ސަޢުދީއަށް ދިޔަ ދިވެހި އިމާމުން ތަމްރީނުތަށް ނިންމާލުމަށްފަހު ރާއްޖެ އައިސްފި


ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުންގެ ހުނަރާއި ޤާބިލިއްޔަތުކަން އިތުރުކުރުމަށް މިނިސްޓްރީން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ސަޢުދީ ޢަރަބިއްޔާއަށް ފޮނުވި އިމާމުންގެ ފުރަތަމަ ބެޗް ތަމްރީނުތައް ނިންމާލުމަށްފަހު ރާއްޖެ އައިސްފިއެވެ. ސޢުދީއަށް ދިޔަ އިމާމުންގެ ތެރެއިން އެއްބަޔަކު މިމަހުގެ 24 ވަނަ ދުވަހު ރާއްޖެ އައިސްފައިވާއިރު ބާކީ ތިބި އިމާމުން ރާއްޖެ އައިސްފައިވަނީ 25 ވަނަ ދުވަހުއެވެ. ތަމްރީނާއި ތަޖުރިބާ ހޯދުމަށް ސަޢުދީ އަށް ފުރަތަމަ ބެޗްގައި ހިމެނިފައިވަނީ 11 އިމާމުންނެވެ.

މި ވޯކްޝޮޕަކީ، ސަޢުދީ ޢަރަބިއްޔާގެ މަކްތަބުއްދަޢުވާ ވަލްއިރުޝާދުން އިންތިޒާމުކޮށްގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. ވޯކްޝޮޕް ނިންމާލުމަށްފަހު ރާއްޖެ އައި ބައިވެރިން މަޢުލޫމާތުދީފައިވާ ގޮތުގައި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު 3 ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ޢިލްމުވެރިންގެ ލެކްޗަރ ތަކުގެ ބަޔަކާއި، ޢަމަލީ މަސައްކަތުގެ ބައެއްގެ އިތުރުން އިސްލާމީ ދަޢުވަތާ ގުޅުންހުރި މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ބައެއް ހިމެނެއެވެ.

މުޖުތަމަޢުގައި އިމާމުންގެ ދައުރާއި، އިމާމުންގެ ސުލޫކާއި އަޚްލާޤް ބަހައްޓަންވީ ގޮތާއި އެހެން މީހުންނާ މުޢާމަލާތު ކުރަންވާ ރަނގަޅު ގޮތްތައް މި ވޯކްޝޮޕް ގެ ތެރެއިން ދަސްވެގެން ދިޔަކަމަށް ވޯކްޝޮޕްގައި ބައިވެރިވި އިމާމުން މަޢުލޫމާތު ދެއްވައެވެ. އަދި މީގެ އިތުރުން، ޤުރުއާން ރަނގަޅަށް ފަހުމުކޮށް ދެނެގަންނާނެ ގޮތްތަކާ، ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރުމަށް އެހީތެރިވެދޭ ކަންތައްތަކާ ކަށުކަމާކެމީގެ ކަންތައްތައް މި ވޯކްޝޮޕް ގެ ތެރެއިން ވަރަށް ބޮޑަށް އޮޅުންފިލާފައިވާ ކަމަށް ބައިވެރިން މަޢުލޫމާތު ދެއެވެ.

މި ޕްރޮގްރާމަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު، ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އިޢްލާން ކުރެއްވި ޕްރޮގްރާމެކެވެ. “އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުން” ގެ ނަމުގައި މިނިސްޓްރީން ފެއްޓެވި ސިލްސިލާ ބައްދަލުވުންތައް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖެއިން ބޭރުން ފުރުޞަތު ހޯއްދަވައިގެން އިމާމުންނަށް ތަމްރީން ދެވޭނެ މަގު ފަހިކޮށްދެއްވުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ޑރ. ޒިޔާދު ވަނީ ވިދާޅުވެފައެވެ.

26 އޭޕްރިލް 2017

29 ރަޖަބު 1438