ރިބާ ބެހިގެންވާ ބައިތައް


ރިބާގެ އޮންނަނީ މައިގަނޑު ދެ ވައްތަރެވެ. އެއީ:- ރިބާ އަލްފަޟްލު އާއި ރިބާ އައްނަސީއާ އެވެ.

  1. ރިބާ އަލްފަޟްލު

ފަޟްލުގެ މާނައަކީ އިތުރެވެ. ރިބާއުލް ފަޟުލު ނުވަތަ ބަޔޫޢު: މި ބާވަތުގެ ރިބާ ނުކުންނަނީ މުދާ ބަދަލުކުރުމުގެ ތެރޭގައިވެ. ރިބާ އަލްފަޟްލު އޭ ބުނެވެނީ ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން، އެއް ބާވަތެއްގެ ދޭތި، އެކަތި އަނެކައްޗާ ބައްދަލު ކުރާ އިރު، ޝަރުޢީ މިންގަނޑުގައި (މިނެ ކިރޭ އެއްޗެހިތައް)، އެކަތި އަނެކައްޗަށްވުރެ އިތުރަށްދޭން ޝަރުތު ކުރެވިފައިވާ އިތުރުވުމެވެ. މިސާލަކަށް ރަނާއި ރަން، ފައިސާއާއި ފައިސާ، ހަނޑުލާއި ހަނޑޫ، ކަދުރާއި ކަދުރު ބަދަލުކުރާއިރު، އެކަތި އިތުރުކުރުމެވެ.

ރިބާއުލް ފަޟުލު ސާބިތުވަނީ ހަދީޘުންނެވެ.

އަބޫ ސާޢިދުލް ޚުދުރީ ގެ ކިބައިން އިމާމް މުސްލިމް ރިވާ ކުރެއްވި ހަދީޘެއްގައި ވެއެވެ. (ފޮތް ނަމްބަރު 10، ހަދީޘް ނަމްބަރު 3854) “ރަނަށް އަގުދޭންވާނީ ރަނުންނެވެ. ރިހި ރިއްސަށް، ބާރލީ ބާރލީއަށް، ގޮދަން ގޮދަނަށް، ކަދުރު ކަދުރަށް، ލޮނު ލޮނަށް، އެއްވައްތަރުގެ އެއްޗެތި ހަމަ އެ ވައްތަރުގެ އެއްޗަކަށެވެ. އަގުދޭންވާނީ އަތުން އަތަށެވެ. އެއަށް އިތުރުކުރާމީހާ ނުވަތަ އިތުރު ކުރަން އެދޭ މީހާ ރިބާގެ މުއާމަލާމާތެއް ހިންގައިފިއެވެ. އަދި ލިބޭ މީހާއާއި ދޭމީހާ އެއްވަރަކަށް ފާފަވެރިވާނެއެވެ. މި ހަދީޘުން ނެރެވޭ ބައެއް އުސޫލުތައް:

  • ރަން ރަނަށް ބަދަލު ކުރާނަމަ ބަދަލުކުރަންވާނީ އަތުން އަތަށް އެއް އަގެއްގެ ރަނެވެ.
  • ރަން ރިއްސަށް ބަދަލުކުރާނަމަ ބަދަލުކުރަންވާނީ އަތުން އަތަށެވެ. (އެއްއަގެއްގެ އެއްޗެއްސަށް ވާކަށް ނުޖެހެއެވެ.)
  • ރަން އެހެން އެއްޗެއްސަށް ބަދަލު ކުރާނަމަ ބޭނުން ގޮތަކަށް ބަދަލުކުރުން ހުއްދައެވެ.

ރިބާ އަލްފަޟްލުގެ ޙުކުމް: މި ވައްތަރުގެ ރިބާ ސުންނަތުންނާއި އިޖްމާއުން ވަނީ ޙަރާމްކުރައްވާފައެވެ.

 

  1. ރިބާ އައްނަސީއާ

ރިބާއުއްނާސިޔާ، ނުވަތަ ޖާހިލިއްޔަ ރިބާ، ނުވަތަ ދުޔޫން: މި ބާވަތުގެ ރިބާ ބަޔާންކުރައްވާފައިވަނީ ކީރިތި ޤުރުއާނުގައެވެ.

ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސްކުރުމެވެ. ރިބާ އައްނަސީއާ އަކީ ދަރަނި އަދާކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުމާއި އަދި ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާކުރާއިރު ރައުސްމާލަށްވުރެ އިތުރަށް، ފަހުން ދައްކަން ބުނުމެވެ. އަދި ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން އެއްބާވަތެއްގެ ދޭތި ބަދަލުކުރުމުގައި އަތުލުން ފަސްކުރުމަކީ ވެސް، ރިބާ އައްނަސީއާ އޭގެ ތެރެއަށް ވަންނަކަމެކެވެ.

މި ޒަމާނުގައި އާދައިގެ ބޭންކުތަކުން ދޭ އަދި އަތުލާ އިތުރު ފައިދާ އަކީ (ބޭންކު ފައިދާ) އެއީ ރިބާ އައްނަސީއާއެވެ. އަދި މީގައި ރިބާ އަލްފަޟްލު ވެސް ހިމެނެއެވެ. މިއީ ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާއެވެ.

ބޭންކު ފައިދާގައި، ރިބާ އައްނަސީއާ ހިމެނެނީ ދަރަނި ފަސްކޮށްފައި އިތުރު ކުރެވޭތީއެވެ. އަދި ރިބާ އަލްފަޟްލު ހިމެނެނީ، އަސްލު ދަރަންޏަށް ވުރެ އިތުރަށް އަތުލެވޭތީއެވެ.

ރިބާ އައްނަސީއާ ގެ ޙުކުމް: ރިބާގެ މިވައްތަރުވަނީ ޤުރުއާނާއި ސުންނަތުން ޙަރާމް ކުރައްވާފައެވެ.

ރިބާގެ ބާވަތްތައް:

ބައެއް ބާވަތްތަކުގައި ރިބާ ހިމެނޭކަމަށް ފިޤުހުޢިލްމުވެރިން އިއްތިފާޤުވެއެވެ. އަދި އަނެއްބައި ބާވަތްތަކުގައި ރިބާ ހިނގާ ކަމާއި މެދު ފިޤުހުވެރިން ޚިލާފުވެފައިއެވެ.

ރިބާ ހިނގާ ޝަރުތު ހަމަވެއްޖެނަމަ، ހަ ބާވަތެއްގައި ރިބާ ހިނގާކަމަށް ހުރިހާ ފިޤުހުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. އެ ހަ ބާވަތަކީ: ރަން، ރިހި، ގޮދަން، ހިމަގޮދަން، ކަދުރު، ލޮނުއެވެ. عُبَادَةَ بْنِ الصَّامِتِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إذَا كَانَ يَدًا بِيَدٍ. މާނައަކީ: “ޢުބާދަތު ބިން އައްޞާމިތު ރިވާކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރަނަށް ރަން ވިއްކާއިރު، އަދި ރިއްސަށް ރިހި ވިއްކާއިރު، އަދި ގޮދަނަށް ގޮދަން ވިއްކާއިރު، އަދި ހިމަގޮތަނަށް ހިމަގޮދަން ވިއްކާއިރު، އަދި ކަދުރަށް ކަދުރު ވިއްކާއިރު، އަދި ލޮނަށް ލޮނު ވިއްކާއިރު، ވިއްކަންވާނީ އެއާއި އެއްވަރެއްގެ އެއްޗަކަށް، ހަމަހަމައަށެވެ. އަދި މި ބާވަތްތައް ތަފާތުނަމަ، އަތުން އަތަށް ވިއްކަންޏާ ތިޔަބައިމީހުން ބޭނުންގޮތަކަށް ވިއްކާށެވެ.” ( رواه مسلم )

މި ޙަދީޘާއި އަދި މި ނޫންވެސް އެތަކެއް ޙަދީޘުން ދަލީލުކޮށްދެނީ، މިއިން ބާވަތެއް ހަމަ އެ ބާވަތާއި ބަދަލު ކުރާއިރު އެއްވެސް މިންވަރެއް އިތުރުކުރުން ހުއްދަ ނުވާނެ ކަމެވެ. އިތުރު ކޮށްފިއްޔާ އެއީ ރިބާއެވެ. އަދި ބަދަލުކުރަންޖެހޭނީ އަތުން އަތަށެވެ. މި ޙަދީޘްތައް މިހެން ހުރުމުން، ކީރިތި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުއްސުރެވެސް، މުސްލިމުން ދެކެނީ މިއީ ރިބާ ހިނގާ އެއްޗެހިތަކެއްކަމަށެވެ. ވީމާ، ރަނަށް ރަން، ރިއްސަށް ރިހި، ގޮދަނަށް ގޮދަން، ހިމަގޮދަނަށް ހިމަގޮދަން، ކަދުރަށް ކަދުރު، ލޮނަށް ލޮނު ބަދަލުކުރާއިރު އިތުރުކޮށްފިއްޔާ، އެ ވާނީ ރިބާ އަލްފަޟްލުއަށެވެ. ބަދަލު ކުރެވޭ ދޭތިން އެކަތި ފަހުން އަތުލައިފިއްޔާ، އެ ޢަޤުދުވާނީ ރިބާ އައްނަސީއާއަށެވެ.

ޙަދީޘްގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ރަނާއި ރިއްސަކީ ތަކެތި ބަދަލުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެއްސެވެ. ދެންހުރި ބާވަތްތަކުގެތެރޭގައި ގޮދަނާއި، ބާރލީއާއި، ލޮނާއި، ކަދުރު ފަދަ ތަކެއްޗަކީ ކާޑުގެ ބާވަތްތަކެވެ. ރިބަވީ ބާވަތްތައް ބަދަލުކުރުމުގައި އަތުން އަތަށް ދިނުމުގެ ހިކުމަތުގެ ތެރޭގައި ފަހުން ދޭނަމަ އަގު ބަދަލުވެފައި ހުރުން ހިމެނެއެވެ.

  1. މި ހަ ބާވަތް ފިޔަވައި އެހެން އެއްޗެހީގައި ރިބާ ހިނގާ ކަމާއި މެދު ޢިލްމުވެރިންގެ ދެ މަޛްޙަބެއް އޮވެއެވެ. އެއީ:

ހ. ޡާހިރިއްޔާ މަޛްހަބު:

މި މަޛްހަބާއި އަދި ވަރަށް މަދު ޢިލްމުވެރިންތަކެއް ދެކެނީ މި ހަ ބާވަތް ފިޔަވައި އެހެން އެއްޗެއްގައި ރިބާ ނު ހިނގާނެކަމަށެވެ. ސަބަބަކީ، އެއްޗެއްގައި ރިބާ ހިނގާކަމަށް ބުނުން އެއީ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަޅުކަންތަކުގެ ތެރޭގައި، ޙުކުމުގެ ސަބަބު ހޯދައި ޤިޔާސް ކުރުމެއް ނޯވެއެވެ. ވީމާ ޙަދީޘްގައި އައިސްފައިވާ ބާވަތްތަކުގެ ބޭރު އެއްޗެއްގައި ރިބާ ހިނގާކަމަކަށް ނުބުނެވޭނެއެވެ.

ށ. ޡާހިރިއްޔާ މަޛްހަބު ފިޔަވައި އެހެން ހުރިހައި ޢިލްމުވެރިން

ހަތަރު މަޛްހަބުގެ ފިޤްހުވެރިން ދެކިލައްވަނީ، މި ހަ ބާވަތުގައި ރިބާ ހިނގާފަދައިން، އެހެން އެއްޗެހިތަކެއްގައިވެސް ރިބާ ހިނގާނެކަމެވެ. އެހެނީ މި ހަ ބާވަތުގެ ރިބާ ހިނގަން ޖެހުނީ ސަބަބެއް އޮވެގެންނެވެ. ވީމާ މި ސަބަބަށް ޤިޔާސް ކޮށްފައި، އެހެން އެއްޗެހިތަކުގައިވެސް ރިބާ ހިނގާކަން ސާބިތުވެއެވެ. ކީރިތި ރަސޫލާ މި ހަ ބާވަތް ނަމުން ޙަދީޘް ކުރެއްވީ އެ އެއްޗިއްސަކީ އެ ޒަމާނުގައި ޢާންމު އެއްޗެހި ކަމަށްވާތީއެވެ. އަދި ސީދާ ނައްސުގައި ހުރި ނަންތަކަށްބަލާފައި ޢަމަލުކޮށްގެން ދެކޮޅުޖެއްސޭކަށް ނޯންނާނެއެވެ. އެއީ ޒަކާތް ދިނުމާއި ބެހޭ ޙަދީޡްގައިވެސް ބަޔާންވެފައިވަނީ މަދު ބާވަތްތަކެކެވެ. އެހެންނޭކިޔާފައި މިހާރު ޒަކާތް ނެރެން ޖެހެނީ އެބާވަތްތައް ހުންނަ މީހާ އެކަންޏޭ ބުނެފިނަމަ، މިލިއަނަރުން އެންމެ ލާރިއެއްވެސް ޒަކާތުގެ ގޮތުގައި ދޭން ނުޖެހޭނެއެވެ! ވީމާ ޤިޔާސް ކުރެވޭނެއެވެ. އަދި މި ހަބާވަތް ނޫން އެހެން އެއްޗެހީގައިވެސް ރިބާ ހިނގާނެކަން ދޭހަކޮށްދޭ ޙަދީޘްތަކެއް އެބަހުއްޓެވެ.

ހަ ބާވަތްފިޔަވައި އެހެން އެއްޗެހިތަކެއްގައިވެސް ރިބާ ހިނގާ ކަމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، ހަތަރު މަޛްހަބުގެ ފިޤުހުވެރިން ވަނީ، އޭގައި ރިބާ ހިނގާ ސަބަބާއި މެދު ޚިލާފް ވެވަޑައިގަންނަވާފައެވެ. އެހެނީ މި ސަބަބަކީ ޞަރީހަކޮށް ނައްސުން ސާބިތު އެއްޗެއް ނޫނެވެ. ވީމާ ފިޤުހުވެރިންނަށް ޖެހިވަޑައިގަންނަވަނީ އިޖްތިހާދު ކުރައްވައިގެން، އެ ސަބަބެއް ހޯދާށެވެ.

ރިބާ ހިނގާ ސަބަބު:

ރިބާ ހިނގާ ސަބަބު ކަނޑައެޅުމުގައި ހަތަރު ރައުޔެއް އޮވެއެވެ. އެއީ:

  1. ހަނަފީ މަޛްހަބު: ރިބާ ހިނގަނީ ދެ ސަބަބެއް އޮވެގެނެވެ. އެއީ މިންވަރާއި (މިނެ ކިރޭ) ބާވަތެވެ. އެގޮތުން މި ހަ ބާވަތުގެ ތެރެއިން ރަނާއި ރިއްސަކީ ކިރޭ އެއްޗެކެވެ. އަނެއް ހަތަރު ބާވަތަކީ މިނޭ އެއްޗެކެވެ. އަދި ޙަދީޘްގައި ވަނީ ބާވަތެއް ހަމަ އެ ބާވަތާއި، ބަދަލުކުރުން މަނާކުރައްވާފައެވެ.

މި މަޛްހަބުގައި ކިރޭ އަދި މިނޭ ކޮންމެ އެއްޗަކީ ރިބާ ހިނގާ އެއްޗެކެވެ. އެގޮތުން ތަރުކާރީ، މޭވާ، މަޢްދަން އަދި ކިރައިގެން ވިއްކޭ ދިޔާ އެއްޗެހީގައި ވެސް ރިބާ ހިނގާނެއެވެ.

ނަމަވެސް، މުށުން ވިއްކޭ ފޮތި، އަދަދުން ވިއްކޭ ސާމާނު ފަދަ އެއްޗެހީގައި ރިބާ ނުހިނގާނެއެވެ.

  1. ޝާފިޢީ މަޛްހަބު: ރިބާގެ ސަބަބަކީ ރަނާއި ރިހީގައި އަގަކަށްވުމާއި އަނެއް ހަތަރު ބާވަތުގައި ކާއެއްޗަކަށްވުމެވެ. އެގޮތުން ރަނާއި ރިއްސަކީ އެއްޗެހީގެ އަގަށް ބޭނުންކުރެވޭ އެއްޗެކެވެ. އަނެއް ހަތަރު ބާވަތަކީ ކާއެއްޗިއްސެވެ.
  2. މާލިކީ މަޛްހަބް: ރިބާ ހިނގާ ސަބަބަކީ ރައްކާކުރެވޭ މައިގަނޑު ކާއެއްޗަކަށްވުމާއި އަދި ރަނާއި ރިހީގައި އަގަކަށްވުމެވެ.
  3. ޙަންބަލީ މަޛްހަބް: ޙަންބަލީ މަޛްހަބުގައި ރިބާގެ ސަބަބާއި މެދު ތިން ޤައުލެއްވެއެވެ. ފުރަތަމަ ޤައުލަކީ ޙަނަފީން ބުނިފަދައިން މިންވަރާއި ބާވަތެވެ. ދެވަނަ ބުނުމަކީ ޝާފިޢީން ބުނިފަދައިން ކާއެއްޗަކަށްވުމާއި އަގަކަށްވުމެވެ. ތިންވަނަ ޤައުލަކީ ޝަރުޢީ މިނެއް ހުރުމާއިއެކު ކާއެއްޗަކަށް ނުވަތަ އަގަކަށްވުމެވެ.

ރާޖިޙް ރައުޔު:

މި ހުރިހައި މަޛްހަބުތަކަށް ބަލާފައި އެންމެ ރާޖިޙް ރައުޔަކީ ރިބާ ހިނގާ ސަބަބު ތިން ސަބަބުކަމަށް ބުނާ ރައުޔެވެ. މި ޤައުލު ރާޖިޙްވީ އެބައިމީހުންގެ ދަލީލުތަކާއި ހުއްޖަތް ވަރުގަދަވީމައެވެ. މިއީ އިބްނު ތައިމިޔާ އަދި ސައުދީގެ ފަތުވާ ކޮމިޓީގެވެސް ރައުޔެވެ.

ރިބާ ފައިދާއާއި ޙަލާލް ފައިދާ ވަކިކުރެވޭނެ ގޮތް:

ދަރަނިން ލިބޭ ހަރާމް ފައިދާ އާއި ވިއްކައިގެން ލިބޭ ޙަލާލް ފައިދާ އާއި ދެމެދު ހުރި ތަފާތާއި ދޭތީގެ ޙުކުމް ތަފާތުވީ ސަބަބަށް ބެލީމާ މި ދެފައިދާ ވަކިކޮށް ދެނެގަނެވޭނޭ ވަރަށް ފާޅު ޢަލާމާތެއް ވެއެވެ. އެއީ ދެފަރާތުގެ ދެމެދުގައި ކުރެވޭ އެއްވެސް މުޢާމަލާތަކީ ކޮންމެ ނަމެއް ކިޔަސް އޭގައި އަތުލި އަދަދަށް ފަހުން ދައްކަންޖެހޭ ފައިސާއެއްވާނަމަ އެ ވާނީ ދަރަންޏަކަށެވެ. ދިން މީހާ ވާނީ ދަރަނި ދިން މީހާ އަށެވެ. އަނެއް މީހާ ވާނީ ދަރަނީ ވެރިޔާއަށެވެ. އަދި މި ފައިސާއަށް އިތުރުކުރެވޭ ކޮންމެ އިތުރު ކުރުމެއް ވާނީ ރިބާއަށެވެ.

ނަމަވެސް މުޢާމަލާތުގައި ފަހުން ދައްކަންޖެހޭ ފައިސާއެއް ނެތި އަދި ފައިސާއާއި ޙަވާލުވެގެންހުރި މީހާ އޭނާގެ ބައިވެރިޔާގެ ފައިސާ އަމާނާތްތެރިއްގެ ގޮތުގައި ހުރެ ވިޔަފާރީގައި ގެއްލުންވިޔަސް ނުވަތަ މުދާ ހަލާކުވިޔަސް ޒިންމާވާން ނުޖެހިފައިދާ ގިނަޔަސް މަދަސް ދެމީހުންގެ ދެމެދުގައި އެ ބަހައިފިކަމަށްވަންޏާ، އެ ވާނީ ފައިސާގައި ބައިވެރިވާ މީހަކަށެވެ. އަދި މިއަށް ދެވޭނެ ނަމަކީ ޝަރިކާއެވެ. އަދި ރައުސުލްމާލަށް އިތުރުވާއެއްޗަކީ ހަލާލު ފައިދާއެވެ.

ރިބާއާއި ބެހޭގޮތުން މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ ދެވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު މުޙައްރަމް 1385ހ / 1 މޭ 1965މ، ޤާހިރާ

ތިރީގައި މިވަނީ މި މަޖްމަޢުގެ ބައްދަލުވުމުގައި އިޖްމާޢުން އެއްބަސްވެވި، ނެރޭ ޤަރާރެވެ.

  1. އެއްވެސް ބާވަތެއްގެ ދަރަންޏަކަށް އިތުރުކުރެވޭ ފައިދާއަކީ ޙަރާމްކުރެވިފައިވާ ރިބާއެވެ. ބޭނުންކުރުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަންޏާއި އުފެއްދުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަނީގެ ދެމެދުގައި އެއްވެސް ފަރަގެއްނެތެވެ. އެހެނީ ޤުރުއާނާއި ސުންނަތުގެ ހުރިހައި ނައްޞުތަކެއް ބެލުމުން މިދެބާވަތްވެސް ކަނޑައެޅިގެން ޙަރާމްކަން ސާބިތުވެއެވެ.
  2. ރިބާގެ ގިނަ މިންވަރުވެސް އަދި ކުޑަ މިންވަރުވެސް ޙަރާމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ” يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً “(سورة آل عمران -130) މާނައީ: “ގިނަވެގެންވާ ގުނަތަކަކަށް ގުނަވެގެންވާގޮތުގައި ތިޔަބައިމީހުން ރިބާ ނުހިފާށެވެ. މި ބަސްފުޅުގެ ރަނގަޅު ފަހުމަކީ މިއީއެވެ.
  3. ރިބާ ލާފައި ދަރަނި ދިނުމަކީ ޙަރާމް ކަމެކެވެ. އެއްވެސް ބޭނުމެއް އަދި އެއްވެސް ޟަރޫރަތަކަށްޓަކައި، މިކަމަކީ ހުއްދަކަމަކަށް ނުހެދޭނެއެވެ. ހަމަ އެފަދައިން ރިބާ ހިމެނޭ ދަރަނި ނެގުމަކީވެސް ޙަރާމްކަމެކެވެ. މިފަދަ ދަރަންޏެއް ނެގުމުގެ ޟަރޫރަތެއް އޮވެގެން ނެގުމުން ނޫނީ ރިބާ ހިމެނޭ ދަރަންޏެއް ނެގުމުގެ ފާފަ ނުއުފުލޭނެއެވެ. ކޮންމެ މީހެއްގެވެސް ޟަރޫރަތް ކަނޑައެޅުމަކީ އެމީހެއްގެ ދީންވެރިކަމަށް ދޫކުރެވިފައިވާ ކަމެކެވެ.
  4. ކަރަންޓް އެކައުންޓް ދިނުމާއި، ޗެކަށް ފައިސާ ދޫކުރުމާއި ފައިސާ ހުރި ކަމުގެ ލިޔުން އެލް.ސީ. ދިނުމާއި، ބިލް އޮފް އެކްސްޗޭންޖާއި މުޢާމަލާތުކުރުންފަދަ ބޭންކް މަސައްކަތްތަކަކީ ހުއްދަ ކަންތައްތަކެވެ. އަދި މިފަދަ މަސައްކަތުގެ ބަދަލުގައި ބޭންކުން ނަގާ ފީއަކީ ރިބާއެއްނޫނެވެ.
  5. ސޭވިންގ އެކައުންޓާއި އަދި އެއްވެސް ފައިސާއެއް ރައުސްމާލަށް އިތުރުވާގޮތަށް ބޭންކަށް ފައިސާލުމާއި، ފައިދާ ލާފައި ދެވޭ ކޮންމެ ދަރަންޏަކީ ރިބާ މުޢާމަލާތުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. ވީމާ މިއީ ޙަރާމް ކަންތައްތަކެވެ.

ރިބާއިން ރައްކާތެރިވުމަށް ދެމުދަލެއް ބަދަލު ކުރުމުގައި އަމަލުކުރަން ޖެހޭގޮތަކީ ބޮބާ؟

2 އެއްޗެއް ބަދަލުކުރުމުގައި ރިބާއިން ރައްކާތެރިވެވޭނެގޮތް ބަޔާންވެގެން ވަނީ ކީރިތި ރަސޫލާގެ ޙަދީޘް ފުޅަކުންނެވެ. عَن أَبِى سَعِيدٍ الخُدْرِى رَضِى اللهُ عَنه قال: جَاءَ بِلَالٌ بِتَمْرٍ بَرْنِيٍّ فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَيْنَ هَذَا فَقَالَ بِلَالٌ تَمْرٌ كَانَ عِنْدَنَا رَدِيءٌ فَبِعْتُ مِنْهُ صَاعَيْنِ بِصَاعٍ لِمَطْعَمِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ رَسُولُ اللَّهِ عِنْدَ ذَلِكَ أَوَّهْ عَيْنُ الرِّبَا لَا تَفْعَلْ وَلَكِنْ إِذَا أَرَدْتَ أَنْ تَشْتَرِيَ التَّمْرَ فَبِعْهُ بِبَيْعٍ آخَرَ ثُمَّ اشْتَرِ بِهِ މާނައަކީ: އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲޢަންހު ރިވާ ކުރެއްވިއެވެ. ބިލާލުގެފާނު، ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިހަށް ބަރްނީ އޭ ކިޔޭ ވައްތަރުގެ ކަދުރެއް ގެންނެވިއެވެ. އެހިނދު ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އޭނާއަށް ޙަދީޘް ކުރެއްވިއެވެ. މިއީ ކޮންތަނަކުން ގެނައި އެއްޗެއް ހެއްޔެވެ. ބިލާލްގެފާނު ދެންނެވިއެވެ. އަޅުގަނޑު އަތުގައި ދެރަ ކަދުރު ހުއްޓާ ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފަރީއްކުޅުއްވަން ދޭންވެގެން، އެދެރަ ކަދުރުގެ ދެޞާޢް ދީފައި މޮޅު ކަދުރުގެ ޞާޢެއް ގަތީއެވެ. އެހިންދު ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ސަމާލުވާށެވެ! ސަމާލުވާށެވެ! ތިއީ ސީދާ ރިބާ އެވެ. ތިއީ ސީދާ ރިބާއެވެ. ތިހެން ނުހަދާށެވެ. އަދި ތިބާ ގަންނަން ބޭނުންނަމަ (މޮޅު ކަދުރެއް) ދެރަ ކަދުރު ފައިސާއަށް ވިއްކާފައި އެފައިސާއިން ގަންނާށެވެ(ޞަޙީޙިލް ބުކާރީ: ބާބުލް ވަކާލާ)

މިޙަދީޘްއިން ދޭހަވާގޮތުގައި ރިބާއިން ރައްކާތެރިވުމަށް ހަދަން ޖެހޭގޮތަކީ ފުރަތަމަ ދެރަ ކަދުރު ވިއްކާލުމެވެ. ދެން އެއަށް ލިބޭ އަގުން މޮޅުކަދުރު ގަންނާނީއެވެ.

ބިލާލުގެފާނުގެ ހަދީޘުން ޤިޔާސް ކޮށްގެން ރަނާއި ރިއްސަކީ މީޑިއަމް އޮފް އެކްސްޗޭންޖް (މުދާ ބަދަލުކުރުމަށް ބޭނުންކުރާ ވަސީލަތެއް) ގެ ގޮތުގައި ބޭނުން ކުރާ ފައިސާކަމަށް ބެލެވިދާނެކަމަށް ބައެއް އިލްމްވެރިން ވިދާޅުވެއެވެ. އެހެނީ ކީރިތި ރަސޫލާގެ ދުވަސްވަރުގައި ފާރިސީންގެ ތެރޭގައި ރަނާއި ރިހި އެގޮތަށް ބޭނުން ކުރެވެމުން ދިޔައެވެ. އެހެންނަމަވެސް ކަރުދާހު ފައިސާއާއި ޚިލާފަށް އެއެއްޗެއްސަކީ އޭގެ ޒާތުގައި ވެސް އަގުހުރި އެއްޗެއްސެވެ.

ކަރުދާހު ފައިސާއާ މެދު އުފެދިފައިވާ ޚިލާފުތަކަށް ހައްލެއް ހޯދުމުގެ ގޮތުން އޯ.އައި.ސީ. ގެ ފިޤުހު އެކެޑަމީއިން ވަނީ 1407 ވަނަ އަހަރުގައި ޤަރާރެއް ނެރެ، ކަރުދާހު ފައިސާއަކީ ރަނާއި ރިހި ފަދައެއްޗެއް ކަމަށް ބެލެވިދާނެ ކަމަށް ނިންމާފައެވެ. މި ނިންމުން ނިންމީ، މި ޒަމާނުގައި ކަރުދާހު ފައިސާ އަކީ އެއާ ނުލައި އާދައިގެ މީހަކަށް ނޫޅެވޭނެ އެއްޗަކަށް ވާތީވެ، މަސްލަހަތަށް ބަލާފައެވެ.

ކަރުދާހު ފައިސާ ބަދަލު ކުރުމުގައި އަމަލުކުރަން ޖެހޭގޮތަކީ ކޮބާ؟

  • ރުފިޔާ ރުފިޔާއަށް ބަދަލުކުރާ ނަމަ ދޭން ޖެހޭނީ އެއް އަގެއް، އަތުން އަތަށެވެ.
  • ރުފިޔާ ޑޮލަރަށް ބަދަލުކުރާނަމަ ދޭން ޖެހޭނީ އަތުން އަތަށެވެ. (އަގު އެއްވަރު ވާކަށް ނުޖެހޭ). މިއީ ޞަރަފުގެ ޤަވާޢިދެވެ.
  • ރުފިޔާ މުދަލަށް ބަދަލުކުރާނަމަ ބޭނުން އަގަކަށް ބޭނުން އިރެއްގައި ކުރެވިދާނެއެވެ.

 

ރިބާއުލް ޖާހިލިއްޔާ

  • މިބާވަތުގެ ރިބާއަށް ރިބާއުލް ދުޔޫން ނުވަތަ ރިބާއުއްނަސިޔާ އޭވެސް ކިޔެއެވެ.
  • މިސާލަކަށް 1 މަސް ފަހުން އަނބުރާ ދައްކާގޮތަށް 100 ރުފިޔާ ދީފައި އެ މުއްދަތުގެ ތެރޭގައި ނުދެއްކިއްޖެނަމަ ޖުރިމާނާއެއްގެ ގޮތުން 0.0001 % ނެގިޔަސް އެވާނީ ރިބާއަށެވެ.

 

  • ބޭންކުން ފަސިލިޓީއެއް ދޫކުރާއިރު އެކަމުގައި ހިމެނޭ އެކި އެކި ޚިދުމަތްތަކަށް ނަގާ ފީއަކީ ރިބާ ކަމުގައި ނުބެލެވޭނެއެވެ. މިސާލަކަށް، ސްޓްރަކްޗަރިންގ ޗާރޖް، ޕްރޮސެސް ކުރުމުގެ ފީ، ކޮމިޝަން، ސަރވިސް ޗާރޖް، ޖީ.އެސް.ޓީ.
  • ސްޓްރަކްޗަރިންގ ޗާރޖް އަކީ އިސްތިސްނާ ފެސިލިޓީ އެއް ދޫކުރުމުގެ ކުރިން ބޭންކުން ހަދާ ދިރާސާތަކުގެ އަގެވެ.

 

ރިބާ ފައިދާއާއި ޙަލާލް ފައިދާ ވަކިކުރެވޭނެ ގޮތަކީ ދެފަރާތުގެ ދެމެދުގައި ކުރެވޭ އެއްވެސް މުޢާމަލާތަކީ ކޮންމެ ނަމެއް ކިޔަސް އޭގައި އަތުލި އަދަދަށް ފަހުން ދައްކަންޖެހޭ ފައިސާއެއްވާނަމަ އެ ވާނީ ދަރަންޏަކަށެވެ. ދިން މީހާ ވާނީ ދަރަނި ދިން މީހާ އަށެވެ. އަނެއް މީހާ ވާނީ ދަރަނީ ވެރިޔާއަށެވެ. އަދި މި ފައިސާއަށް އިތުރުކުރެވޭ ކޮންމެ އިތުރު ކުރުމެއް ވާނީ ރިބާއަށެވެ.

މިޞްރުގެ މަޝީހަތުލް އަޒުހަރުއް ޝަރީފުގެ އެންމެ އިސްއިމާމު ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޖާދުލް ޙައްޤު ޢަލީ ޖާދުލް ޙައްޤު އިސްކޮށްހުންނަވައިގެން 1991 ވަނައަހަރު މަޝީޚަތުލް އަޒުހަރުން ވަނީ ރިބަވީ ބެންކު ތަކުން ލިބޭ ފައިދާއަކީ ޙަރާމް އެއްޗެއްކަމަށާއި އޭގެ ގިނަމިނާއި މަދު މިނުގައި އެއްވެސް ތަފާތެއް ނެތްކަމަށް ފަތުވާ ނެރުއްވާފައެވެ. އެފަތުވާގައި އައިސްފައި ވެއެވެ. ” ސަރުކާރުގެ މަޞްލަހަތުތައް ހުންނަ ކަންކަމުގައި ރިބާއެއް ނުވެއޭ ބުނާބުނުމަކީ ޞައްޙަ ބުނުމެއްނޫނެވެ. އެހެނީ އިސްލާމްދީނުގައި ފަރުދުންނާއި ޖަމާޢަތްތަކާއި ދައުލަތްތަކުގެ މެދުގައި ރިބާވަނީ ހަރާމް ކުރައްވާފައެވެ. ރިބާގެ ވިޔަފާރި ހިންގުމުގައި ވަކިފަރުދެއް ނުވަތަ ވަކި ޖަމާޢަތެއް ވަކިސަރުކާރެއް ވަކިދައުލަތެއް އިސްތިޘްނާ ކުރަނިވި ނައްޞެއް ވާރިދުވެގެން އައިސްފައެއް ނުވެއެވެ. ” (މަޖައްލަތުލް އަޒުހަރު ޢިންދަ ޛިލްޙައްޖާ : ޞ :22 -1410ހ – 1991 ޖުލައި)

 

ޑރ. ޢާއިޝަތު މުނީޒާ