ގއ. ވިލިނގިލީ “މަސްޖިދުލްއިޚްލާޞް” ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި


ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ގއ. ވިލިނގިލީގައި ބިނާކޮށްދެއްވި މިސްކިތް، “މަސްޖިދުލްއިޚްލާޞް” ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލިނގިއްޔަށް ވަޑައިގެން އެ މިސްކިތް ރައީސް ޔާމީން ހުޅުއްވައިދެއްވީ މިއަދު މަޣްރިބް ނަމާދުގެ ކުރިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރަސްމީކޮށް އެމިސްކިތް ހުޅުވުމަށް ބޭއްވި ޚާއްސަ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އޮނަރަބަލް ޑރ. އަޙްމަދު ޒިޔާދާއި، ދައުލަތުގެ އެހެން ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނާއިބު މުތުރިކް އައްދައުސްރީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހަތް ސަތޭކަ މީހުންގެ ޖާގައިގެ މަސްޖިދުލްއިޚްލާޞް ހުޅުއްވައިދެއްވުމަށްފަހު ރައީސް ޔާމީން ވަނީ އެ މިސްކިތުގައި ޖަމާޢަތުގައި މަޣްރިބް ނަމާދު ކުރައްވާފައެވެ. އިމާމުވެ ނަމާދު ކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރ 25 ގައި މަސައްކަތް ފެށި އެ މިސްކިތުގެ މަސައްކަތް ނިންމާލެވިފައިވަނީ 2017 ވަނަ އަހަރުގެ މެއި 25 ގައެވެ. އެ މިސްކިތް ޢިމާރާތް ކުރުމަށް ޖުމްލަ އަށް މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ގއ. ވިލިނގިލީގައި މިއަދު ރަސްމީކޮށް މި ހުޅުވި މިސްކިތަކީ ސަޢުދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ޢިމާރާތް ކުރާ 10 މިސްކިތުގެ ތެރެއިން 1 މިސްކެތެވެ. މީގެ އިތުރުން ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ޖުމްލަ 7 މިސްކިތެއް ޢިމާރާތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

26 ސެޕްޓެމްބަރ 2017