1438 ވަނަ އަހަރު ރަމަޟާންމަހު ކުންފުނި، ޔުނިވަރސިޓީ، ކޮލެޖުތަކުގެ މެދުގައި ބޭއްވުނު ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން!


ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކީރިތި ޤުރްއާނަށް އަހުލުވެރިކުރުމުގެ ގޮތުންނާއި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި  ހިތްތަކުގައި ޤުރްއާނަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް ތަޖުވީދު މަގުން ޤުރްއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަޤްޞަދުގައި 1438 ވަނަ އަހަރުގެ ރަމަޟާންމަހު މި މިނިސްޓްރީން އިންތިޒާމްކޮށްގެން ކުންފުނިތަކުގެ މުވައްޒަފުންނަށާއި، ޔުނިވަރސިޓީ، ކޮލެޖުތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މުބާރާތެއްވަނީ ބާއްވާފައެވެ. މި މުބާރާތް ކުރިއަށް ގޮސްފައިވަނީ 2017 ޖޫން 05 ން 09 ގެ ނިޔަލަށެވެ.
މިއީ މިގޮތުން މި މިނިސްޓްރީން ބޭއްވި ފުރަތަމަ މުބާރާތެވެ.

2017 އޮގަސްޓު 23 ވީ ބުދަ ދުވަހުގެ ރޭ 0830 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައިވަނީ ބޭއްވި
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލީހުގެ ރައީސް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމެވެ. މުޅި މުބާރާތުން 1 ވަނަ ކާމިޔާބުކޮށް މި މިނިސްޓްރީންދޭ ވާދައިގެ ތަށި ޙާޞިލުކޮށްފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިންނެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން ބައިވެރިއަކަށް ހޮވިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޙުސައިން އިރުޝާދު އެވެ. އަދި އެންމެ މޮޅު އަންހެން ބައިވެރިއަކަށް ހޮވިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޚަދީޖާ ނަބާހަތުއެވެ. މި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް މި މިނިސްޓްރީގެ ފަރާތުން ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދީފައިވާއިރު މި މުބާރާތުގައި ބައިވެރިވި ކޮންމެ ބައިވެރިއަކަށް އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ.

މި މުބާރާތުގައި 09 މުވައްސަސާއަކުން ބައިވެރިވެ 37 ފަރާތްތަކުން ވަނީ ކިޔަވާފައެވެ. މި މުބާރާތުގެ ބައިވެރިވި މުއައްސަސާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑް، ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އަދި  އެވިޑް ކޮލެޖް ހިމެނެއެވެ.

23 އޮގަސްޓު 2017