ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފްދެއް ދިވެހިރާއްޖެ ވަޑައިގެންފި


ޖޯޑަންއާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރި އެއްބައިވަންތަ ގުޅުން ބަދަހިކޮށް އިތުރުކުރުމުގެ ގޮތުން މި މިނިސްޓްރީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖޯޑަންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް، ހިޒް. އެކްސެލްންސީ އީ.އެން.ޖީ މަރްވާން އަލް-ފާޢޫރީ އާއި، ދި މެމްބަރ އޮފް ދަ އެގްޒެކެޓިވް އޮފިސް އޮފް ދަ ފޯރަމް، ޖޯޑަނުގެ ފޯމަރ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޯމަރ ޖޯޑަނުގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ޓްރޭޑް މރ. މުޙައްމަދު އަޙްމަދު ސަލާމާ ހަލައިޤާ ރާއްޖެ ވަޑައިގެންފިއެވެ.

ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފުދުގެ ބޭފުޅުންގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން މެދުމިނުގައި ދެމެހެއްޓުމަށާއި، ދީނީ ހަރުކަށިކަމާއި، ހައްދުފަހަނާއަޅާ ދިއުން ނައްތާލުމާއި، ޓެރަރިޒަމާއި، ދެކޮޅަށް ރާއްޖެއާ ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމެވެ. އަދި މިފަދަ ކަންކަމުގައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމެވެ.

މި ވަފްދުގެ ބޭފުޅުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދާ ބައްދަލު ކުރައްވާ ރާއްޖޭގައި ދީނީ ކަންކަން މެދުމިނުގައި ދެމެހެއްޓުމާއި، ދީނީ ހަރުކަށިކަމާއި، ހައްދުފަހަނާއަޅާ ދިއުން ނައްތާލުމަށް އެހީތެރިކަން ފޯރިކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން މިއަދުވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މިވަފްދުގެ ބޭފުޅުންވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙްމަދު އަރީފާ މިއަދު ބައްދަލު ކުރައްވައި، ޓެރަރިޒަމާއި، ދެކޮޅަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމާއި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރިކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ.

މި މަހުގެ 21 ން 25 އަށް ރާއްޖެއަށް ކުރައްވާ މި ޒިޔާރަތުގައި މާދަމާ ދިވެހިރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ އިސްބޭފުޅުންނާއި މި ވަފްދުގެ ބޭފުޅުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

22 ނޮވެންބަރު 2017