ސްކޫލުކުދިންގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތުގެ ނަތީޖާތައް ފާޅުކޮށްފިއެވެ. ސްކޫލްކުދިންގެ ޤުރުއާން މުބާރާތުގެ ނަތީޖާތައް ފާޅުކޮށްފައިވަނީ މިކަމަށް ޚާއްޞަކޮށް ރޭ އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ހިތުންނާއި ފޮތުން ކިޔެވުމުގެ ބައިގެ އިތުރުން ޙާފިޒުންނަށް ޚާއްޞަ ކެޓަގަރީތަކުން އިނާމު ދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ވެސް ދީފައިވެއެވެ.

އެގޮތުން، މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން ރައީސްގެ ޚާއްޞަ އިނާމު ޙާޞިލުކޮށްފައިވަނީ، އަލިފުށީ ސްކޫލުގެ ދަރިވަރު މަޒްނާ ޢަލީއެވެ. މަޒްނާ ވަނީ މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން 15 ފޮތުން އެއްވަނަ ހޯދާފައެވެ.

މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދި ޢަލީ ސައުދާން ޝަހީން ވަނީ މުބާރާތުގެ ހިތުން ކިޔުމުގެ ގޮފިން ހަ ފޮތުން އެއްވަނަ ހޯދާފައެވެ. ސައުދާން އަކީ ޢިމާދުއްދީން ސްކޫލުގެ ދަރިވަރެކެވެ.

އަދި ޙާފިޒުންގެ ގޮފިން ރައީސްގެ ޚާއްސަ އިނާމު ޙާޞިލުކުރީ މުބާރާތުގެ ޙާފިޒުންގެ ގޮފިން ވެސް އެއްވަނަ ހޯދި ކަލާފާނު ސްކޫލުގެ ދަރިވަރު، ނާދިހް ޢަބްދުލްޙަމީދެވެ.
ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، މިނސްޓަރ އޮފް ޑިފެންސް އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ. އެހެނިހެން ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމްތައް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން އޮނަރަބަލް ޑރ. ޢާއިޝަތު ޝިހާމެވެ.


ޙާފިޒުން އުފެއްދުމާއި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރާނެ ދަރިވަރުން އުފެއްދުމުގެ އިތުރުން މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން ޤާއިމްކުރުމުގެ މަޤްސަދުގައި ބޭއްވި މި މުބާރާތުގައި މިއަހަރު ރާއްޖޭގެ ހުރިހާ އަތޮޅުތަކުން 298 ދަރިވަރުން ބައިވެރިވެފައިވެއެވެ.
09 މޭ 2017