ސައުތް އޭޝިއާ ސަރަހައްދުގައި ކުޑަކުދިންގެ ހައްޤުތަކާބެހޭގޮތުން ފުރަތަމަ ފަހަރަށް ދީނީ އިލްމްވެރިންނަށް އަމާޒުކޮށް ބޭއްވުނު ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ


ދިވެހިރާއްޖޭގެ ދީނީ ސިޔާސަތުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ  އިސްލާމީ ކޮންފަރެންސްތަކުގައި ދިވެހިރާއްޖެގެ ޢިލްމުވެރިން ބައިވެރިކޮށް، ދީނީ މަޢުލޫމާތު މުއްސަނދި ކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ބޭއްވުނު
“ސައުތް އޭޝިއަން ޕްލެޓް ފޯމް އޮފް ރިލިޖަސް ލީޑާރސް ފޮރ ޗިލްޑްރަން” ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

“ސައުތް އޭޝިއަން ޕްލެޓް ފޯމް އޮފް ރިލިޖަސް ލީޑާރސް” އަކީ ޔުނިސެފްގެ ފަރާތުން އިސްނަންގަވައިގެން ސައުތް އޭޝިއާ ރީޖަންގައި ފުރަތަމަ ފަހަރަށް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ދީނުގައި ކުޑަކުދިންނަށް ލިބިދީފައިވާ ޙައްގުތަކާބެހޭ ގޮތުން މަޝްވަރާކޮށް، ރަގަޅު ޖީލެއް ގާއިމް ކުރުމަށްޓަކައި ދީނީ ގޮތުން ވިސްނަންޖެހޭ ކަންތައްތަކާއި، އަދި މުޖްތަމަޢު ބިނާކުރުމުގައި ދީނީ އިލްމްވެރިންގެ ބައިވެރިވުން ހިމެނޭނެގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ބޭއްވުނު ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދިވެހިރާއްޖޭ އިތުރުން ސައުތް އޭޝިއާ ސަރަހައްދުން އަފްޣާނިސްތާން، ޕާކިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާގެ އިލްމްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރެންސްގައި މުހިންމު މައުޟޫޢުތަކަށް މަޝްވަރާކޮށް، އެކި ގައުމުތަކުންވަނީ ކަމާ ގުޅުން ހުރި ކަރުދާސް ހުށަހަޅާފައެވެ. އެގޮތުން “އިސްލާމް އެންޑް ޗިލްޑްރަން” މި މައުޟޫއަށް ދިވެހިރާއްޖެއިން ކަރުދާސް ހުށަހެޅުއްވީ
އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާއެވެ. އެ ކަރުދާހުގައި ދީނީ ގޮތުން ކުޑަކުދިން ހެދިބޮޑުވުމަށްޓަކައި ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ކާނާ ލިބުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މިކަމާ ގުޅޭގޮތުން އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާވަނީ ޔުނިސެފަށް އިންޓަވިއުއެއް ދެއްވާފައެވެ.

މި ކޮންފަރެންސް ނިންމެވުމަށްފަހު މި ވަފްދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2017 ސެޕްޓމެބަރު 06 ވަނަ ދުވަހުއެވެ.

06 ސެޕްޓެމްބަރު 2017