ޚަބަރު: އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ 10 ވަނަ ބުރު ފަށައިގެން ކުރިއަށްދަނީ


 

އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގެ 10 ވަނަ ބައްދަލުވުން ރޭގައި ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގެ 10 ވަނަ ބުރު ކުރިއަށްދަނީ
ކ،ޅ،އއ،އދ އަދި ވ. އަތޮޅުގެ އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށްގެން ކ. މާލޭގައެވެ. މީގެ ކުރިން މި މިނިސްޓްރީން ވަނީ މާލޭ ސިޓީއާއި އައްޑޫ އަދި ފުވައްމުލަކު ސިޓީއާއި ލ.އަތޮޅާއި ހދ. އަތޮޅާއި ނ. އަތޮޅު އަދި ގއ. އަތޮޅުގެ އިމާމުންނާއި ޚަތީބުންނަށް އަމާޒުކޮށް މިފަދަ މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި މަހު 11ން 12ށް  ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި ކ،ޅ،އއ،އދ އަދި ވ. އަތޮޅުގެ އެކި ރަށްރަށުން 130 ފަރާތަކުންވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މާއްދާތަކުގެ ތެރޭގައި ފިޤްހު، ޤުރުއާން، ދިވަހިބަސް އަދި މޮސްކް މެނޭޖަންޓް ހިމެނެއެވެ.

އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ، އިމާމުންނާއި ޚަޠީބުންނަކީ މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އިމާމުންނާއި ޚަޠީބުންގެ މަސައްކަތަށް ޒަމާނާ ގުޅިގެން އަންނަންޖެހޭ ބަދަލުތައް އޮޅުންފިލުވައިދީ ހޭލުންތެރި ކުރުވުމެވެ.

ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ވޯކްޝޮޕްތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

12 އޮގަސްޓު 2018