކަމަށް ވިދާޅުވެ އެކަމުގެ ތަހްނިޔާ ފުލުހުންނަށް އަރިސްކުރެއްވިއެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވި ގޮތުގައި ފުލުހުންފަދަ ޤައުމުގެ ދިފާޢުގައި މަސައްކަތްކުރަން ތިބޭ ބަޔަކަށް ރޫޙާނީ ތަރައްޤީއަކީ ވަރަށް މުހިންމުކަމެކެވެ. އަދި ރޫޙާނީ ބައި ތަރައްޤީނުވެ ދެންހުރި ކަންކަމުގައި ކުރިއަރައި ދިއުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފުލުހުން ދީނީ ކަންކަމުގައި ފަރުވާ ބެހެއްޓުމަކީ  އޯގާތެރި އިޚްލާސްތެރި ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ކޮންމެހެންވެސް މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި ދޫނިދޫގައި ޢިމާރާތްކުރެވޭ މިސްކިތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި ހުރިހާ ފުލުހުންނާއި މުވައްޒަފުންވެސް ދީނީ ކަންކަމުގައި މަޝްޣޫލުވެ އުޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.

ދޫނިދޫގައި ޢިމާރާތްކުރެވޭ މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އެތަނުގައި ބިނާކުރެވޭ މިމިސްކިތުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން އަމިއްލައަށެވެ.