ޚަބަރު: ޢިލްމު އުނގެނުމަކީ އަޅުގަނޑުމެންގެ ދީނުގެ އަސާސްއެއް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ވިދާޅުވެއްޖެ


ޢިލްމު އުނގެނުމަކީ އަޅުގަނޑުމެންގެ ދީނުގެ އަސާސެއް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މިރޭ އިސްލާމީ މަރުކަޒު ހޯލުގައި އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ގޮތުން ބޭއްވުނު 10 ވަނަ މަސައްކަތު ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ކޮންމެ މުސްލިމަކީވެސް ޢިލްމު އުނގެނުމަށް އަޒުމް ކަނޑައަޅާ ބަޔަކަށްވާންޖެހޭ ކަމަށާއި، ގިނައިން ކެއުމުން މިހެއްގެ ހަށިގަނޑު ބޮޑުވެގެންދާފަދައިން ޢިލްމު އުނގެނުމުގެ ސަބަބުން އިންސާނާގެ ސިކުނޑި ތަނަވެސް ވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މިސްކިތްތަކުގެ އިމާމުންނަކީ ރައްޔިތުންނަށް ޢިލްމު އުނގަންނައި ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ބަޔަކަށްވާންޖެހޭ ކަމަށާއި އިމާމުންނަކީ އަބަދުވެސް ޢިލްމުގެ އަހުލުވެރިންނަށް ވާންޖެހޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދުގެ އިތުރުން މި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބުދުލްޣަފޫރު އަޙްމަދު، މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވި ބޭފުޅެއްގެ ހައިސިއްޔަތުން މި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލީހުގެ ނައިބު ރައީސް އައްޝައިޚް އިބްރާހިމް އަޙްމަދު އަދި ބައިވެރިންގެ ފަރާތުން އދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަލްފާޟިލް އަލީ ފަހުމީ ވާހަކަފުޅު ދެއްކެވިއެވެ.

މި މަހު 11ން 12ށް  ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ، އިމާމުންނާއި ޚަޠީބުންނަކީ މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އިމާމުންނާއި ޚަޠީބުންގެ މަސައްކަތަށް ޒަމާނާ ގުޅިގެން އަންނަންޖެހޭ ބަދަލުތައް އޮޅުންފިލުވައިދީ ހޭލުންތެރި ކުރުވުމެވެ. މި މަސައްކަތު ބައްދަލުވުމުގައި ޅ،ކ،އއ،އދ އަދި ވ އަތޮޅުން 133 އިމާމުންނާއި ޚަޠީބުންވަނީ ބައިވެރިވެފައެވެ.

އިމާމުންނާއި ޙަޠީބުން ތާޒާކުރުމުގެ ގޮތުން މީގެ ކުރިން ދިވެހިރާއްޖެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް 9 މަސައްކަތު ބައްދަލުވުމެއްވަނީ ބާއްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ވޯކްޝޮޕްތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

13 އޮގަސްޓު 2018