އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ 3 ވަނަ ބުރު ފަށައިފި


އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގެ 3 ވަނަ ބުރު މިއަދު ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުންތަކުގެ 3 ވަނަ ބުރު ކުރިއަށްދަނީ ފުވައްމަލަކު ސިޓީ ގެ އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށްގެން ފުވައްމުލަކު ސިޓީގައެވެ. މީގެ ކުރިން މިނިސްޓްރީން ވަނީ މާލޭ ސިޓީ ސަރަޙައްދުގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް މާލޭގައި، އަދި އައްޑޫ ސިޓީ ގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް އައްޑޫ ސިޓީގައި މިފަދަ މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.

މިއަދު ފުވައްމުލަކު ސިޓީގައި މިފެށުނު ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ފުވައްމުލަކު ސިޓީ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަލީ ފަޒާދެވެ. މިރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މާލޭ ސަރަޙައްދުން ބޭރަށް، އަތޮޅުތެރެއަށް މިފަދަ ކަންކަން ފުޅާވެގެން ދާ ދިއުމަކީ އުފަލާއެކު ފާހަގަކުރައްވާ ކަމެއްކަމަށާއި، އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ތަމްރީން ޕްރޮގްރާމްތައް ގިނަގިނައިން ހިންގުމަކީ މުހިންމު ކަމެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި މިމަހުގެ 19 އިން 20 ށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި 29 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.  މި ވޯކްޝޮޕްގައި ކިޔަވައިދޭ ބައިތަކު ތެރޭގައި ޤުރްއާނާއި ފިޤްހާއި ދިވެހިބަސް ކިޔުމާއި ހުށަހެޅުމުގެ ހުނަރުގެ އިތުރުން މޮސްކް މެނޭޖްމަންޓް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ، އިމާމުންނާއި ޚަޠީބުންނަކީ މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އިމާމުންނާއި ޚަޠީބުންންގެ މަސައްކަތަށް ޒަމާނާ ގުޅިގެން އަންނަ ބަދަލުތައް އޮޅުންފިލުވައިދީ ހޭލުންތެރި ކުރުމެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ވޯކްޝޮޕްތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށް ގެންދާނެކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.