ތުރުކީ ޤުރުއާން މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖެ ބައިވެރިވަނީ


ތުރުކީ ސަރުކާރުން އިންތިޒާމް ކުރައްވައިގެން ބާއްވަވާ “ހޮލީ ޤުރުއާން މެމަރައިޒޭޝަން އެންޑް ރެސިޓޭޝަން” މުބާރާތުގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ތުރުކީއަށް ދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، މާދަނޑު އަވަށު މިސްކިތުގެ އިމާމް، އަލްޤާރީ އަލްޙާފިޒް ޢަބްދުﷲ މުފީދެވެ. އޭނާ ބައިވެރިވުމަށް ހަމަޖެހިފައިވަނީ މި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިގައެވެ.

ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔެވުމުގެ ބައި ހިމެނޭ މި މުބާރާތަކީ ބައިނަލްއަޤްވާމީ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް ބާއްވާ  5 ވަނަ އަހަރެވެ.  މި މުބާރާތަކީ ތުރުކީގެ އިސްލާމިކް އެފެއާޒް ޑިޕާޓްމަންޓުން އިންތިޒާމު ކުރައްވައިގެން ބާއްވަވާ މުބާރާތެކެވެ. ތުރުކީގެ އިސްތަންބޫލުގައި ކުރިއަށް ގެންދާ މި މުބާރާތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ތުރުކީ ގެ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެން ގޮސްފައިމިވަނީ، ޢަރަބި އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހި ކުރެއްވުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުގެދަށުން، މިދިޔަ އަހަރު މިނިސްޓަރ ޑރ. ޢަހްމަދު ޒިޔާދު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުތުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވަނީ މިއަދު ޢަބްދުﷲ މުފީދާ ބައްދަލުކުރައްވާ މުބާރާތާބެހޭ ބައެއް މަޢުލޫމާތު އޮޅުންފިލުއްވައިދެއްވާ ހިތްވަރު ދެއްވާފައެވެ. އަލްޤާރީ އަލްޙާފިޒް ޢަބްދުﷲ މުފީދު ތުރުކީއަށް ދިއުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

18 މޭ 2017