ޒަކާތުގެ ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހޮވުނު ފަރާތަކަށް ލިޔުން ހަވާލުކުރުން


ޒަކާތު ފަންޑުންގެ ހިލޭ އެހީގެ ދަށުން މިއަހަރު  ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަމަޖެހިފައިވާ ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ހޯލުގައި މިކަމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކުދިންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމްއެވެ.

މި އަހަރު ޒަކާތު ފަންޑުގެ އެހީގެ ދަށުން 32 ކުއްޖެއްގެ ބޯންމެރޯ ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެކުރިން ޒަކާތު ފަންޑުގެ އެހީގައި 23 ކުއްޖަކު ވަނީ ބޯންމެރޯ ޓްރާންސްޕްލާން ހަދާފައެވެ. އޭގެ ތެރެއިން 14 ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުވި އިރު އަލުން 10 ކުއްޖަކު މިހާރުވަނީ ރިވިއުއަށް ފޮނުވާފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 2015 ވަނަ އަހަރު 13,975,157.15 ރުފިޔާ ޚަރަދުކޮށްފައިވާއިރު 2016 ވަނަ އަހަރު ޓްރާންސްޕްލާންޓް ހެދުމާއި ރިވިއު ކުރުމަށް 5,777,698.00 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ތެލެސީމިއާ ބައްޔަށް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުން ކަމަށް ވީނަމަވެސް މިއީ ވަރަށް ޚަރަދު ބޮޑު ކަމެކެވެ. ބޯންމެރޯ ޓްރާންސްޕްލާން ހެދުމަށް ބޭނުންވާ ކުދިންނަށް ދައުލަތުގެ ހަރަދުގައި އެކަން ހަމަޖައްސަވައި ދެއްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްވަނީ 2013 ވަނަ އަހަރު އެމަނުކުފާނުވެފައިވާ ވައުދުފުޅު ފުއްދަވާފައެވެ.

2017 ވަނަ އަހަރާއި ހަމައަށް މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ދަފްތަރުގައި 861 ކުދިން ވަނީ ރަޖިސްޓްރީކޮށްފައެވެ.

15 ޖަނަވަރީ 2018