ޔޫސުފް އެސްޓެސް ދިވެހިރާއްޖެ ވަޑައިގެންފި


ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި، ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި އަދި ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ޚާއްސަ ދަޢުވަތަކަށް މަޝްހޫރު ދާޢީއެއް ކަމުގައިވާ ޔޫސުފް އެސްޓަސް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޔޫސުފް އެސްޓަސްގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމްދީނާބެހޭ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ޔޫސުފް އެސްޓަސްގެ މި ދަތުރުފުޅުގައި މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްއަށް ޒިޔާރަތް ކުރައްވާ އެ ފެކަލްޓީގެ ޑީން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 2018 އެޕްރީލް 26 ވަނަ ދުވަހުގެ ރޭ  ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ ދަރިވަރުންނަށް “މިސްކޮންސެޕްޝަން” މި މަޢުޟޫޢަށް ލެކްޗަރއެއް ދެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި  އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޒިޔާރައްކުރެއްވުމަށާއި، ރާއްޖޭގެ ޢިލްމުވެރިންނާއި މިސްކިތްތަކުގެ އިމާމުން އަދި ޚަތީބުންނަށް ވޯކްޝޮޕްއެއް ކުރިއަށް ގެންދިއުމަށާއި، ހުކުރު ދުވަހުގެ ރޭގަނޑު “ހުކުރު އުފާ” ފެސްޓިވަލް ގައި ޚާއްޞަ ދަރުހެއް ދެއްވުމަށާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ދިރިއުޅެމުންގެންދާ ރައްޔިތުންނަށް ދަރުހެއް ދެއްވުމަށްވަނީ ހަމަޖެހިފައިއެވެ.

ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޔޫސުފް އެސްޓަސް އެނބުރި ޤައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

 

25 އެޕްރީލް 2018