“މުޞްޙަފް މާލްދީފް” މަޝްރޫޢުގެ ދަށުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް “މުޞްޙަފް މާލްދީފް” ބައްސަވަން ފައްޓަވައިފި


“މުޞްޙަފް މާލްދީފް” މަޝްރޫޢުގެ ދަށުން ޗާޕްކޮށްގެން ގެނެވުނު މުޞްޙަފްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް “މުޞްޙަފް މާލްދީފް” ބައްސަވަން ފައްޓަވައިފިއެވެ. ކުންފުނިތަކުގެ މުވައްޒަފުންނަށް މުޞްޙަފް ބައްސަވަން ފެއްޓެވީ އެކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ މެނޭޖިންގ ޑިރެކްޓަރުންނާ އެހެނިހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، “މުޞްޙަފް މާލްދީފް” މަޝްރޫޢު ޙަޤީޤަތަކަށް ވެގެންދިއުމުގައި ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުގެ ވަރަށް ބޮޑު ޙިއްޞާއެއް އެބައޮތްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން، މި މަޝްރޫޢަކީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢަކަށްވެފައި، މިކަން ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ގިނަ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުންފުނިތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، “މުޞްޙަފް މާލްދީފް” މަޝްރޫޢުގެ ދަށުން މިހާތަނަށް އެއްލައްކަ މުޞްޙަފް ޗާޕް ކޮށްގެން ރާއްޖެ ގެނެވިފައިވާ ކަމަށާއި، މުޞްޙަފްތައް ޗާޕް ކުރުމުގެ ދެވަނަ ބުރު އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤްބަލެއްގައި ފެށިގެންދާނެކަމަށެވެ.

“މުޞްޙަފް މާލްދީފް” ގެ ފުރަތަމް ކޮޕީ 27 ސެޕްޓެންބަރު 2016 ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަތްޕުޅަށް އަރުވާފައިވާއިރު، ރައީސް ޔާމީން ވަނީ 29 ޑިސެންބަރު 2016 ގައި މުޞްޙަފްތައް ބެހުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވާފައެވެ.

“މުޞްޙަފް މާލްދީފް” މަޝްރޫޢު ގެ ދަށުން ފުރަތަމަ ގެނެވުނު އެއްލައްކަ މުޞްޙަފް ބެހުމަށް ހަމަޖެހިފައިވަނީ ޢުމުރުން 15 އަހަރާ 45 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް މުޞްޙަފެއް ފޯރުކޮށްދެވޭ ގޮތަށެވެ. އަދި މާލޭ ސަރަޙައްދާއި އަތޮޅުތެރޭގައި ދިރިއުޅުއްވާ އެ ޢުމުރުފުރާގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުޞޫލުތަކުގެ ދަށުން މުޞްޙަފް ފޯރުކޮށްދެވޭނެއެވެ. އެކަމުގެ ތައްޔާރީތައް ކުރިއަށް ދާ ކަމަށާއި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދޮޅުމަސްދުވަސް ތެރޭގައި މުޞްޙަފްތައް ބަހާ ނިންމާލެވޭނެކަމަށް މިނިސްޓްރީގެ ކަމާބެހޭ ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވައެވެ.

“މުޞްޙަފް މާލްދީފް” މަޝްރޫޢަކީ، ކޮންމެ ދިވެއްސަކަށް މުޞްޙަފެއް މި ޝިޢާރުގެ ދަށުން ދިވެހިންނަށް ޚާއްޞަ މުޞްޙަފެއް ޗާޕުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ، 2018 ވަނަ އަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ ދަށުން ކޮންމެ ދިވެއްސަކަށް މުޞްޙަފެއް ފޯރިކޮށްދިނުމެވެ.