1439 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކުގެ މެދުގައި ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް އިފްތިތާޙްކޮށްފި


1439 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކުގެ މެދުގައި ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް މިރޭ އިފްތިތާޙްކޮށްފިއެވެ.

ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި، ތަޖުވީދަށް ޤުރްއާން ކިޔެވުމުގެ ފަންނު އާލާ ކުރުމާއި، އޮފީސްތަކާއި ކުންފުނިތައް އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި ބާއްވާ މިމުބާރާތަކީ މިނިސްޓްރީން ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ.

ސަރުކާރުގެ ހަތަރު މުއައްސަސާއަކާއި ތިން ކުންފުނި އަދި ދެ ޔުނިވަރސިޓީ ހިމެނޭ ގޮތަށް ޖުމްލަ 60 ބައިވެރިން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މުބާރާތާ އަޅާބަލާއިރު 20 ބައިވެރިންގެ އިތުރުވުމެކެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، މޯލްޑިވްސް ކަސްޓަމްސްއާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް ޓުއަރިޒަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއެވެ.

މިއަހަރުގެ މުބާރާތް އިފްތިތާޙްކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޚާއްބަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މިފަދަ މުބާރާތްތަކުގެ ސަބަބުން ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތްތަކަށް އެކި ޢުމުރުފުރާގެ އާރުތައް ތައްޔާރުކުރުމަށް މަގުފަހިވެގެންދާ ކަމަށާއި ޤުރްއާނަށް ލޯބިޖެއްސުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށެވެ. އަދި ކީރިތި ޤުރްއާން ރައްކާތެރިކުރުމުގައި ޤުރްއާން ހިތުދަސް ކުރުމުގެ މުހިއްމުކަމުގެ މައްޗަށާއި، ރަމަޟާންމަހު ޤުރްއާން ދިރާސާކުރުމުގެ މާތްކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މި މުބާރާތުން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ކުންފުނި، އޮފީސް، ޔުނިވަރސިޓީ ނުވަތަ ކޮލެޖް، އަދި މުބާރާތުގެ ކޮންމެ ގޮތްޕަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އަންހެން ބައިވެރިޔާއާއި ފިރިހެން ބައިވެރިޔާ، އަދި މުޅި މުބާރާތުން އެންމެ މޮޅު ބައިވެރިޔާ ހޮވުމަށްވަނީ ހަމަޖެހިފައެވެ. މުބަރާތުގެ ކިޔެވުން ކުރިއަށްދާނީ 13 ޖޫން  2018 ގެ ނިޔަލަށް ކޮންމެ އަންގާރަ އަދި ބުދަ ދުވަހުގެ ރެޔަކު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

29 މެއި 2018