އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ 4 ވަނަ ބުރު ފަށައިފި


އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގެ 4 ވަނަ ބުރު މިއަދު ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގެ 4 ވަނަ ބުރު ކުރިއަށްދަނީ ލާމު އަތޮޅުގެ އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށްގެން ލާމު އަތޮޅުގައެވެ. މީގެ ކުރިން މިނިސްޓްރީން ވަނީ މާލޭ ސިޓީ ސަރަޙައްދުގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް މާލޭގައި، އަދި އައްޑޫ ސިޓީ ގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް އައްޑޫ ސިޓީގައި، އަދި ފުވައްމުލަކު ސިޓީ ގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް ފުވައްމުލަކު ސިޓީގައި މިފަދަ މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ

މިއަދު ލ.ފޮނަދޫގައި ފެށި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަލީ ވަޙީދެވެ. މި ފަހަރުގެ ވޯކްޝޮޕްގައި ލާމު އަތޮޅުގެ އެކި ރަށްރަށުން 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި ކިޔަވައިދޭ ބައިތަކު ތެރޭގައި ޤުރްއާނާއި ފިޤްހާއި މޮސްކް މެނޭޖްމަންޓް ހިމެނެއެވެ. ޤުރްއާނުގެ ބައި ނަންގަވައިދެއްވާނީ އަލްޤާރީ ޢަބްދުލްޖަލީލް އިސްމާޢީލެވެ. ފިޤްހުގެ ބައި ނަންގަވައިދެއްވާނީ އައްޝައިޚް އަޙްމަދު މައުމޫން ޢަބްދުލްޢަޒީޒެވެ. އަދި މޮސްކް މެނޭޖްމަންޓްގެ ބައި ނަންގަވައި ދެއްވާނީ ސްޓޭޓް މިނިސްޓަރ ޢަލީ ވަޙީދާއި އަލްފާޟިލް މުޙައްމަދު ސަޢީދެވެ. މި ވޯކްޝޮޕް މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ.

.

 

      އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ، އިމާމުންނާއި ޚަޠީބުންނަކީ މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އިމާމުންނާއި ޚަޠީބުންންގެ މަސައްކަތަށް ޒަމާނާ ގުޅިގެން އަންނަ ބަދަލުތައް އޮޅުންފިލުވައިދީ ހޭލުންތެރި ކުރުމެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ވޯކްޝޮޕްތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

08 އޭޕްރިލް 2017