LOADING CLOSE

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި

“އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް ޔުނިޓީ: ދަ ޕެރިލްސް އޮފް ލޭބަލިންގ އެންޑް އެކްސްކްލޫޝަން” ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަންގާރަދުވަހު ފުރާވަޑައިގެންފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި ދެ ޙަރަމްފުޅުގެ ވެރިޔާ، ހިޒް ރޯޔަލް ހައިނަސް ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ ބެއްލެވުމުގެ ދަށުން މުސްލިމް ވޯލްޑް ލީގުން އިންތިޒާމްކޮށްގެން ބާއްވާ މިކޮންފަރެންސްއަކީ ދެދުވަހުގެ މުއްދަތަށް މައްކާގައި ކުރިއަށްދާ ބައިނަލްއަޤްވާމީ މަހާސިންތާއެކެވެ.

12 ޑިސެންބަރު 2018 ވީ ބުދަދުވަހު ފެށި މިކޮންފަރެންސްގައި 127 ޤައުމުން 1200 ފަރާތް ބައިވެރިވެލައްވައެވެ. މީގެ ތެރޭގައި މުފްތީންނާއި، މިނިސްޓަރުން، ދީނީ ޢިލްމުވެރިން، އަދި އިސްލާމީ މުފައްކިރުން ހިމެނެއެވެ.

މިޞްރުގެ މުފްތީ ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. ޝައުކީ އިބްރާހީމް އައްލާމް އާއި، ލުބްނާނުގެ މުފްތީ އައްޝައިޚް އަބްދުއް ލަތީފް ދަރްޔާން އާއި، މަސްޖިދުލް ޙަރަމްގެ އިމާމް އައްޝައިޚް އަބްދުއް ރަޙްމާން އަލްސުދައިސް، އަދި އައްޝައިޚް ޔޫސުފް އެސްޓެސް ފަދަ ޢިލްމުވެރިން މިކޮންފަރެންސް ގައި ކީނޯޓު ސްޕީޗް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީގެ އަރިހުގައި މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް މުޞްޢަބު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވައެވެ.

12 ޑިސެންބަރު 2018