LOADING CLOSE
Entries by Islamic Affairs

ޔޫ.އެން.އޯ.ޑީ.ސީ ގެ ފަރާތުން ބާއްވާ އިވެންޓަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އައްޝައިޚް ފަހުމީދިދީ

 

 

ޔުނައިޓަޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ( ޔޫ.އެން.އޯ.ޑީ.ސީ ) އިން އިންތިޒާމްކޮށްގެން އިންޑޮނޭޝިއާގެ ވެރިރަށް ބާލީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާއިޒް އައްޝައިޚް ފަހުމީދިދީ  ދިއުމަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 3 ކުން 5 ކަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓުގެ މަޢުޟޫއަކީ ” ޗިލްޑްރަން ރެކްރޫޓަޑް އެންޑް އެކްސްޕްލޮއިޓަޑް ބައި ޓެރަރިސްޓް އެންޑް ވަޔަލަންޓް އެކްސްޓްރިމިސްޓް ގްރޫޕްސް: ޔޫ.އެން.އޯ.ޑީ.ސީ ރޯޑްމެޕް އިން އެކްޝަން” އެވެ.

މި އިވެންޓްގެ މައިގަނޑު މަޤްޞަދަކީ ޓެރަރިސްޓް އެންޑް ވަޔަލަންޓް އެކްސްޓްރިމިސްޓް ގްރޫޕްތަކުން ނަހަމަގޮތުގައި ކުޑަކުދިން ބޭނުންކުރުން ހުއްޓުވުމަށް ރޯޑްމެޕެއް އެކުލަވާލުމެވެ. މި ރޯޑްމެޕްގެ ދަށުން ކުޑަކުދިން މިފަދަ ކުށުގެ މާހައުލުން ރައްކާތެރިކުރުމާއި ރިހެބިލިޓޭޓް ކުރުމާއި އެކުދިންނަށް އިންސާފު ހޯދައިދިނުމަށް މަގުފަހިވެގެންދާނެއެވެ.

ޔޫ.އެން.އޯ.ޑީ.ސީ އަކީ ވޭތުވެދިޔަ 10 އަހަރުގައި އޯގަނައިޒްޑް ކްރައިމް، ޑްރަގް، ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ޢަމަލުތަކުން ދުނިޔެ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމާޢަތެކެވެ. އަދި މިފަދަ ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައިދީ ރައްކާތެރިކަމާއި އިންސާފައި، ފުރިހަމަ ސިއްޙަތު އިންސާނިއްޔަތަށް ކަށަވަރުކޮށްދީ އަމާންކަން ޤާއިމްކޮށްދިނުމަކީ ޔޫ.އެން.އޯ.ޑީ.ސީ ގެ އެންމެ މުހިންމު މަޤްޞަދެވެ. މިފަދަ ގޮންޖެހުންތަކަކީ ޤައުމުތަކުން އެކަނި މަސައްކަތަކޮށްގެން ހާޞިލްކުރެވޭނެ ކަންކަމުގައި ނުވާ ހިނދު  ޔޫ.އެން.އޯ.ޑީ.ސީ އަންނަނީ މިކަންކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ފޯރުކޮށްދެމުންނެވެ.

ސަޢުދީ ޢަރަބިއްޔާގެ ވަފްދެއް ރާއްޖެއަށް ޒިޔާރަތްކުރައްވައިފި

 

رحمة واعتدال “އޯގާތެރިކަމާއި މެދުމިން” މިނަމުގައި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އެންޑޯމަންޓްސް، ދަޢުވާ އެންޑް ގައިޑެންސާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި އިމާމުންނަށް ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް 16 ފެބްރުއަރީ 2020 ވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާގެ ވަފްދެއް ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވައިފިއެވެ. މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން 22 ވަނަ ދުވަހާ ހަމައަށެވެ.

މިގޮތުން މި މަހުގެ 17 – 18 އަށް އައްޑޫ ސިޓީގެ ހިރާ ސްކޫލްގައި ޢިލްމުވެރިންނަށާއި އިމާމުންނަށް ވޯކްޝޮޕެއް ވަނީ ކުރިއަށް ގެންދަވާފައެވެ. މި ވޯކްޝޮޕްގައި އައްޑޫ ސިޓީއިން 20 ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި މަހުގެ19  އިން 20  އަށް މާލެ ސިޓީގައި ދިރިއުޅުއްވާ ޢިލްމުވެރިންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

 

މިޞްރުގައި އޮންނަ ޤުރުއާން މުބާރާތަށް އާލާ ޢަޡްމަތު ޖަމީލު

 

މިޞްރު/ ޤާހިރާގައި މިއަހަރު ފެބްރުވަރީ 8 ން 13 ށް ބޭއްވުމަށް ހަމަޖެހިފައިވާ “27 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓެ ފޮރ ރިސައިޓަރސް އޮފް ދަ ހޮލީޤުރުއާން” މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވާ ދަޢުވަތުގައި ފޮނުވާނެ ދަރިވަރެއްގެ ގޮތުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރެއް ކަމުގައިވާ އަލްޙާފިޡާ އާލާ ޢަޡްމަތު ޖަމީލު ހޮވިއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވެރެއްކަމުގައިވާ އާލާ ހާފިޘްކަމުގެ ސަނަދު ހާޞިލްކޮށްފައިވަނީ 2016 ވަނަ އަހަރު ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުންނެވެ. އަދި ޝަހާދަ ޘާނަވިއްޔާ ހާސިލްކޮށްފައިވަނީ ޢަރަބިއްޔާ ސުކޫލުންނެވެ. އަލް ހާފިޘާ އާލާ ވަނީ  2017 ވަނަ އަހަރު މެލޭޝިއާގައި ބޭއްވުނު 59 ވަނަ އިންޓަރނޭޝަނަލް އަލްޤުރްއާންރިސައިޓަލް އެންޑް މެމޮރައިޒިންގ އެސެމްބްލީ މުބާރާތުގެ އިތުރުން 2017 ވަނަ އަހަރު ޑުބާއީ ގައި ބޭއްވުނު ޝައިޚާ ފާޠިމާ ބިންތި މުބާރަކު ބައިނަލް އަޤްވާމީ 2ވަނަ ޤުރްއާން މުބާރާތުގައިވެސް ބައިވެރިވެ ޤުރުއާން ކިޔަވާފައެވެ.

މިމުބާރާތުގައި ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތްޕެއްގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވަނީ 1 ކެންޑިޑޭޓަކަށެވެ. މިގޮތުން މި މުބާރާތުގައި ރާއްޖެއިން އާލާ ބައިވެރިވާނީ ތަޖުވީދުގެ ހަމަތަކާއެކު މުޅި ޤުރްއާން ހިތުދަސް ބައިންނެވެ. ދުނިޔޭގެ 70 ވަރަކަށް ގައުމުތަކުން ބައިވެރިވާ  މިމުބާރާތަކީ ، ކޮންމެ އަހަރަކުވެސް މިސްރުގެ މިނިސްޓްރީ އޮފް އައުޤާފުން އިންތިޒާމު ކުރާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ކެންޑިޑޭޓުގެ ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ދިނުމަށް ހަމޖެހިފައިވަނީ މިޞްރު ސަރުކާރުންނެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ޕވޓ ލޓޑ އާއިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދުއެވެ. މީގެއިތުރުން މި އިމާރާތް އެއްކޮށް ނިންމާލުމަށް 6،214،108.26 ރ ޚަރަދުވާނެކަމަށް މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

ދެބުރީގެ އިމާރާތެއް ގޮތުގައި މި އިމާރާތް އެޅުމަށް ހަމަޖެހިފައިވާއިރު މިތަނުގައި 4 ކްލާސް ރޫމަކާއި، އޮޑިޓޯރިއަމް އަކާއި، ލައިބްރަރީއެއް ހިމެނޭނެކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ސަރުކާރުގެ ފަރާތުން ރާއްޖޭގައި ކީރިތި ޤެރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަށް ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ޤާއިމްކޮށްފައެވެ. މިހާތަނަށް ޖުމްލަ 40 ގޮތްޕެއް ވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅު އިތުރަށް ތަފްޞީލްކުރައްވަމުން ވިދާޅުވިގޮތުގައި މި ގޮތަށް ޤާއިމު ކުރެވޭ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގައި ކިޔަވައިދެއްވަމުންދާނީ ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކޮށް ކޮލިޓީ ކޮންޓްރޯލް ކުރެވޭނެގޮތަށް ކަމުގައި ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރުދެންނެވިއެވެ. އަދި މިކަމުގައި މިނިސްޓްރީގެ ފަރާތުން ޝާމިލްވާ ހުރިހާ ފަރާތްތަކަށްވެސް ޝުކުރުދެންނެވިއެވެ.

ސައުތު އޭޝިއާ ރިލިޖަސް ލީޑާސް ޕްލެޓްފޯމް ފޯ ޗިލްޑްރަން ގެ ބައްދަލުވުމުގައި ފަސް ބޭފުޅަކު ބައިވެރިވަނީ

ބޫޓާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ 5 ބޭފުޅުން

 

ދެވަނަ ސައުތު އޭޝިއާ ރިލިޖަސް ލީޑާސް ޕްލެޓްފޯމް ފޯ ޗިލްޑްރަން ގެ ބައްދަލުވުމުގައި 2020 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 5 ޢިލްމުވެރިއެއް ބައިވެރިވުމަށް ބޫޓާނަށް ދިއުމަށް ހަމަޖެހިއްޖެއެވެ. މި ބައްދަލުވުމަކީ ” ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް އޮފް ޗައިލްޑް” ( ސީ.އާރް.ސީ ) ގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ބައްދަލުވުމުކެވެ. ޔުނިސެފްގެ ފަރާތުން ރާވައިގެން ކުރިއަށްގެންދާ މި ބައްދަލުވުމުގައި ސައުތު އޭޝިއާގެ ކުޑަކުދިންގެ ހައްޤުތަކާއި އަދި މި ހައްޤުތައް އަދާކޮށްދިނުމުގައި ދީނީ ޢިލްމުވެރިންގެ ދައުރާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ބޫޓާންގެ ކެޕިޓަލް ސިޓީކަމަށްވާ ތިމްޕޫގެ ލެ މެރީޑިއަން ރިވާފްރަންޓް ހޮޓަލުގައި މި ޖަނަވަރީ މަހުގެ 28 ހުން 29 ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ  ބައްދަލުވުމުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ” ރިލީޖިއަން އެންޑް ޗިލްޑްރަން ރައިޓްސް އިން ސައުތު އޭޝިއާ ” އެވެ. މި ތީމުގެ ދަށުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ 4 މައުޟޫއަކަށެވެ. އެއީ ” ވެލިއުސް، ސްޕިރިޗުއަލިޓީ އެންޑް ޕޮލިސީ ފޯ ޗިލްޑްރަން ޑެވެލޮޕްމަންޓް” ، ” ޕްރިވެންޓިން ވަޔަލަންސް އެގެއިންސްޓް ޗިލްޑްރަން”، އެންކަރޭޖިން މީނިންފުލް ޔޫތް އެންޑް ޗިލްޑްރަން ޕާޓިސިޕޭޝަން” އަދި ” ޕްރިވެންޓިން ޖެންޑާ އިންއީކުއަލިޓީ އިން އެކްސެސިން ޗިލްޑްރަންސް ރައިޓްސް ” އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ސީ.އާރް.ސީ ކުރިއަރާފައިވާ މިންވަރާއި، އެކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި އަދި ދުނިޔޭގެ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި މިކަމުގައި ދީނީ ޢިލްމުވެރިންގެ ދައުރު ބަޔާންކޮށްދިނުމެވެ. ހަމައެހެންމެ ސައުތު އޭޝިއާގެ 8 ގައުމުގައި ސީ.އާރް.ސީ ކުރިއެރުވުމުގައި އެކި ދީންތަކާއި އަދި ދީނީ ލީޑަރުންގެ ނުފޫޒު އޮތް ދާއިރާތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން ދީނީ ލީޑަރުން ސީ.އާރް.ސީ ހަލުވިކަމާއެކު ކުރިއަރުވަން އަދާކުރެވިދާނެ ރޯލާއި، އަދި އިސްކަން ދޭންޖެހޭ ކަންތައްތައް ދެނެގަނެތުމާއި އެކު ދީނީ ޖަމިއްޔާތަކާއި، ޔުނިސެފަށް މިކަމަށް ބޭނުންވާ އޮޕަރޭޝަނަލް ސްޓެރެޓެޖީއެއް އެކުލަވާލުން ހިމެނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ހަމެޖެހިފައިވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސަލަރ ޑރ. ސަޢުދުﷲ ޢަލީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރަރ ޑރ.އަބްދުއްސައްތާރު ޢަބްދުއްރަޙްމާން އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މުސާއިދު ވާއިޒު އައްޝައިޚް ޢިއްޒުއްދީން ޢަދްނާނު އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރަރ އައްޝައިޚް ނިމާލް މުޙައްމަދެވެ.  މި ބޭފުޅުން ބޫޓާނަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

 

ލ. ގަމު މަތިމަރަދޫ މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

ލ.ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕވޓ ލޓޑ އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.  އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރާ ދެވަނަ މިސްކިތެވެ. މި މިސްކިތަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 4،900345.26 ރުފިޔާއެވެ. ޖުމްލަ 365 ދުވަހުން އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ މަތިމަރަދޫ ރައްޔިތުންނަށް މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތީ އިމާރާތްކުރާ މިސްކިތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިސްކިތުގެ މަސައްކަތްތައް ނިންމާލަދެއްވުމަށް އަފާމީ މޯލްޑިވްސް ޕވޓ ލޓޑ ގެ މެނޭޖިން ޑައިރެކްޓަރުގެ އަރިހުން މިނިސްޓަރ ވަނީ އެދިލައްވާފައެވެ.  މި ރަސްމިއްޔާތުގައި މިނިސްޓަރ ގެ އިތުރުން ލ.ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ނ.ކެނދިކުޅުދޫ މަސްޖިދުލް އީމާން އަދި ޏ. ފުވައްމުލަކު މަސްޖިދުލް އިނާރާ އޭސީ ކުރުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފި

 

އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ނ.ކެނދިކުޅުދޫ މަސްޖިދުލް އީމާން އަދި ޏ. ފުވައްމުލަކު މަސްޖިދުލް އިނާރާ އޭސީ ކުރުމުގެ އެއްބަސް ވުމުގައި ސޮއި ކުރައްވައިފިއެވެ.

މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީއާއި އަވި ޓެކްނޮލޮޖީސް ޕވޓ ލޓޑ ގެ ފަރާތުން އެކުންފުނީގެ އެކައުންޓެންޓް އަލްފާޟިލް އާސިފް މުޙައްމަދެވެ. ޏ. ފުވައްމުލަކު މަސްޖިދުލް އިނާރާ އޭސީ ކުރުމުގެ އެއްބަސް ވުމުގައި މިއަދު ސޮއިކުރައްވާފައިވާއިރު މަސްޖިދުލް އީމާން އޭސީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ 29 ޑިސެމްބަރ 2019 ވަނަ ދުވަހުއެވެ.

ޖުމްލަ 827،500 ރ ( އަށްލައްކަ ހަތާވިސްހާސް ފައްސަތޭކަ ރުފިޔާ ) އަށް ނ.ކެނދިކުޅުދޫ މަސްޖިދުލް އީމާންގައި އެއަރކޯން ޔުނިޓްތައް ބަހައްޓާ، ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓުވިއުގައާއި ގުޅުމުގެ މަސައްކަތް ނިންމުމަށް ހަވާލުކުރައްވާފައިވާއިރު ޏ. ފުވައްމުލަކު މަސްޖިދުލް އިނާރާ ގެ މަސައްކަތް ނިންމުމަށް  920،500 ރ ( ނުވަ ލައްކަ ވިހި ހާސް ފައްސަތޭކަ ރުފިޔާ ) އަށް ވަނީ ހަވާލުކުރައްވާފައެވެ. އަދި މި ދެ މިސްކިތުގެ މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވާނި 20 ދުވަހުގެ ތެރޭގައެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތް ލީޑާޝިޕް ކޭމްފާއި ޢިލްމުވެރިންނަށް ޚާއްސަކޮށްގެން ވާކްޝޮޕެއް ބާއްވައިފި

 

 

ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތް ލީޑާޝިޕް ކޭމްފާއި ޢިލްމުވެރިންނަށް ޚާއްސަކޮށްގެން ވާކްޝޮޕެއް ބާއްވައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު ލީޑާޝިޕް ކޭމްފާއި ޢިލްމުވެރިންނަށް ޚާއްސަކޮށްގެން ވާކްޝޮޕެއް ބާއްވައިފިއެވެ. ޑިސެމްބަރ 14 އިން 16 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ހޯލުގައި ކުރިއަށް ގެންދެވުނު މި ވާރކްޝޮޕުގައި ކިޔަވާދެއްވީ ޑިރެކްޓަރ އޮފް ރިސަރޗް އެންޑް ޓްރެއިނިންގ، ދަޢުވާ އިންސްޓިޓިއުޓް އޮފް ނައިޖީރިއަރ ނޫރުއްދީން ލެމޫ އާއި ހެޑް އޮފް އައުޓްރީޗް އެންޑް އޮޕަރޭޝަންސް، ބަޙްރައިންގެ ޑިސްކަވަރ އިސްލާމް ސޮސައިޓީ މިސްޓަރ މުޙައްމަދު ޒުހައިރުއެވެ.

ޑިސެމްބަރ 14 އިން 15 އަށް ޔޫތު ލީޑާޝިޕް ކޭމްޕް ކުރިއަށް ގެންގޮސްފައިވާއިރު، މި ކޭމްޕްގައި ޖުމްލަ 63 ބައިވެރިން ބައިވެރިވެފައިވެއެވެ. ބައިވެރިންނާއި ވަރަށް ބޮޑަށް ގުޅިގެން ކުރިއަށް ގެންދެވުނު މި ކޭޕްގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކާފައިވަނީ އިސްލާމްދީން ދެނެގަންނާނެގޮތާއި، ދިރިއުޅުމުގައި އަމިއްލަ ޒިންމާ ނަގައިގެން މަސައްކަތްކުރުމާއި،އަމިއްލަ ނަފްސުގެ މުހިއްމުކަމާއިއެކު އެހެން މީހުންނާއި ގުޅިގެން މަސައްކަތްކުރާނެގޮތާއި، ޒުވާނުންނަށް ދީނީގޮތުން ދިމާވާ ޚައްސާސީ މައްސަލަތައް ހައްލުކުރާނެގޮތްތަކާއި ބެހޭގޮތުންނެވެ. ހަމައެހެންމެ ދިރިއުޅުމުގައި ދިމާވާ އިމްތިޙާނުތަކާއި ކުރިމަތިލާނެ ގޮތާއި، ރޫހާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް މަސައްކަތް ކުރާނެ ގޮތްތަކަށްވެސްވަނީ އަލިއަޅުވާލަދެއްވާފައެވެ. މީގެ އިތުރުން ދީނުގައި ހައްދުފަހަނަ އަޅައިދާ ކަންކަމާއި އެފަދަ މީހުންނަށް ދީނުގެ ސައްޙަ މަޢުލޫމާތު ފޯރުކޮށްދޭނެގޮތްތައް ބައިވެރިންނަށް ބަޔާންކޮށްދީފައިވެއެވެ.

ޑިސެމްބަރ 16 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ޢިލްމުވެރިންނަށް ޚާއްސަކޮށްގެން ބޭއްވި ވާކްޝޮޕެކެވެ. ހެނދުނު 8:00 އިން 17:00 އަށް ކުރިއަށްދިޔަ މި ވާރކްޝޮޕުގައި ޖުމްލަ 18 ޢިލްމްވެރިއަކުވަނީ ބައިވެރިވެފައެވެ. މި ވާރކްޝޮޕުގައި އާންމުނާއި ވާހަކަދައްކާނެ ގޮތްތަކާއި، ކަންކަން ބަޔާންކޮށް ހުށަހަޅައިދޭނެ ގޮތްތަކާއި ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ޢިލްމުވެރީންނާވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ޒުވާނުންނަށް ދީނީގޮތުން ދިމާވާ ކްރިޓިކަލް މައްސަލަތައްކަށް ހައްލު ބަޔާންކޮށްދޭނެ ގޮތްތަކާއި އޭތީސްޓުން ކުރާ ބަހުޘްތަކަށް ރައްދުދޭނެގޮތުގެ މަޢުލޫމާތުވެސް ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.

ކޮންމެ ދުވަހެއްގެ ޕްރޮގްރާމް ނިންމާލުމުގެ ކުރިން ސުވާލާ ޖަވާބު ސެޝަނެއް ހިމަނައިގެން ކުރިއަށް ގެންދެވުނު މި ކޭމްޕާއި ވާރކްޝޮޕް ފުރިހަމަކުރެއްވި ބޭފުޅުންނަށް ބައިވެރިވިކަމުގެ ލިޔުންވަނީ ހަވާލުކޮށްފައެވެ.

 

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ ، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ބައްދަލުކުރައްވައިފި

 

 

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ ، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ ، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ދާއިރާގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނެވެ. މިގޮތުން މިސްކިތްތަކާއި، ދީނީގޮތުން ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.