އިސްލާމީ ފިޤްހު އެކަޑަމީއަށް ރައީސަކާއި ނާއިބް ރައީސެއް ޢައްޔަންކުރައްވައިފި!
ފިޤުހު އެކަޑަމީ އަލުން އެކުލަވައިލެއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ދުނިޔޭގެ ތަފާތު ޤައުމުތަކުން އިސްލާމީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުން ބައިވެރިކުރެއްވުމާއި އަދި ދުނިޔަވީ ޢިލްމުގެ ތެރެއިންވެސް ވަކި ޙާއްޞަ ދާއިރާތަކަކުން ކިޔަވައި ވިދާޅުވެފައިވާ ޢިލްމީ ޤާބިލު ބޭފުޅުން، މި އެކަޑަމީގައި ހިމަނުއްވުމެވެ. މިއެކަޑަމީ ބެހިގެންވަނީ މައިގަނޑު 2 ކައުންސިލްގެ މައްޗަށެވެ. އެއީ "އިސްލާމީ ފިޤުހު އެކަޑަމީގެ ޝަރީޢާ ކައުންސިލް" އަދި "އިސްލާމީ ފިޤުހު އެކަޑަމީގެ އެޑްވައިޒަރީ ކައުންސިލް" އެވެ. އަދި 20 ޑިސެމްބަރ 2012 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މި 2 ކައުންސިލް އުފައްދަވައި، މި 2 ކައުންސިލަށް މެންބަރުން ހަމަޖެއްސެވިއެވެ.

އިސްލާމީ ފިޤްހު އެކަޑަމީ ޝަރީޢާ ކައުންސިލްގެ އެންމެ ފުރަތަމަ ބައްދަލުވުން 21 ފެބްރުއަރީ 2013 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މީޓިންގ ރޫމުގައި ވަނީ ބޭއްވިފައެވެ. އެގޮތުން ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް އިސްލާމީ ފިޤްހު އެކަޑަމީގެ ރައީސަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަކަށް އެއްސެވުމުން 12 މެމްބަރުންގެ އަޣްލަބިއްޔަތުން އެމަނިކުފާނު ވަނީ އެމަޤާމަށް ހޮވިވަޑައިގެންފައެވެ. އަދި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަތީފު ނާއިބް ރައީސެއް ކަމުގައި ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ސިއްރު ވޯޓަކަށް ހުށަހެޅުއްވުމުން 9 މެމްބަރުންގެ އަޣްލަބިއްޔަތުން ވަނީ ހޮވިވަޑައިގެންފައެވެ. މީގެ އިތުރުން ފިޤްހު އެކަޑަމީގެ އަމީން ޢާއްމެއްގެ ގޮތުގައި އައްޝައިޚް މުޙައްމަދު ފާރޫޤް ހަމަޖެހުނެވެ.