LOADING CLOSE

ލ. ގަމު މަތިމަރަދޫ މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

ލ.ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕވޓ ލޓޑ އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.  އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރާ ދެވަނަ މިސްކިތެވެ. މި މިސްކިތަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 4،900345.26 ރުފިޔާއެވެ. ޖުމްލަ 365 ދުވަހުން އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ މަތިމަރަދޫ ރައްޔިތުންނަށް މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތީ އިމާރާތްކުރާ މިސްކިތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިސްކިތުގެ މަސައްކަތްތައް ނިންމާލަދެއްވުމަށް އަފާމީ މޯލްޑިވްސް ޕވޓ ލޓޑ ގެ މެނޭޖިން ޑައިރެކްޓަރުގެ އަރިހުން މިނިސްޓަރ ވަނީ އެދިލައްވާފައެވެ.  މި ރަސްމިއްޔާތުގައި މިނިސްޓަރ ގެ އިތުރުން ލ.ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ ، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ބައްދަލުކުރައްވައިފި

 

 

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ ، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ ، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ދާއިރާގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނެވެ. މިގޮތުން މިސްކިތްތަކާއި، ދީނީގޮތުން ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯ ލިސްޓުގައި ހިމެނުމާ ބެހޭގޮތުން މަޝްވަރާކުރާކޮށްފި

 

 

ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯ ލިސްޓުގައި ހިމެނުމާ ބެހޭގޮތުން މަޝްވަރާކުރާކޮށްފި

 

ވޯލްޑް މޮނިއުމަންޓް ފަންޑް، މރ. ސްޓެފެން ބެޓަލް އަދި ކޮންސަލްޓަންޓު ޓު ދަ ވޯލްޑް މޮނިއުމަންޓް ފަންޑު، މރ. ސިލިވިއާ ކްރެވެރޯ – ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯ ލިސްޓުގައި ހިމެނުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު އަލީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ، ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުމުގައި މިނިސްޓްރީއަކީ ވަރަށް މުހިންމު މުއައްސަސާއެއްކަމުގައި ވޯލްޑް މޮނިއުމަންޓް ފަންޑްގެ ބޭފުޅުން ވިދާޅުވިއެވެ.

ވަގުތީ ލިސްޓްގައި 6 މިސްކިތެއް ހިމެނުމަށް ނިންމާފައިވާއިރު އިތުރު މިސްކިތްތައްވެސް ކުރިއަށް އޮތްތަނުގައި ޔުނެސްކޯގެ ލިސްޓުގައި ހިމެނުމަށް މަސައްކަތްކުރައްވާނެކަމަށް މރ. ސިލިވިއާ ކްރެވެރޯ ވިދާޅުވިއެވެ. ވަގުތީ ލިސްޓްގައި ހިމަނާފައިވަނީ މާލޭ ހުކުރު މިސްކިތް، މާލޭ ޢީދު މިސްކިތް، އިހަވަންދޫ މިސްކިތް، ރ.މީދޫ މިސްކިތް، ލ.އިސްދޫ މިސްކިތް އަދި އދ.ފެންފުށި މިސްކިތެވެ. މި މަސައްކަތްތައް 2021 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި މި ކަމުގެ ސަބަބުން ރާއްޖެ އިޝްތިހާރުވެ އެކި ފަރާތްތަކުން ފަންޑު ލިބުމަށްވެސް ފުރުސަތު އެބައޮތްކަމުގައި މރ. ސިލިވިއާ ކްރެވެރޯ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި މަސައްކަތައް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ޔުނެސްކޯގެ ލިސްޓްގައި ރާއްޖޭގެ ބައެއް މިސްކިތްތައް ހިމެނުމަށް ނިންމި ނިންމެވުމަށް މަރުޙަބާ ދަންނަވާ ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މެނުމާނުން ސޮއިކުރައްވާ ފޮތުގައި މރ. ސިލިވިއާ ކްރެވެރޯ ވަނީ ސޮއިކުރައްވާފައެވެ.

 

ކީރިތި ޤުރުއާން ހިތުދަސްކުރި މަރިޔަމް މާހް ހަމީދު އާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި

ކީރިތި ޤުރުއާން ހިތުދަސްކުރި މަރިޔަމް މާހް ހަމީދު އާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި

ޚާއްސައެހީއަށް ބޭނުންވާ އުމުރުން 21 އަހަރުގެ މަރިޔަމް މާހް ހަމީދު  ޤުރްއާން ހިތުދަސްކޮށްފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ، ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މަރްޔަމް ވަރަށް ބޮޑަށް ހިތްވަރުދެއްވާ މިކަމަށް މަރުޙަބާ ދެންނެވިއެވެ. އަދި މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ ވަނީ މަރްޔަމްއަށް ހަދިޔާވެސް ދެއްވާފައެވެ. މަރްޔަމް އާއި މަރްޔަމްގެ މަންމައާއި ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަގޮތްތައް ހަމަޖައްސައިދީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ލިބޭނެގޮތްތައް ފަހިކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅިވިއެވެ. ހަމައެހެންމެ ޤުރުއާން ހިތުދަސްކުރުމަށްފަހު އަބަދުވެސް މުރާޖަޢާ ކުރަންޖެހޭނެ ކަމަށާއި، އެކަން އަބަދުވެސްކުރުމަށް މަރްޔަމްއަށް ނަޞޭހަތްތެރިވިއެވެ. އަދި ޤުރުއާން ހިތުދަސްކުރުމަކީ މިނިސްޓަރ ވަރަށް އުފާކުރައްވާ ކަމެއްކަމަށްވެސްވަނީ ވިދާޅުވެފައެވެ.

މަރްޔަމްގެ މަންމަ ފާހަގަކުރެއްވިގޮތުގައި، އެންމެ ތުއްތު ދުވަސްވަރުގައި މަރްޔަމް ރަނގަޅަށް ވާހަކަދައްކަން ފެށުމުގެ ކުރިން ޤުރުއާން ކިޔަވަންވަނީ ފަށާފައެވެ. ޤުރުއާން ހިތުދަސްކުރުމަށް އެކި ބޭފުޅުންނަށް އެކި ގޮތަށް މަސައްކަތްކުރައްވާއިރު މަރްޔަމް ޤުރުއާން ހިތުދަސްކުރުމަށް ފަސޭހަވީ ލިޔެގެންނެވެ. މިގޮތުން މުޅި ޤުރުއާން އެއްކޮށް އަމިއްލަ އަތުން 5 ފަހަރު މަރްޔަމްވަނީ ލިޔެފައެވެ. ޅ.ނައިފަރަށް އުފަން މަރްޔަމް މާހް ހަމީދު ވަޒީފާ އަދާކުރަމުން އަންނަނީ މޯލްޑިވިއަންގެ އެޗް.އާރް ކޯޑިނޭޓަރެއްގެ ގޮތުގައެވެ.

 

 

 

 

 

ޔުނިސެފްގެ ރެޕްރެސެންޓޭޓިވްސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ބައްދަލުކުރައްވައިފި

 

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޔުނިސެފް ރެޕްރެޒެންޓޭޓިވް، ޑރ. މުނީރު އޭ. ސަލަފުއްދީން 2020 ވަނަ އަހަރުގެ ޖަނަވަރީމަހު ބޫޓާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތް އޭޝިޔާ ރިލިޖިއަސް ލީޑަރސް ޕްލެޓްފޯމް ފޮރ ޗިލްޑްރަންގެ 2 ވަނަ ބައްދަލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒާހިރު ޢަލީ އަށް ދަޢުވަތު އަރުވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

ބްރައިލް ވާކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ފާހަގަކޮށްފި

 

ބްރައިލް ވާކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންގޮސްފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެއްޓުމުގެ ގޮތުން ވާކްޝޮޕްގެ ދަރިވަރެއްކަމުގައިވާ ހަސަން އިބްތިހާލް ވަނީ ބްރައިލް ބޭނުންކޮށްގެން ކިޔަވާފައެވެ. ފެނުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ދަސްކޮށްދިނުމަށް ހިންގުނު މި ވާކްޝޮޕްގައި ކިޔަވައިދެއްވީ އަލް ޤާރީ ޢަބްދުލް ރަޝީދު ޢަބްދުލް ޤާދިރުއެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަހްމަދު ރަޝީދު  ވިދާޅުވިގޮތުގައި މީގެ ކުރިން ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޤުރުއާން އުނގަންނައިދިނުމަކީ ދަތި އަދި ބުރަ މަސައްކަތެކެވެ. އެކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ޢާއްމުގޮތެއްގައި ކަންކުރަމުން އަންނަ އުސޫލަކީ މުދައްރިސް ކައިރީގައި ހުރެގެން ކިޔަވާ އަޑު އަހައިގެންނާއި، ކިޔަވާފައިވާ އޯޑިއޯއެއް އަޑުއަހައިގެން ނުވަތަ މައިންބަފައިން ކިޔާދިނުމުން އަޑުއަހައިގެންކަމަށް އަހްމަދު ރަޝީދުގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން ބްރައިލް ދަސްކުރުމުގެ މުހިއްމުކަމަށް އިޝާރާތްކުރައްވަމުން، މި ކަމަކީ ހަމައެކަނި ލޯފަންކުދިން ދަސްކުރަން އޮތް ޢިލްމެއް ނޫންކަމާއި، މިފަދަ ދަރިވަރުން ތަމްރީނުކުރުމަށް މުދައްރިސުންނަށްވެސް މިއީ އެހާމެ މުހިއްމުކަމެއް ކަމަށް ވިދާޅުވިއެވެ. ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ރާއްޖޭގައި މިގޮތަށް ކިޔަވައިދިން ފުރަތަމަ ފަހަރުކަމަށްވެފައި، މިކަމަށް ދެއްވި ޚާއްޞަ އިސްކަމާއި އެހީތެރިކަމަށް ، ޖަލްސާގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް އިސްލާމިކް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއަށް ވަރަށް ޚާއްޞަ ޝުކުރެއްދެންނެވިއެވެ. އަދި މި ވާކްޝޮޕްގައި ބައެއް ދަރިވަރުންގެ ޢާއިލާގެ މެންބަރުން ބައިވެރިވިކަމަށްޓަކައި އެބޭފުޅުންނަށްވެސް ހިތްވަރުދެއްވިއެވެ.

ހަމައެހެންމެ މިނިސްޓަރ އޮފް އިސްލާމިކް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިމާއި ކިޔެވުމުގެ ހުނަރަކީ ދިރުވާ އާލާ ކުރަންޖެހޭ ފަންނެއްކަމަށް ހާމަކުރެއްވިއެވެ. ނިމިގެން މިދިޔަ ވާކްޝޮޕަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިފަދަ ވާކްޝޮޕެއް އަލަށް ބޭއްވުނުފަހަރުކަމާއި، ބްރައިލް އަކުރުން ލިޔެފައިވާ ސެޓްފިކެޓެއް މިހާތަނަށް ދެވުނު ފުރަތަމަ ފަހަރުކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޚާއްސަ އެހީއަށް ބޭނުންވާކުދިންނަށް އެހެން ކުދިންނެކޭވެސް އެއްގޮތަށް އެއްވެސް ތަފާތެއްނެތި ޢަމަލުކުރައްވަމުން ގެންދަވާކަމަށާއި މި ވާކްޝޮޕަކީވެސް އެގޮތުން ހިންގުނު ވާކްޝޮޕެއްކަން ޖަލްސާގެ ހާޒިރީންނާއި މުޚާތަބްކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އިތުރަށް މިފަދަ މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ ލޯފަންކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްތަކެއްވެސް ކުރަމުން އަންނަކަމަށާއި އެގޮތުން ލޯފަންކުދިން މުދިމުން ގޮތުގައި މަސައްކަތްކުރައްވާކަންވެސް މިނިސްޓަރ ފާހަގަކުރެވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މުޖުތަމައުގެ ހުރިހައި ފަރާތްތަކަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން މިފަދަ ކަންކަމަށް ބޭރުގެ ބައެއް ޤައުމުތަކުން އެހީތެރިކަން ހޯދުމުގެ މަސައްކަތްތަށް ކުރިއަށްދާކަމަށާއި އަދި އެކަން މިހާރު ފަހިވެފައިވާކަންވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ބެލެނިވެރިންނަށްވަނީ ވަރަށް ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިހުމާލުނުވުމަށާއި،  ވަރަށް ބޮޑަށް އެކުދިންނަށް ސަމާލުކަން ދިނުމަށާއި، ފަރުވާތެރިވުމަށް ހަނދުމަފުޅުކޮށްދެއްވިއެވެ. ހަމައެހެންމެ މި ވާކްޝޮޕްގެ ބައިވެރިންނަށާއި، ބެލެނިވެރިންނަށާއި، މިކަން އިންތިޒާމް ކުރެއްވި ހުރިހައި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދެންނެވިއެވެ. ޚާއްޞަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި ނައިބް ރައީސް ފައިޞަލް ނަސީމަށް ބްރައިލް ވާކްޝޮޕް ކުރިއަށް ގެންދިއުމަށް ދެއްވި އިރުޝާދަށާއި ބެހެއްޓެވި ގާތްކަމަށް ވަރަށް ޚާއްސަ ޝުކުރެއްދެންނެވިއެވެ.

މި ވާކްޝޮޕް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓުގެ އިތުރުން ބައިވެރީންގެ ތެރެއިން ލޯފަން ދަރިވަރުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ބްރައިލް ޚަތިމް ސެޓެއްވެސްވަނީ ހަދިޔާ ކުރައްވާފައެވެ. މި ތަކެތި ދަރިވަރުންނަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް  އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.

ބްރައިލް ވާކްޝޮޕަކީ ލޯފަންކުދިންނަށް ކީރިތިޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ކީރިތިޤުރުއާނާބެހޭ ޤައުމީ މަރުކަޒުން 27 އޮކްޓޯބަރ 2019 އަހަރު ފަށާފައިވާ ޕްރޮގްރާމެކެވެ. ޢަރަބި އަކުރުތަކުން ފެށިގެން ޤުރުއާނުގެ ސޫރަތްތައް ކިޔަވާނެގޮތް ވަނީ މި ވާކްޝޮޕުގެ ދަރިވަރުންނަށް އުނގަންނައިދީފައެވެ. ވާކްޝޮޕް ނިމިފައިވަނީ 28 ނޮވެމްބަރ 2019 ވަނަ އަހަރުއެވެ. ޖުމްލަ 9 ދަރިވަރުން ވާކްޝޮޕް ފުރިހަމަ ކޮށްފައިވާއިރު ލޯފަން 6 ކުއްޖަކާއި، މި ދަރިވަރުންގެ އާއިލާގެ ތެރެއިން 2 މެމްބަރަކާއި، ޓީޗަރެއް މީގެ ތެރޭގައި ހިމެނެއެވެ.

 

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ، މާލޭސިޓީ ކައުންސިލްގެ މޭޔާ އަލްފާޟިލާ ޝިފާ މުހައްމަދާއި މިއަދު ބައްދަލުކުރައްވައިފި

 

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ، މާލޭސިޓީ ކައުންސިލްގެ މޭޔާ އަލްފާޟިލާ ޝިފާ މުހައްމަދާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ މާލޭގެ ބައެއް މިސްކިތްތައް ނުނިމި ލަސްވެގެންދިއުމާއެކު އެކަން ހައްލުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުންނެވެ. އަދި މިސްކިތްތައް މަރާމާތުކުރުމާއި ސާފުކުރުމަށް ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

 

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ދީނީ ނަޞޭހަތް ދިނުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް އެތަނުގެ އިސްފަރާތްތަކާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދީނީ އަދި އަޚްލާޤީ މަޢުލޫމާތު އުނގަންނައިދިނުމުގެ ޕްރޮގްރާމް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށްވަނީ ނިންމާފައެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރި 6 އަހަރުގެ ތުއްތު ދަރިވަރާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި

 

އުމުރުން 6 އަހަރުގައި ޔޫސުފް ބިން މާޒިން ޤުރްއާން ހިތުދަސްކޮށްފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ، ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ޔޫސުފްގެ އިތުރުން ޔޫސުފްގެ މައިންބަފައިންނަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާ މިކަމަށް މަރުޙަބާ ދެންނެވިއެވެ. އަދި މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ ވަނީ ޔޫސުފްއަށް ހަދިޔާވެސް ދެއްވާފައެވެ. މީގެ އިތުރުން ހާފިޘުންގެ ލިސްޓުގައި ޔޫސުފް ހިމެނުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކޮމިޓީއަށް ކިޔައިދޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ވަރަށް އަވަހަށް މިކޮމިޓީއަށް ޔޫސުފް ހިފްޘު ކޮށްފައިހުރި މިންވަރު މިންވަރުބެލުމަށްޓަކައި ކިޔައިދޭނެއެވެ. މިއީ ދިވެހިރާއްޖޭގައި އުމުރުން 6 އަހަރުގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނަށްސްޓާފް ކާޑު ހަވާލުކޮށްފި

 

 

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު މިނިސްޓްރީގެ ހުރިހައި މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުގައި ކާޑުއަޅައިގެން އުޅޭ ގޮތަށް ނިންމާ ކާޑު ހަވާލުކޮށްފިއެވެ. މިގޮތަށް ނިންމީ ރައްޔިތުންނަށް ޚިދުމަތްދޭ އިރު އެއީ ކާކުކަން އެނގޭނެ ގޮތް ހެދުމަށާއި އަދި މިނިސްޓްރީގެ މުވަޒަފުން ފަސޭހައިން ފާހަގަ ކޮށް އެންގޭނެ ގޮތް ހެދުމުގެ ގޮތުންނެވެ. މި ރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ހުރިހައި މުވައްޒަފުންނަށްވަނީ ކާޑު ހަވާލުކޮށްފައެވެ.