ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލްޙަކީމް ބުޚާރީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު


ސަޢުދީ ޢަރަބިއްޔާގެ އުއްމުލްޤުރާ ޔުނިވާސިޓީގެ ޢަރަބި ބަސް އުނގަންނައިދިނުމާ ބެހޭ އިންސްޓިޓިއުޓް ގެ ޑީން ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލްޙަކީމް ބުޚާރީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަމުން އެބަގެންދަވައެވެ. ޑރ. ޙަސަން ގެ މި ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ 6 ދުވަހުގެ ދަތުރުފުޅެކެވެ. ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލްޙަކީމް ބުޚާރީ އަކީ އުއްމުލްޤުރާ ޔުނިވާސިޓީގެ ޑީން އެއްގެ އިތުރުން މަސްޖިދުލްޙަރާމް ގެ މުދައްރިސްކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ތަފާތު ދީނީ ކައުންސިލްތަކާއި މަޖިލިސްތަކުގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެއިތުރުން، ޑރ. ޙަސަން ވަނީ 1436 ވަނަ އަހަރު މަސްޖިދުލްޙަރާމްގައި އިމާމްވެ ތަރާވީޙް ނަމާދު ވެސް ކުރައްވާފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވަނީ، ޑރ. ޙަސަން އާ ބައްދަލު ކުރައްވައި، މިނިސްޓްރީ ގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓްރީ އިފް އިސްލާމިކް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޒިޔާދު ވަނީ ރާއްޖޭގެ އިސްލާމީ ތާރީޚާ ގުޅޭ ބައެއް މަޢުލޫމާތު ޑރ. ޙަސަން އާ ހިއްސާކުރައްވާފައެވެ. ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ވަނީ މިފަދަ ދަޢުވަތެއް ދެއްވިކަމަށްޓަކައި މިނިސްޓަރަށާއި މިނިސްޓްރީގެ އިސް ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލްޙަކީމް ބުޚާރީ ގެ މިދަތުރުފުޅުގައި ރާއްޖޭގެ ދީނީ ބައެއް މުއައްސަސާތަކާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް އެންޖީއޯތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުކުރެއްވުންތަކުގެ އިތުރުން، މި މަހުގެ 7 ވާ ހުކުރު ދުވަހުގެ މަޣްރިބް ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައި ދީނީ ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. “އިސްލާމީ އެއްބައިވަންތަކަމާ އޭގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރުތައް” މި މައުޟޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަރުސަކީ ޢާއްމުންނަށް ހުޅުވާލައިގެން ބާއްވާ ދަރުސެކެވެ.

މީގެ އިތުރުން ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލްޙަކީމް ބުޚާރީ ގެ މިދަތުރުފުޅުގައި ރާއްޖޭގައި ތިއްބެވި ސަޢުދީ ގްރެޖުއޭޓުންނާ ބައްދަލުކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ ބޭފުޅުންނާ އެއްކޮށް ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދިހަމަ އެހެންމެ، ރާއްޖޭގައި އިމާމުންނާ ޚަޠީބުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާ ބައްދަލު ކުރައްވައި، އެބޭފުޅުންނަށް ޚާއްޞަކޮށް ދީނީ ނަޞޭޙަތް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލްޙަކީމް ބުޚާރީ ސަޢުދީއަށް ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

5 ޖުލައި 2017