ޚަބަރު: އިމާމުންނާއި ޚަޠީބުންނަކީ ޒިންމާދާރު ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ވިދާޅުވެއްޖެ


އިމާމުންނާއި ޚަޠީބުންނަކީ މުޖުތަމަޢުގައި ޒިންމާދާރު ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭގައި ކުރިއަށްގެންދާ އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދި  ޚަޠީބުންނަކީ ހަމައެކަނި ހުކުރު ހުތުބާދޭ ބަޔަކަށް އަދި  އިމާމުންނަކީ ހަމައެކަނި ބަންގި ގޮވާ ބަޔަކަށް ވެގެން ނުވާނެކަމަށާއި، ޚަޠީބުންނާއި، އިމާމުންގެ ޒިންމާއާއި ދައުރު މުޖުތަމައުގައި އެއަށްވުރެ ބޮޑުކަމަށްވެސް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވަނީ ވިދާޅުވެފައެވެ.

އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ އިމާމުންނާއި ޚަޠީބުންނަކީ މި މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އިމާމުންނާއި ޚަޠީބުންގެ މަސައްކަތްތައް ޒަމާނާ ގުޅިގެން އަންނަންޖެހޭ ބަދަލުތައް އޮޅުންފިލުވައިދީ ހޭލުންތެރި ކުރުމެވެ.

މީގެ އިތުރުން މިއަހަރު ފަހުކޮޅު މަތީ ތަޢުލީމު ޙާސިލުކުރުމަށް ފަނަރަ އިމާމަކު މިޞްރަށް ފޮނުވުމުގެ ފުރުޞަތު ލިބިފައިވާކަމަށާއި، އިމާމުންނަށް ޚާއްޞަ ޑިގްރީ ފެންވަރުގެ ޕްރޮގްރާމެއް ކައިރި މުސްތަޤްބަލެއްގައި ރާއްޖޭގައި ފަށާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވަނީ ވިދާޅުވެފައެވެ.

އިސްލާމީ މަރުކަޒު ހޯލުގައި މި މަހު 11ން 12ށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި ކ،ޅ،އއ،އދ އަދި ވ. އަތޮޅުގެ އެކި ރަށްރަށުން 130 އިމާމުންނާއި ޚަޠީބުން ބައިވެރިވެފައެވެ.

12 އޮގަސްޓު 2018