ރަޙްމަތައްލިލްއާލަމީން ގެ ނަމުގައި ކެންޕެއިނެއް އިފްތިތާޙްކޮށްފި.


ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލައި، އަމާން، އެކުވެރި އަދި އެއްބައިވަންތަ މުޖްތަމަޢެއް ބިނާ ކުރުމަށް، ޚާއްޞަ ކެމްޕެއިނެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އިފްތިތާޙްކޮށްފިއެވެ. މި ކެންޕެއިން އިފްތިތާޙްކޮށްދެއްވީ މިއަދު މޯލްޑިވްްސް ޕޮލިސް ސަރވިސްގައި ބޭއްވި އިފްތިތާޙީ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދެވެ.

މި ކެންޕެއިނަކީ ދީނީ ގޮތުން ރައްޔިތުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުމާއި ޙަސަދައާއި ރުޅިވެރިކަން ނައްތާލައި، އެއްބަނޑު އެއްބަފާ މުސްލިމް ޖަމާޢަތަކަށް ދިވެހި މުޖުތަމަޢު ހެދުމުގެ މަޤްޞަދުގައި ދިވެހި ސަރުކާރުން އިސްނަގައިގެން މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެންޕެއިނެކެވެ.

މި ކެންޕެއިން އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އަޒްލީން ވަނީ އެއްބައިވަންތަ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން ކުރައްވާ ބުރަ މަސައްކަތަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިއަދު މިފެށޭ މަސައްކަތަކީ، ދިވެހިންގެ ކާބަފައިން ދައްކާފައިވާ އެއްބައިވަންތަކަމުގެ ރީތި ނަމޫނާއަށް އިޔާދަވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި ކެންޕެއިން ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިންގެ މިއަދުގެ އިޖްތިމާޢީ ޙާލަތަކީ ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ޙާލަތެއް ކަމަށް ފާހަގަކުރެއްވިއެވެ. ތަފާތު އެކި ކަންކަމުގައި އެއްބައެއްގެ ތެރޭގައި ޚިޔާލު ތަފާތުވުމުގެ ސަބަބުން އެކި ދާއިރާތަކަށް އޭގެ ނޭދެވޭ އަސަރު އެކި ފެންވަރުގައި ކުރަމުންދާ ކަން ފާހަގަކުރައްވާ ވާހަކަފުޅުދެއްކެވިއެވެ. ޚިޔާލު ތަފާތުވުން އުފެދޭ ދަނޑިވަޅުތަކުގައި ވެސް، ރުޅިވެރިކަން އެއްކިބާކޮށް، އެކުވެރިކަމާއިއެކު މަޝްވަރާގެ ހަރުދަނާ އުސޫލު އިސްކުރުމަކީ އިސްލާމް ދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ މުހިންމު އުސޫލެއް ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކަމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތަފާތު ވިސްނުން ގެންގުޅޭ ފަރާތްތަކުން އެފަރާތްތަކުގެ ވިސްނުން ފެތުރުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުންދާކަމަށާއި ދިވެހިން މައިގަނޑު ގޮތެއްގައި ޤާބޫލުކޮށްފައިވާ އިސްލާމީ ޤާބޫލުކުރުންތަކާ ޚީލާފު ވިސްނުމާއި ފިކުރުތައް ދިވެހިންގެ ތެރޭގައި ފެތުރެމުންދާކަމީ ނުރައްކާތެރިކަމެއްކަމަށެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދުގެ ވާހަކަފުޅުގައި ތާރީޚީ މިސާލުތައް ނަންގަވާ ދިވެހިންގެ ތެރޭގައި ނެތި ގޮސްފައިވާ ރީތި އާދަތަކަށް ބައްލަވައިލެއްވިއެވެ. އެގޮތުން ކުރީގެ ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ނެތިގޮސް ބައިބައިވުން އުފެދިފައިވާ މިންވަރަށް އަލިއަޅުއްވާ ވާހަކަފުޅު ދެއްކެވިއެވެ.

“މުޖުތަމަޢެއްގައި ހުންނަން ނުވާ ނުރައްކާ ސިފަތައް މުޖުތަމަޢަކުން ފެނުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އެންމެ މާތް ޖައުހަރު، ނުވަތަ ދީނުގެ އަސާސީ ފިކުރު ނެތިގެން ދިޔުން” މިނިސްޓަރ ވިދާޅުވިއެވެ.

ބައެއްގެ  ތެރޭގައި ހުރި ގޮތާއި ފޮތާއި އާދަކާދައާއި ސަގާފަތް ދޫކޮށްލަައިފި ނަމަ އެކަމުގެ ނޭދެވޭ އަސަރު އެމުޖުތަމަޢަކަށް ކުރާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޖާހިލިއްޔަ ޒަމާނުގައި މީހުންގެ ތެރެއަށް ނުބައި ފާޙިޝް ރަޙުމްކުޑަ ޢަމަލްތައް ޢާންމުވެފައި ވަނިކޮށް ކީރިތި ނަބިއްޔާ ފޮނުއްވުނީ “ޢާލަމްތަކަށް ރަޙްމަތެއް” ކަމުގައި ކަން ފާހަގަކުރައްވާ އެކަން އަޅުގަނޑުމެން މިއަދު ހަނދާންކޮށް، ކީރިތި ރަސޫލާގެ ގެންނެވި މަތިވެރި ރިސާލަތާ އެކު އުފެދުނު މުޖުތަމަޢު ފަދަ މުޖުތަމަޢެއް ބިނާ ކުރެވޭތޯ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ މިކެންޕެއިންގެ އަމާޒު ކަމުގައި ވިދާޅުވިއެވެ.

މިކެންޕެއިންގެ މީޑީއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް، އެވެ. ޕީއެސްއެމްގެ “މުންނާރު” ޗެނަލާއި “ދީނުގެ އަޑު” މެދުވެރިކޮށް މި ކެންޕެއިންގެ ޕްރޮގްރާމްތައް ދުރަށް ފޮނުވުމަށް ވަނީ ރޭވިފައެވެ. މުޅި ރާއްޖެ ހިމެނޭހެން އަތޮޅުތެރޭގެ ރަށްރަށުގައި މި ކެމްޕެއިންގެ ތެރެއިން ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ.