LOADING CLOSE
Entries by Islamic Affairs

ޔޫތް ލީޑާޝިޕް ކޭމްޕާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުކުރައްވައިފި

 

 

ޔޫތް ލީޑާޝިޕް ކޭމްޕާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި  ގުޅިގެން ކުރިއަށް ގެންދާ “ޔޫތް ލީޑަރޝިޕް ކޭމްޕް”އާ ބެހޭގޮތުން މަޝްވަރާކުރުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ އާއި އަލްއުސްތާޛް މުޙައްމަދު ނޫރުއްދީން ލޭމޫ (ޑިރެކްޓަރ އޮފް ރިސަރޗް އެންޑް ޓްރެއިނިންގ، ދަޢުވާ އިންސްޓިޓިއުޓް އޮފް ނައިޖީރިއަރ) މރ. މުޙައްމަދު ޒުހައިރު (ހެޑް އޮފް އައުޓްރީޗް އެންޑް އޮޕަރޭޝަންސް، ބަޙްރައިންގެ ޑިސްކަވަރ އިސްލާމް ސޮސައިޓީ) މިއަދު ބައްދަލުކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ޒުވާނުން ހަރުދަނާކޮށް ދީނީ ގޮތުން ޤާބިލް އަދި ހޭލުންތެރި ބަޔަކަށް ހެދުމާއި ގުޅޭގޮތުންނެވެ.

ޔޫތު ލީޑަރޝިޕް ކޭމްޕް ފަދަ ޕްރޮގްރާމްތަކުގައި ބޭނުންކުރެވިދާނެ ތަފާތު މަޢުލޫމާތުތަކުގެ މައް×ޗަށް ހިމެނޭ ފޮތްތައް މި ބައްދަލުވުމުގައި އަލްއުސްތާޛް މުޙައްމަދު ނޫރުއްދީން ލޭމޫ ޑރ.އަހުމަދު ޒާހިރު ޢަލީއަށް ހަދިޔާ ކުރެއްވިއެވެ. އަދި ޒުވާން ޖީލެއް ބިނާކުރުމުގައި ޢިލްމުވެރިންނާއި، ދައުވަތުގެ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކާއި، ދުނިޔަވީ ގޮތުން ތަފާތު ޢިލްމުތައް އުނގެނިގެން ތިއްބެވި ބޭފުޅުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންތިބި ބައެއްކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ ޒުވާނުން ރަނގަޅު މަގުގައި ސާބިތުކޮށްދިނުމަށް ޒުވާން ޖީލުތަކަށް ދެމިގެންދާނެ ފަދަ ގޮތަކަށް ކަންކަން ރާވާ ހިންގުމަށްވެސް ވިދާޅުވިއެވެ.

އިތުރަށް މަޝްވަރާކުރައްވަމުން ޑރ.އަހްމަދު ޒާހިރު ޢަލީ ވިދާޅުވޮގޮތުގައި ކުރިއަށް އޮތްތަނުގައި މިފަދަ ޔޫތު ޕްރޮގްރާމްތައް ރާވާ ހިންގުމަށް މަސައްކަތްކުރައްވާނެއެވެ. އަދި ޢިލްމްވެރިންނަށް އަމާޒުކޮށްގެން ޒުވާނުންނަށް ދީނީ މަޢުލޫމާތު ހިއްސާކުރެވިދާނެ ހަރުދަނާ ގޮތްތަށް ހަމަޖެއްސުމަށް ވާރކްޝޮޕްތައް ހިންގާނެކަމަށް ވިދާޅުވިއެވެ. ބައްދަލުވުން ނިންމަވާލައްވަމުން މެހެމާނުން ސޮއިކުރުމަށް ހަމަޖެހިފައިވާ ފޮތުގައި އަލްއުސްތާޛް މުޙައްމަދު ނޫރުއްދީން ލޭމޫ އާއި މރ. މުޙައްމަދު ޒުހައިރު ސޮއިކުރެއްވިއެވެ.

ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯ ލިސްޓުގައި ހިމެނުމާ ބެހޭގޮތުން މަޝްވަރާކުރާކޮށްފި

 

 

ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯ ލިސްޓުގައި ހިމެނުމާ ބެހޭގޮތުން މަޝްވަރާކުރާކޮށްފި

 

ވޯލްޑް މޮނިއުމަންޓް ފަންޑް، މރ. ސްޓެފެން ބެޓަލް އަދި ކޮންސަލްޓަންޓު ޓު ދަ ވޯލްޑް މޮނިއުމަންޓް ފަންޑު، މރ. ސިލިވިއާ ކްރެވެރޯ – ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯ ލިސްޓުގައި ހިމެނުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު އަލީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ، ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުމުގައި މިނިސްޓްރީއަކީ ވަރަށް މުހިންމު މުއައްސަސާއެއްކަމުގައި ވޯލްޑް މޮނިއުމަންޓް ފަންޑްގެ ބޭފުޅުން ވިދާޅުވިއެވެ.

ވަގުތީ ލިސްޓްގައި 6 މިސްކިތެއް ހިމެނުމަށް ނިންމާފައިވާއިރު އިތުރު މިސްކިތްތައްވެސް ކުރިއަށް އޮތްތަނުގައި ޔުނެސްކޯގެ ލިސްޓުގައި ހިމެނުމަށް މަސައްކަތްކުރައްވާނެކަމަށް މރ. ސިލިވިއާ ކްރެވެރޯ ވިދާޅުވިއެވެ. ވަގުތީ ލިސްޓްގައި ހިމަނާފައިވަނީ މާލޭ ހުކުރު މިސްކިތް، މާލޭ ޢީދު މިސްކިތް، އިހަވަންދޫ މިސްކިތް، ރ.މީދޫ މިސްކިތް، ލ.އިސްދޫ މިސްކިތް އަދި އދ.ފެންފުށި މިސްކިތެވެ. މި މަސައްކަތްތައް 2021 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި މި ކަމުގެ ސަބަބުން ރާއްޖެ އިޝްތިހާރުވެ އެކި ފަރާތްތަކުން ފަންޑު ލިބުމަށްވެސް ފުރުސަތު އެބައޮތްކަމުގައި މރ. ސިލިވިއާ ކްރެވެރޯ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި މަސައްކަތައް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ޔުނެސްކޯގެ ލިސްޓްގައި ރާއްޖޭގެ ބައެއް މިސްކިތްތައް ހިމެނުމަށް ނިންމި ނިންމެވުމަށް މަރުޙަބާ ދަންނަވާ ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މެނުމާނުން ސޮއިކުރައްވާ ފޮތުގައި މރ. ސިލިވިއާ ކްރެވެރޯ ވަނީ ސޮއިކުރައްވާފައެވެ.

 

“ފުރުޞަތު 2020” ގެ ނަމުގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އޯޕަންޑޭ ބާއްވައިފި

“ފުރުޞަތު 2020” ގެ ނަމުގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އޯޕަންޑޭ ބާއްވައިފި

“ފުރުޞަތު 2020” ގެ ނަމުގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އޯޕަންޑޭ ބާއްވައިފިއެވެ.މި ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަހުމަދުﷲ ޖަމީލެވެ.  14 ޑިސެމްބަރ 2019 ވަނަ ދުވަހުގެ މެންދުރު 14:00 އިން 17:45 އަދި 20:00 އިން 22:00 އަށް ކުރިޔަށް ދިޔަ މި ހަރަކާތް ބާއްވާފައިވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގައެވެ.

އޯޕަންޑޭގައި ދަރިވަރުންނަށް އަލަށްފަށާ ކޯސްތަކާއި، އެކި ކޯސްތަކަށް ހޭދަވާނެ މުއްދަތާއި، މޮޑިއުލްތަކުގެ މަޢުލޫމާތާއި އަދި ޤުރުއާނާބެހޭ މަރުކަޒުން  ކިޔެވެންހުރި ކޯސްތަކުގެ މަޢުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން ހިފްޘް ކުލާސްތަކާއި، މިސްކިތު ކްލާސްތަކުގައި ބައިވެރިވިމުގެ ފުރުސަތުވެސް މިކަމުގެ ތެރެއިން ބައިވެރިންނަށް ފަހިވެގެންދިއައެވެ. ހަމައެހެންމެ އެހެންމެ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގައި ބޭއްވޭ މުބާރާތްތަކާއި، އަލަށް ހުޅުވިފައިވާ ގޮފިތަކާއި ބެހޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ކޯސްތަކަށް ވަނުމަށް އެދޭ ފޯމުދޫކުރުމުގެ އިތުރުން، ބައިވެރިން ބޭނުންވެއްޖެނަމަ ވަގުތުން ފޯމުފުރުމާއި، ކޯހަށްވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ހުރިހައި އިންތިޒާމްތަކެއްވެސް ވަނީ ފަހިކޮށްދީފައެވެ.ކީރިތި ޤުރްއާނާބެހޭ ޤައުމީމަރުކަޒުން ހިންގާ ހުރިހާ ކޯސްތަކަކީވެސް ހިލޭ ކިޔަވަދޭ ކޯސްތަކެކެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރި މަރިޔަމް މާހް ހަމީދު އާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި

ކީރިތި ޤުރުއާން ހިތުދަސްކުރި މަރިޔަމް މާހް ހަމީދު އާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި

ޚާއްސައެހީއަށް ބޭނުންވާ އުމުރުން 21 އަހަރުގެ މަރިޔަމް މާހް ހަމީދު  ޤުރްއާން ހިތުދަސްކޮށްފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ، ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މަރްޔަމް ވަރަށް ބޮޑަށް ހިތްވަރުދެއްވާ މިކަމަށް މަރުޙަބާ ދެންނެވިއެވެ. އަދި މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ ވަނީ މަރްޔަމްއަށް ހަދިޔާވެސް ދެއްވާފައެވެ. މަރްޔަމް އާއި މަރްޔަމްގެ މަންމައާއި ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަގޮތްތައް ހަމަޖައްސައިދީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ލިބޭނެގޮތްތައް ފަހިކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅިވިއެވެ. ހަމައެހެންމެ ޤުރުއާން ހިތުދަސްކުރުމަށްފަހު އަބަދުވެސް މުރާޖަޢާ ކުރަންޖެހޭނެ ކަމަށާއި، އެކަން އަބަދުވެސްކުރުމަށް މަރްޔަމްއަށް ނަޞޭހަތްތެރިވިއެވެ. އަދި ޤުރުއާން ހިތުދަސްކުރުމަކީ މިނިސްޓަރ ވަރަށް އުފާކުރައްވާ ކަމެއްކަމަށްވެސްވަނީ ވިދާޅުވެފައެވެ.

މަރްޔަމްގެ މަންމަ ފާހަގަކުރެއްވިގޮތުގައި، އެންމެ ތުއްތު ދުވަސްވަރުގައި މަރްޔަމް ރަނގަޅަށް ވާހަކަދައްކަން ފެށުމުގެ ކުރިން ޤުރުއާން ކިޔަވަންވަނީ ފަށާފައެވެ. ޤުރުއާން ހިތުދަސްކުރުމަށް އެކި ބޭފުޅުންނަށް އެކި ގޮތަށް މަސައްކަތްކުރައްވާއިރު މަރްޔަމް ޤުރުއާން ހިތުދަސްކުރުމަށް ފަސޭހަވީ ލިޔެގެންނެވެ. މިގޮތުން މުޅި ޤުރުއާން އެއްކޮށް އަމިއްލަ އަތުން 5 ފަހަރު މަރްޔަމްވަނީ ލިޔެފައެވެ. ޅ.ނައިފަރަށް އުފަން މަރްޔަމް މާހް ހަމީދު ވަޒީފާ އަދާކުރަމުން އަންނަނީ މޯލްޑިވިއަންގެ އެޗް.އާރް ކޯޑިނޭޓަރެއްގެ ގޮތުގައެވެ.

 

 

 

 

 

ޔުނިސެފްގެ ރެޕްރެސެންޓޭޓިވްސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ބައްދަލުކުރައްވައިފި

 

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޔުނިސެފް ރެޕްރެޒެންޓޭޓިވް، ޑރ. މުނީރު އޭ. ސަލަފުއްދީން 2020 ވަނަ އަހަރުގެ ޖަނަވަރީމަހު ބޫޓާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތް އޭޝިޔާ ރިލިޖިއަސް ލީޑަރސް ޕްލެޓްފޯމް ފޮރ ޗިލްޑްރަންގެ 2 ވަނަ ބައްދަލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒާހިރު ޢަލީ އަށް ދަޢުވަތު އަރުވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

 

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ހޯމް މިނިސްޓްރީ ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. 4 ޑިސެމްބަރ 2019 ވަނަ ވާ ބުދަ ދުވަހުގެ 16:00-17:45 އަދި ރޭގަނޑު 20:00- 22:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓް އޮންނާނީ އިސްލާމީ މަރުކަޒުގެ މާބުލް އޭރިއާގައެވެ.

13 ސްޓޯލެއް ހިމަނައިގެން ކުރިއަށް ގެންދާ ކުޅިވަރުތަކުގެ ތެރޭގައި މަސްބޭނުމާއި، މެއިޒް ގޭމާއި، ކޭން ނޮކް ޑައުންއާއި، ސޮޕޮންޖް ގޭމް ފަދަ އެތައް ކުޅިވަރެއް ހިމެނެއެވެ. މީގެ އިތުރުން މަދަހަ ކިޔުމާއި، ޓެލެސްކޯޕް ބޭނުންކޮށްގެން ތަރިތަކާއި ހަނދު ބެލުމާއި، ތީރުޖެހުން ފަދަ ވަރަށް ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ކުޅިވަރުތަކުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް އެ ބައިވެރިވާ ހަރަކާތް ހިންގާ ސްޓޯލަކުން ހަދިޔާއެއް ލިބޭނެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެކި ޑިޕާޓްމަންޓްތަކުގެ 7 ސްޓޯލެއްގެ އިތުރުން، އަޔާދީ ތަކާފުލް، އެމް.އެން.ޔޫ، އެކްސެލް އިންޓަނޭޝަނަލް ސްކޫލް އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ސްޓޯލްތައް ބައިވެރިކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނާއި ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ހަރަކާތްތަކަކީ ވަރަށް ތަފާތު އަދި އެކުދިން ޝައުޤުވެރިވާނެ ހަރަކާތްތަކެވެ. ތަފާތު ގިނަ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތަށް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައވާ މި ކުޑަކުދިންގެ ހަވީރަށް ވީހާވެސް ގިނަ ކުދިން އައުމަށް މިނިސްޓްރީގެ ފަރާތުން އެދިލައްވައެވެ.

ބްރައިލް ވާކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ފާހަގަކޮށްފި

 

ބްރައިލް ވާކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންގޮސްފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެއްޓުމުގެ ގޮތުން ވާކްޝޮޕްގެ ދަރިވަރެއްކަމުގައިވާ ހަސަން އިބްތިހާލް ވަނީ ބްރައިލް ބޭނުންކޮށްގެން ކިޔަވާފައެވެ. ފެނުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ދަސްކޮށްދިނުމަށް ހިންގުނު މި ވާކްޝޮޕްގައި ކިޔަވައިދެއްވީ އަލް ޤާރީ ޢަބްދުލް ރަޝީދު ޢަބްދުލް ޤާދިރުއެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަހްމަދު ރަޝީދު  ވިދާޅުވިގޮތުގައި މީގެ ކުރިން ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޤުރުއާން އުނގަންނައިދިނުމަކީ ދަތި އަދި ބުރަ މަސައްކަތެކެވެ. އެކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ޢާއްމުގޮތެއްގައި ކަންކުރަމުން އަންނަ އުސޫލަކީ މުދައްރިސް ކައިރީގައި ހުރެގެން ކިޔަވާ އަޑު އަހައިގެންނާއި، ކިޔަވާފައިވާ އޯޑިއޯއެއް އަޑުއަހައިގެން ނުވަތަ މައިންބަފައިން ކިޔާދިނުމުން އަޑުއަހައިގެންކަމަށް އަހްމަދު ރަޝީދުގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން ބްރައިލް ދަސްކުރުމުގެ މުހިއްމުކަމަށް އިޝާރާތްކުރައްވަމުން، މި ކަމަކީ ހަމައެކަނި ލޯފަންކުދިން ދަސްކުރަން އޮތް ޢިލްމެއް ނޫންކަމާއި، މިފަދަ ދަރިވަރުން ތަމްރީނުކުރުމަށް މުދައްރިސުންނަށްވެސް މިއީ އެހާމެ މުހިއްމުކަމެއް ކަމަށް ވިދާޅުވިއެވެ. ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ރާއްޖޭގައި މިގޮތަށް ކިޔަވައިދިން ފުރަތަމަ ފަހަރުކަމަށްވެފައި، މިކަމަށް ދެއްވި ޚާއްޞަ އިސްކަމާއި އެހީތެރިކަމަށް ، ޖަލްސާގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް އިސްލާމިކް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއަށް ވަރަށް ޚާއްޞަ ޝުކުރެއްދެންނެވިއެވެ. އަދި މި ވާކްޝޮޕްގައި ބައެއް ދަރިވަރުންގެ ޢާއިލާގެ މެންބަރުން ބައިވެރިވިކަމަށްޓަކައި އެބޭފުޅުންނަށްވެސް ހިތްވަރުދެއްވިއެވެ.

ހަމައެހެންމެ މިނިސްޓަރ އޮފް އިސްލާމިކް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިމާއި ކިޔެވުމުގެ ހުނަރަކީ ދިރުވާ އާލާ ކުރަންޖެހޭ ފަންނެއްކަމަށް ހާމަކުރެއްވިއެވެ. ނިމިގެން މިދިޔަ ވާކްޝޮޕަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިފަދަ ވާކްޝޮޕެއް އަލަށް ބޭއްވުނުފަހަރުކަމާއި، ބްރައިލް އަކުރުން ލިޔެފައިވާ ސެޓްފިކެޓެއް މިހާތަނަށް ދެވުނު ފުރަތަމަ ފަހަރުކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޚާއްސަ އެހީއަށް ބޭނުންވާކުދިންނަށް އެހެން ކުދިންނެކޭވެސް އެއްގޮތަށް އެއްވެސް ތަފާތެއްނެތި ޢަމަލުކުރައްވަމުން ގެންދަވާކަމަށާއި މި ވާކްޝޮޕަކީވެސް އެގޮތުން ހިންގުނު ވާކްޝޮޕެއްކަން ޖަލްސާގެ ހާޒިރީންނާއި މުޚާތަބްކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އިތުރަށް މިފަދަ މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ ލޯފަންކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްތަކެއްވެސް ކުރަމުން އަންނަކަމަށާއި އެގޮތުން ލޯފަންކުދިން މުދިމުން ގޮތުގައި މަސައްކަތްކުރައްވާކަންވެސް މިނިސްޓަރ ފާހަގަކުރެވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މުޖުތަމައުގެ ހުރިހައި ފަރާތްތަކަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން މިފަދަ ކަންކަމަށް ބޭރުގެ ބައެއް ޤައުމުތަކުން އެހީތެރިކަން ހޯދުމުގެ މަސައްކަތްތަށް ކުރިއަށްދާކަމަށާއި އަދި އެކަން މިހާރު ފަހިވެފައިވާކަންވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ބެލެނިވެރިންނަށްވަނީ ވަރަށް ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިހުމާލުނުވުމަށާއި،  ވަރަށް ބޮޑަށް އެކުދިންނަށް ސަމާލުކަން ދިނުމަށާއި، ފަރުވާތެރިވުމަށް ހަނދުމަފުޅުކޮށްދެއްވިއެވެ. ހަމައެހެންމެ މި ވާކްޝޮޕްގެ ބައިވެރިންނަށާއި، ބެލެނިވެރިންނަށާއި، މިކަން އިންތިޒާމް ކުރެއްވި ހުރިހައި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދެންނެވިއެވެ. ޚާއްޞަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި ނައިބް ރައީސް ފައިޞަލް ނަސީމަށް ބްރައިލް ވާކްޝޮޕް ކުރިއަށް ގެންދިއުމަށް ދެއްވި އިރުޝާދަށާއި ބެހެއްޓެވި ގާތްކަމަށް ވަރަށް ޚާއްސަ ޝުކުރެއްދެންނެވިއެވެ.

މި ވާކްޝޮޕް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓުގެ އިތުރުން ބައިވެރީންގެ ތެރެއިން ލޯފަން ދަރިވަރުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ބްރައިލް ޚަތިމް ސެޓެއްވެސްވަނީ ހަދިޔާ ކުރައްވާފައެވެ. މި ތަކެތި ދަރިވަރުންނަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް  އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.

ބްރައިލް ވާކްޝޮޕަކީ ލޯފަންކުދިންނަށް ކީރިތިޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ކީރިތިޤުރުއާނާބެހޭ ޤައުމީ މަރުކަޒުން 27 އޮކްޓޯބަރ 2019 އަހަރު ފަށާފައިވާ ޕްރޮގްރާމެކެވެ. ޢަރަބި އަކުރުތަކުން ފެށިގެން ޤުރުއާނުގެ ސޫރަތްތައް ކިޔަވާނެގޮތް ވަނީ މި ވާކްޝޮޕުގެ ދަރިވަރުންނަށް އުނގަންނައިދީފައެވެ. ވާކްޝޮޕް ނިމިފައިވަނީ 28 ނޮވެމްބަރ 2019 ވަނަ އަހަރުއެވެ. ޖުމްލަ 9 ދަރިވަރުން ވާކްޝޮޕް ފުރިހަމަ ކޮށްފައިވާއިރު ލޯފަން 6 ކުއްޖަކާއި، މި ދަރިވަރުންގެ އާއިލާގެ ތެރެއިން 2 މެމްބަރަކާއި، ޓީޗަރެއް މީގެ ތެރޭގައި ހިމެނެއެވެ.

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2020 ވަނަ އަހަރުގެ ކަލަންޑަރު ނިކުމެއްޖެ

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އާއްމުކޮށްގެން ނެރޭ ކަލަންޑަރު އެ މިނިސްޓްރީން ނެރެފިއެވެ. 2020 ވަނަ އަހަރުގެ ކަލަންޑަރަކީ އެހެން އަހަރުތަކާއި ޚިލާފަށް ވަރަށް ތަފާތު އަދި ހިތްގައިމު ކަލަންޑަރެކެވެ. އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫއިން ތައްޔާރުކުރި މި ކަލަންޑަރާއި ބެހޭގޮތުން އިސްލާމިކް ސްޓޫޑިއޯގެ މެނޭޖަރ އަދި މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަހަރުގެ ކަލަންޑަރު ޑިޒައިން ކޮށްފައިވަނީ “ކީރިތި ﷲ ދެއްވި ޤުދުރަތީ ރީތިކަން” ތީމަކަށް ބަލައިގެންނެވެ. މި ކަލަންޑަރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މަތިން ނަގާފައިވާ ޤުދުރަތީ ރީތި މަންޒަރުތައްވަނީ ހިމަނާފައެވެ. އަދި އެކަލާނގެ ކުޅަދުންވަތަކަމުން އަޅަމެންނަށް ދެއްވާފައިވާ ޤުދުރަތީ ރީތިކަން ހިމާޔަތްކުރުމުގެ މުހިއްމުކަން ހާމަކޮށްދޭ މި މަންޒަރުތައް ނަގާފައިވަނީ ރާއްޖޭގެ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނެވެ.

އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން ޑިޒައިންކޮށް ތައްޔާރުކުރި މި ކަލަންޑަރުގައި ހިމަނާފައިވާ މަންޒަރުތަކާއި ގުޅޭގޮތުން ތަފާތު ޢިލްމީ ނަސޭޙަތްތައް ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައިވަނީ ހިމަނާފައެވެ. މީގެއިތުރުން ހަނދުކޭތައާއި އިރުކޭތަ ހިފާދުވަސްތައް ފަސޭހައިން އެނގޭނެ ނިޝާނެއްވެސް ކަލަންޑަރުގައި ހިމަނާފައިވާނެއެވެ. އަދި ކިޔާލަން ފަސޭހަވާނެ ގޮތަށް ކަލަންޑަރުގައި ލިޔުމަށްބޭނުންކޮށްފައިވާ ފޮންޓްވެސްވަނީ ބޯލްޑްކުރެވިފައެވެ. ވޯލް ކަލަންޑަރުގެ އިތުރުން ޑެސްކްޓޮޕް ކަލަންޑަރުވެސް ނެރޭގޮތައްވަނީ ހަމަޖެހިފައެވެ. ކަލަންޑަރު ވިއްކުމަށް ހަމަޖެހިފައިވަނީ އެންމެ -/25 ރ އަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ސީސީޓީވީ ހަރުކުމުގެ އެއްބަސްވުމެއްގައި ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކުރައްވައިފި

 

އިސްލާމީ މަރުކަޒުގައި ސީސީޓީވީ ކެމެރާ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. 35 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މި މަސައްކަތަށް ޚަރަދުކުރަން ހަމަޖެހިފައިވަނީ 595،449.98 ( ފަސްލައްކަ ނުވަދިހަފަސްހާސް ހަތަރުސަތޭކަ ސާޅީސްނުވަ ރުފިޔާ ނުވަދިހަ ލާރި ) އެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ، މާލޭސިޓީ ކައުންސިލްގެ މޭޔާ އަލްފާޟިލާ ޝިފާ މުހައްމަދާއި މިއަދު ބައްދަލުކުރައްވައިފި

 

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ، މާލޭސިޓީ ކައުންސިލްގެ މޭޔާ އަލްފާޟިލާ ޝިފާ މުހައްމަދާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ މާލޭގެ ބައެއް މިސްކިތްތައް ނުނިމި ލަސްވެގެންދިއުމާއެކު އެކަން ހައްލުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުންނެވެ. އަދި މިސްކިތްތައް މަރާމާތުކުރުމާއި ސާފުކުރުމަށް ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.